Advertisement

ރައީސްގެ ފެހި ސިގްނަލް ލިބިއްޖެ، ވަރަށް އަވަަހަށް މަޝްވަރާ ފަށާނެ: އާޒިމް

20 އޭޕްރީލް 2021 - 09:26 9

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

އާޒިމް، ރައީސް ސޯލިހާ އެކު: ބަރުލަމާނީ ނިޒާމުގެ މަޝްވަރާ ރައީސާ އެކު ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ / ރައީސް އޮފީސް


ރައީސްގެ ފެހި ސިގްނަލް ލިބިއްޖެ، ވަރަށް އަވަަހަށް މަޝްވަރާ ފަށާނެ: އާޒިމް

20 އޭޕްރީލް 2021 - 09:26 9

ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ބޮޑުވަޒީރުގެ ގޮތުގައި ގައުމު ހިންގުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުކުރައްވަފާނެ ހެއްޔެވެ؟ ނުވަތަ ރައީސް ސޯލިހްގެ ވިސްނުންފުޅަކީ ރިޔާސީ ނިޒާމުގައި ވެރިކަމުގެ ދެ ވަނަ ދައުރެއް ހެއްޔެވެ؟ ވާން އުޅޭ ގޮތެއްގެ މި މަންޒަރު މުޅިއަކުން އަދި ސާފެއް ނޫނެވެ.

މިހާތަނަށް ޔަގީންވީ އެއް ކަމެކެވެ؛ އެއީ، ނިޒާމް ބަދަލުުކުރާ ނަމަ ވޯޓަކަށް ދާނެ ކަމެވެ. އެ ބާރާއި އިހްތިޔާރު އޮތީ ރައްޔިތުންގެ އަތުގައި ކަން ދެ ބޭފުޅުން ވެސް ގަބޫލުކުރެއްވުމެވެ.

ނަޝީދު އެދިވަޑައިގަތީ، ބޮޑުވަޒީރުގެ ގޮތުގައި ގައުމު ހިންގެވޭނެ ގޮތެއް އެމަނިކުފާނަށް ފަހިކޮށްދެއްވުމަށެވެ. އެކަން އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެއްވިދާނެ ގޮތްތަކެއް ވެސް ހުށަހެޅުއްވި އެވެ. އެމަނިކުފާނު، ރައީސްގެ އަރިހުން އެދިވަޑައިގަތީ، ބައެއް މީހުން މާނަކުރި ގޮތުގައި، ވޯޓަކަށް ނުގޮސް ގާނޫނުއަސާސީ އިސްލާހުކޮށްގެން ނިޒާމް ބަދަލުކުރާށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު: ދެ ބޭފުޅުން ވެސް ގަބޫލުކުރައްވަނީ ނިޒާމު ބަދަލުކުރަން ޖެހޭނީ ވޯޓަކުން ކަމަށް.


މި ބަހުސް ފެށިފައި ވަނިކޮށް، ނަޝީދުގެ ހުށަހެޅުއްވުމަށް ރައީސްގެ ޖަވާބަކަށް ވީ މިހާރު އޮތް ނިޒާމަކީ ރައްޔިތުންގެ ނިންމުން ކަމަށްވާތީ، ބަދަލަކަށް އެދޭ ނަމަ ދެން ވެސް ދާން ޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށެވެ. މިހެން ރައީސް ވިދާޅުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ނަޝީދު ވެސް އެ ވާހަކަފުޅަށް އެއްބަސްވެވަޑައިގަތެވެ. ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާއެއް، އަދި ކޮންމެ މަސައްކަތެއް ގުޅިފައި އޮތީ ފެންނަ، ނުފެންނަ ވޯޓާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް ނަޝީދުގެ ޖަވާބުން ޔަގީންވެފައި އެ އޮތީ ދެ ބޭފުޅުންގެ ވިސްނުންފުޅު މިކަމުގައި އެއްގޮތް ކަމެވެ. މިސްރާބު ވެސް ހުރީ އެއްދިމާލަކަށް ކަމަށާއި އެއީ ބަރުލަމާނީ ނިޒާމެއް ގެންނެވުން ކަމަށެވެ.

