Advertisement

އެސްޓީއޯ ބޭސް ފިހާރަތަކުން އެގްރިސެންޓަރުގައި ރަޖިސްޓްރީ ކުރެވޭ ގޮތް ހަދައިފި

28 އޭޕްރީލް 2021 - 18:08 0

އަމަން ހަލީމް

އަމަން ހަލީމް


އެސްޓީއޯ ބޭސް ފިހާރަތަކުން އެގްރިސެންޓަރުގައި ރަޖިސްޓްރީ ކުރެވޭ ގޮތް ހަދައިފި

28 އޭޕްރީލް 2021 - 18:08 0

އެސްޓީއޯ އެގްރިސެންޓަރުގައި ރަޖިސްޓްރީ ވާން ބޭނުންވާ ދަނޑުވެރިންނަށް އެސްޓީއޯގެ ބޭސް ފިހާރަތަކަށް ގޮސް, ފޯމް ފުރައިގެން ރަޖިސްޓްރީގެ ކަންކަން ފުރިހަމަ ކުރެވޭނެ ކަމަށް އެގްރިސެންޓަރުން ބުނެފި އެވެ.

ބޭސްފިހާރަތައް މެދުވެރިކޮށް އެގްރިސެންޓަރުގައި ރަޖިސްޓްރީ ކުރެވޭ ގޮތަށް ހަމަޖެއްސީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ތިބި ދަނޑުވެރިންނަށް ރަޖިސްޓްރީ ކުރެވޭނެ ގޮތް ފަހިކޮށްދިނުމަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަތައް ހުރެ އެވެ.

އެގްރިސެންޓަރާ ގުޅޭގޮތުން "އަދަދު"އަށް މައުލޫމާތު ދެމުން އެތަނުގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ޝަހާދު ވިދާޅުވީ، އެގްރިސެންޓަރުގައި ރަޖިސްޓްރީ ވާން ބޭނުންވާ ދަނޑުވެރިންނަށް ބޭސްފިހާރަތަކުގެ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި ފޯމު ފުރައި ދިނުމަށް ފަހު ފޯމް މާލެއަށް ފޮނުވާނީ އެސްޓީއޯ އެ މުވައްޒަފުން ކަމަށް ޝަހާދު ވިދާޅުވި އެވެ.

އެގްރިސެންޓަރާ މުދާ ހަވާލުކުރާތާ ދެ ދުވަސްތެރޭ ފައިސާ ލިބޭނެ

އެސްޓީއޯ އެގްރިސެންޓަރުގައި ރަޖިސްޓްރީވާ ހިސާބުން ދަނޑުވެރިޔާއާ އެގްރިސެންޓަރާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ހަދާނެ އެވެ. މިއީ ދެ ފަރާތަށް ފައިދާވާ ގޮތަށް ހަދާ އެއްބަސްވުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

ޝަަހާދު ވިދާޅުވި ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން މުދާ ފޮނުވާނެ އެވެ.

އެ ހިސާބުން އެސްޓީއޯގެ މަސައްކަތް ފެށުނީ އެވެ.

ދަނޑުވެރިޔާގެ މުދާ އެގްރިސެންޓަރަށް ލިބުމާއެކު، އެގްރިސެންޓަރުގެ މުވައްޒަފުން އެ މުދާ ކިރާނެ އަދި، އެ މުދާ ދޮވެ ސާފުކުރުމަށް ފަހު ޕެކިން ހަދާނެ އެވެ.

އެސްޓީއޯ އެގްރިސެންޓަރު: އަންނަ މަހު އާންމުންނަށް ޕްރޮޑަކްޓްތައް ފެންނާނެ


ދަނޑުވެރިން ގެންނަ ތަކެތީގެ ތެރޭގައި ހަލާކުވެފައި ހުންނަ ތަކެތި އެސްޓީއޯއިން ނުނަގާނެ އެވެ. އަދި މުދަލުގެ ބަރުދަން ބެލުމަށް ފަހު، އެސްޓީއޯއަށް ކިރި ތަކެއްޗާއި އުކާލި ތަކެތީގެ ތަފުސީލުތައް ދަނޑުވެރިޔާގެ ފޯނަށް އެސްއެމްއެސްގެ ޒަރިއްޔާއިން ފޮނުވާނެ އެވެ.

ދަނޑުވެރިންނަށް އެސްޓީއޯގެ ފަރާތުން ދޭ އެންމެ ބޮޑު ޔަގީންކަމަކީ ޝަހާދު ވިދާޅުވި ގޮތުގައި، ދަނޑުވެރިންގެ މުދަލުގެ ހަމަ އަގު ޖެހޭ ފައިސާ ލިބުމެވެ.

"ޕޭމަންޓް ހަދާތާ ބަންދު ނޫން ދެ ދުވަހުގެ ތެރޭގައި އެކައުންޓަށް ފައިސާ ޖަމާވާނެ،" ޝަހާދު ވިދާޅުވި އެވެ.

މުދާ ފޮނުވުމާއި ފައިސާ ފޮނުވުމުގެ ކަންކަން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ދަނޑުވެރިންނަށް ހާއްސަ ވައިބާ ޕްލެޓްފޯމެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. މިއީ ދަނޑުވެރިން މުދާ ފޮނުވުމުގެ ކުރިން އެގްރިސެންޓަރަށް އަންގާ، ދަނޑުވެރިންނާ މުއާމަލާތް ކުރަން ފަސޭހައަކަށް ހެދި ޕްލެޓްފޯމެކެވެ.

މިހާތަނަށް އެގްރިސެންޓަރުގައި 400 އަށް ވުރެ ގިނަ ދަނޑުވެރިން ވަނީ ރަޖިސްޓްރީވެފަ އެވެ. އަދި މިހާރު ވެސް ދުވާލެއްގެ މައްޗަށް 30 ވަރަކަށް ފޯމު ލިބެމުން އަންނަ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ލަފާކުރަނީ އަންނަ މަހުގެ މެދު ތެރޭގައި ބާޒާރަށް ދަނޑުވެރިންގެ އުފެއްދުންތައް ފޯރުކޮށްދެވޭނެ ކަމަށެވެ.