Advertisement

ކުޅިވަރު ގާނޫނު މައްސަލައިގައި ހަސަންގެ ބަހުގެ ހަމަލާއެއް ސަރުކާރަށް

24 އޭޕްރީލް 2021 - 12:33 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މެމްބަރު ހަަސަން ލަތީފް.-- ފޮޓޯ: ރައްޔިތުންގެ މަޖިލީސް


ކުޅިވަރު ގާނޫނު މައްސަލައިގައި ހަސަންގެ ބަހުގެ ހަމަލާއެއް ސަރުކާރަށް

24 އޭޕްރީލް 2021 - 12:33 0

ކުޅިވަރު ގާނޫނު އިސްލާހު ކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި އެކަމުގެ އެއްވެސް ޝައުގުވެރިކަމެއް ވެސް ސަރުކާރުގައި ނެތް ކަމަށް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން އެހެން ވިދާޅުވީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް (ސާޔާ) "އަދަދު" ނޫހުގައި ލިޔުއްވާފައިވާ ކޮލަމް ފައުލް ޓްވީޓް ކުރެއްވުމަށް ފަހު އެވެ. ކޮލަމް ފައުލްގައި ޝާހު "ކުޅިވަރު ގާނޫނު ތަންފީޒުކުރުން ކުޅިވަރަކަށް ނުހަދަމާ!" މި ސުރުހީގެ ދަށުން ވަނީ މުހިއްމު ކަންތައްތަކަކަށް އަލި އަޅުވާލައިފަ އެވެ.

"ކުޅިވަރުގެ އިދާރީ ހިންގުން އިސްލާހު ކުރުމުގެ ޝައުގުވެރިކަމެއް ވެސް ނިޔަތެއް ވެސް ސަރުކާރުގެ އެއް ނެތް. ގާނޫނާ ހިލާފަށް ހިނގާ އެތައް ކަމެއް އެެހެރީ ފެންނަން،" ހަސަން ޓްވީޓްކުރެއްވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަސަން ވަނީ ކުޅިވަރު ގާނޫނަށް އިސްލާހުތަކެއް ގެންނަން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފަ އެވެ. އޭރު ރާއްޖެ ޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގެ މެޖޯރިޓީ އޮވެގެން 2015 ވަނަ އަހަރު ފާސްކުރި ކުޅިވަރު ގާނޫނު އިސްލާހުކުރުމަކީ، 2018 ގެ އިންތިހާބުގެ ކުރިން އެމްޑީޕީން ވަރަށް ބޮޑަށް ދެއްކި ވާހަކައެއް ކަމަށާއި ރައީސް އޮފީހުން ޝާއިއުކޮށްފައިވާ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައިވާ ގޮތުން 2019 ވަނަ އަހަރުގެ ނިޔަލަށް އެކަންކުރަން ޖެހޭ ކަމަށެވެ. އަދި އެކަން މިހާތަނަށް ވެސް ނުކޮށް އޮތީ ރޭވުމެއްގެ ދަށުން ސަރުކާރުން ކުޅިވަރަށް ނުފޫޒު ފޯރުވަން ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަންގެ އިސްލާހުގައި ހުރި ބައެއް ކަންތައްތަކާ މެދު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި މިނިސްޓަރު މަހުލޫފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އެ އިސްލާހު އޮތްގޮތަށް ފާސްވެއްޖެނަމަ ގިނަ ކުޅިވަރުތަަކަކުން ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، އެކަން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ވެސް ފާހަގަކޮށްފައިވެ އެވެ.

ހަސަން ހުށަހެޅި އިސްލާހުގައި އެންމެ ގިނަ ބަޔަކަށް ގަބޫލުނުކުރެވުނު ކަަމަކީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ހިމަނުއްވާފައިވާތީ އެވެ. އެ ގޮތަށް އެކަން ކޮށްފިނަމަ ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރުވި ކަަމަށް ބަލައި އެ އިންތިހާބެއް ބާއްވާ ކުޅިވަރެއް ސަސްޕެންޑްކުރާނެ ކަމަށް އެސޯސިއޭޝަންތަކުން ބުނެ އެވެ.

ދެން އެ އިސްލާހުގައި ހިމެނޭ ބައިތަކަށް ބަލާއިރު ގާނޫނުން ސްޕޯޓްސް ކޯޕަރޭޝަނަށް ދޭން ކަނޑައަޅާފައިވާ ބާރުތައް ދިނުމުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމިއްޔާތަކާ ގުޅޭ ބައެއް ކަންކަމުގައި މިނިސްޓަރުގެ ދައުރު ހަނިވާގޮތަށް ކުޅިވަރު ހިންގުމުގެ ބައި ކަނޑައަޅައި ކުޅިވަރުގެ އިންފްރާސްޓަރަކްޗާތައް ބެލެހެއްޓުން މިހާރަށް ވުރެ ރަނގަޅަށް ކުރިއަށްގެންދެވޭނެ ގޮތްތަކެއް ހަދަން ވަނީ ހިމަނުއްވައިފަ އެވެ.

ހުށަހެޅުނު އިސްލާހުތަކާ މެދު މަޖިލީހުގެ ކޮމިޓީތަކުން ދިރާސާކުރުމަށް ފަހު އެންގީ ކުޅިވަރު ގާނޫނުން ލާޒިމްކޮށްފައިވާ ސްޕޯޓްސް އާބިޓްރޭޝަން ޕެނަލް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އެކަމާ ގުޅުންހުރި ގަވާއިދުތަކާއި އުސޫލުތައް ވީ އެންމެ އަވަހަކަށް ހެދުމަށެވެ.