އާޒިމް، "އަދަދު"އަށް ވިދާޅުވީ އެކަމުގައި އެންމެން އެއް މޭޒެއްގައި އެ މަޝްވަރާކުރައްވަން ރައީސް ސޯލިހް ވެސް ހުންނެވީ ތައްޔާރަށް ކަމަށެވެ.

އެމްޑީޕީގެ ލީޑަޝިޕް, ރައީސުލްޖުމްހޫރިއްޔާ އެކު އަޅުގަނޑުމެން އިށީނދެ މިކަމާ ގުޅޭ ގޮތުން ކުރިއަށް ދާނެ ގޮތަކާ މެދު މަޝްވަރާ ކުރެއްވުމުގެ ސިގްނަލްއެއް ރައީސުލްޖުމްހޫރިއްޔާއާ ހިސާބުން ވެސް އެބައޮތް އައިސްފައި ޕާޓީއަށް. -- އާޒިމް

"އަޅުގަނޑަށް މި ހިސާބަށް [ރެއާ ހަމައަށް] މައުލޫމާތު ލިބިފައިވާ ގޮތުން ނަމަ ވަރަށް އަވަހަށް އިށީނދެ މި މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާއާ އެކު ފަށައިގެން ކުރިއަށްދާނެ."

އާޒިމް ވިދާޅުވި ގޮތުގައި، ނަޝީދާއި ޕާޓީގެ ވެސް ވިސްނުމަކީ މަޝްވަރާކޮށްގެން ގޮތެއް ނެރުމެވެ. ރައްޔިތުންގެ ގާތުން ނާހައި އަޣުލަބިއްޔަތާ އެކު އެންމެ ކުރުމަގަކުން އެކަން ކުރުމެއް ނޫނެވެ.

"ރައީސް ނަޝީދު ވެސް ވިސްނުން ހުރީ އެގޮތަށް ނޫން, އަމިއްލައަށް ކުރައްވާކަށް ނޫން. ގާނޫނުއަސާސީ ބަދަލުކުރައްވާކަށް ވެސް ނޫން. އެހެންވީމަ ދެ ބޭފުޅުންގެ މިސްރާބު އެހެރީ އެއް ދިމާލަކަށް އަޅުގަނޑަށް ފެންނަ ގޮތުގައި," އާޒިމް ވިދާޅުވި އެވެ.

ނިޒާމް ބަދަލުކުރަން ޖެހޭތަ؟

ދިވެހި ރައްޔިތުން 2007ގައި ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ތިން ބާރު ވަކިވެފައި އޮތް ރިޔާސީ ނިޒާމެކެވެ. ވެރިކަން ހިންގުމާއި ގާނޫނު ހެދުމާއި އަދުލުއިންސާފު ގާއިމްކުރުމުގެ ބާރު ވަކިވެފައި އޮތުމުން، އެއް ބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވެވޭނެ ކަމަށް ދެކިގެންނެވެ.

ބަރުލަމާނީ ނިޒާމުގައި، ވެރިކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީއަކުންނެވެ. ވެރިކަން ހިންގާ ފަރާތާއި މަޖިލީހަކީ އެއް ބައެކެވެ. ބޮޑުވަޒީރަކު ހުންނަވާފައި، މިނިސްޓަރުންނަކީ މަޖިލީހުގެ މެމްބަރުންނެވެ. ރައީސަކު ހުންނެވިޔަސް ގައުމު ހިންގަވާނީ ބޮޑުވަޒީރެވެ.

ބާރުލަމާނީ ނިޒާމް، އޭރު ދިވެހިން ބޭނުން ނުވީ ސަރުކާރު ޖަވާބުދާރީ ނުކުރެވި، ސަރުކާރު ބޭނުންވާ ގޮތަށް ގާނޫނުތައް ފާސްކޮށްފާނެތީ އެވެ. އެއާ އެކު، ސަރުކާރު ބަދަލުކުރަން މި ނިޒާމުގައި ފަސޭހަވާނެތީ އެވެ.

