Advertisement

ނުފޫޒުގަދަ ވުޑްވާޑް މި އަހަރަށް ފަހު ޔުނައިޓެޑް ދޫކޮށްލަނީ

21 އޭޕްރީލް 2021 - 03:03 0

އެޑް ވުޑްވާޑް: މި ސީޒަނަށް ފަހު ޔުނައިޓެޑް ދޫކޮށްލާނެ


ނުފޫޒުގަދަ ވުޑްވާޑް މި އަހަރަށް ފަހު ޔުނައިޓެޑް ދޫކޮށްލަނީ

21 އޭޕްރީލް 2021 - 03:03 0

މެންޗެސްޓާ (އޭޕްރީލް 21) - ޔޫރަޕިއަން ސުޕަ ލީގުގެ ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި މެންޗެސްޓާ ޔުނައިޓެޑްގެ ވައިސް ޗެއާމަންގެ މަގާމުގައި ހުރި ކްލަބްގެ އެންމެ ނުފޫޒުގަދަ އެއް މެމްބަރު، އެޑް ވުޑްވާޑް މި އަހަރަށް ފަހު މަގާމުން ވަކިވާނެ ކަމަށް އެ ކްލަބުން އިއުލާނުކޮށްފި އެވެ.

ސުޕަ ލީގުގެ ފައުންޑާ މެމްބަރުންގެ ތެރޭގައި ހިމެނޭ 12 ކްލަބްގެ ތެރޭގައި ޔުނައިޓެޑް ހިމެނެ އެވެ. އޭގެ މަޝްވަރާތަކުގައި ބައިވެރިވީ ޔުނައިޓެޑްގެ ފަރާތުން ވުޑްވާޑް އެވެ. ޔުނައިޓެޑުން މިރޭ ވަނީ ޕްރިމިއާ ލީގުގެ އަނެއް ފަސް ކްލަބެކޭ އެއްގޮތަށް ސުޕަ ލީގުން ރަސްމީކޮށް ވަކިވެފަ އެވެ.

ވުޑްވާޑް ވަނީ ސުޕަ ލީގު ރަސްމީކޮށް އިއުލާނުކުރުމާ އެކު ޔުއެފާގައި އޭނާ އަދާކުރަމުން އައި އެގްޒެކްޓިވް ރޯލު ދޫކޮށްލައިފަ އެވެ. އެ މައްސަލައިގައި ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ ވުޑްވާޑަށް ފާޑުކިޔައިފަ އެވެ.

ޔުއެފާ އާއި ފީފާގެ އުސޫލާ ހިލާފަށް ބާއްވާ ސުޕަ ލީގުގައި ޔުނައިޓެޑް އޮތުމުން އެ ކްލަބްގެ ސަޕޯޓަރުން ދިޔައި ވަރަށް ބޮޑަށް ނުރުހުންފާޅުކުރަމުންނެވެ. އެކަމުގެ ޕްރެޝަރު ބޮޑުވެ، ޔުނައިޓެޑުން މިރޭ ވުޑްވާޑް ވަކިކުރަން ނިންމީ އެވެ. ވުޑްވާޑް އަންނަނީ 2012 އިން ފެށިގެން އެ މަގާމު ފުރަމުންނެވެ.

އެމެރިކާގެ މަހުޖަނު މެލްކަމް ގްލޭޒާ އަށް ޔުނައިޓެޑް ގަތުމަށް ލަފާދިނީ 2005 ވަނަ އަހަރު ވުޑްވާޑް އެވެ. އޭރު ވުޑްވާޑަކީ އިންވެސްޓްމަންޓް ބޭންކަރެކެވެ. ގްލޭޒާގެ ފަރާތުން ޔުނައިޓެޑަށް އެންމެ ފުރަތަމަ ވުޑްވާޑް ހިދުމަތްކުރަން ފެށީ މާލީ ގޮތުން ލަފާދޭ މީހެއްގެ ގޮތުގަ އެވެ.

ފަހުން 2007 ވަނަ އަހަރު ޔުނައިޓެޑްގެ ކޮމާޝަލް އަދި މީޑިއާ ކަންތައްތަކުގެ އެންމެ އިސް ވެރިޔެއްގެ ޒިންމާ ހަވާލުކުރި އެވެ. އޭނާގެ މޭސްތިރި ކަމުގެ ދަށުގައި ޔުނައިޓެޑްގެ އަގު އެތައް ގުނައެއް އުފުލިގެން ދިއުމާ އެކު 2012 ވަނަ އަހަރު ޔުނައިޓެޑްގެ ސީއީއޯގެ މަގާމުގައި ހުރި ޑޭވިޑް ޖިލް ރިޓަޔާކުރުމުން އެ މަގާމަށް ވުޑްވާޑް އައްޔަނުކުރި އެވެެ.

އޭގެ ފަހުން ޔުނައިޓެޑްގެ އެ ނުފޫޒު ގަދަ މަގާމުގައި ހުރީ ވުޑްވާޑް އެވެ. ފާގަސަން އަށް ފަހު ޔުނައިޓެޑްގެ ކޯޗުކަން ކުރި ޑޭވިޑް މޮއިސް، ލުއީ ވެން ހާލް އަދި ހޯސޭ މޮރީނިއޯ ވެސް ވަނީ މަގާމުން ވަކިވުމަށް ފަހު ވުޑްވާޑްގެ ނުރަނގަޅު ނުފޫޒު ޔުނައިޓެޑްގައި އޮތުމަކީ ކްލަބް ކުރިއަށް ދިއުމަށް އޮތް ބޮޑު ހުރަހެއް ކަމަށް ބުނެފަ އެވެ. ޔުނައިޓެޑްގެ ފައިސާ ކޮންޓްރޯލް ކުރުމާއި ޓްރާންސްފާތަކުގައި ފަހު ބަސް ބުނުމުގެ ކޮންޓްރޯލް ނަގާފައި އޮތީ ވުޑްވާޑް އެވެ. ޔުނައިޓެޑްގެ ގިނަ ކޯޗުން ގަންނަން ބޭނުންވި ކުޅުންތެރިން ނުލިބުނީ ވުޑްވާޑްގެ ސަބަބުން ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.