މި ނިންމުން ބަދަލުކުރުމުގެ ވޯޓަކާ ހަމައަށް ދާން ވެސް ރައްޔިތުން ބޭނުން ހެއްޔެވެ؟

އެންމެ ކުރީއްސުރެން އެމްޑީޕީން ވަކާލާތުކުރާ ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ ސަބަބަކީ، ނަޝީދު ވެރިކަމަށް ވަޑައިގަތުން ކަމަށް ތުހުމަތުތައް ކުރެ އެވެ. ހަވާސާގައި އިތުރަށް ނުހުންނެވޭނެ ކަމަށް ފާޅުގައި ވިދާޅުވެފައި ވެސް އެބައޮތެވެ. ރިޔާސީ އިންތިހާބު 2018 ގައި ބޭއްވިއިރު، ކެމްޕޭން ތެރޭގައި ވެސް އެމަނިކުފާނު ވަކާލާތު ކުރެއްވީ އިންތިގާލީ ސަރުކާރެއް އުފެއްދުމަށެވެ. އޭގެ ފަހުން ދައުރުގެ މެދުތެރެއިން ބަރުލަމާނީ ނިޒާމެއް ގެންނެވުމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ވެސް މިގޮތަށް ލިއުނެވެ. އެކަމަކު ރައްޔިތުންނަށް އާއްމުކުރި ކޯލިޝަން މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމުގެ ވާހަކަ އޮތީ އުނިކޮށްފަ އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި، ބަރުލަމާނީ ނިޒާމް ގެންނަން ޖެހޭ ސަބަބަކީ މި ސަރުކާރު އެކަށީގެންވާ ގޮތެއްގައި ނުހިނގުމެވެ. ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދި ލަސްވުމެވެ. އެކަންކަން ބަލަހައްޓައިގެން ދައުރު ނިމެންދެން ހުންނަވަން ނަޝީދު ބޭނުންފުޅު ނުވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އާޒިމް: އޭނާ ވިދާޅުވަނީ ނިޒާމް ބަދަލުކުރުމާ މެދު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް ނަޝީދުގެ ވިސްނުންފުޅު އެއްގޮތަށް ކަމަށް. -- ފޮޓޯ / މަޖިލިސް


ނަޝީދުގެ މުޅި ވިސްނުންފުޅަކީ ވެރިކަމުގެ ނިޒާމް ފުރޮޅާލައި ވެރިކަމަށް ވަޑައިގަތުން ކަމަށް އެމަނިކުފާނަށް އަމާޒުކުރާ ތުހުމަތުތައް އާޒިމް ދިފާއުކުރެއްވި އެވެ.

"ރައީސް ނަޝީދަކީ ޕާޓީގެ ރައީސްވީމާ, ޕާޓީގެ ގިނަ މީހުން ގަބޫލުކުރާ ލީޑަރަކަށް ވާތީވެ ނުކުމެ އެ ވާހަކަ ދެއްކެވީމާ އެމަނިކުފާނު ފެނިވަޑައިގަންނަވަނީ. އެކަމަކު އެއީ [ބަރުލަމާނީ ނިޒާމަކީ] އެމްޑީޕީގެ ފިކުރު,"

އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ވަކާލާތު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނީމާ ޕާޓީގެ ފިކުރާ އެއްގޮތަށް ނުދާންވީ ސަބަބެއް އޮތް ކަމަކަށް އާޒިމް ގަބޫލެއް ނުކުރައްވަ އެވެ.

ރިޔާސީ ނިޒާމްގައި ހުރި އުނދަގޫތަކެއްގެ ވާހަކަ، ވެރިކަމުގައި ހުންނަވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި އެބައޮތެވެ. އެކަމަކު 2019 ގައި އެ ވާހަކަ ދައްކަވަމުން، އެމަނިކުފާނު ބަރުލަމާނީ ނިޒާމެއް ގެންނަވަން ބޭނުންފުޅުކަމަށް ސީދާ ވިދާޅެއް ނުވެ އެވެ.

"ފުރަތަމަ ސުވާލަކީ ރާއްޖޭގައި މިއޮތީ ކޮން ނިޒާމެއްތޯ؟ އެއެއް ނޭނގެ އަޅުގަނޑުމެންނަކަށް. ރިޔާސީ ނިޒާމެއްގެ ސިފަތަކެއް ވެސް ހަމައެއް ނުވޭ. ބަރުލަމާނީ ނިޒާމެއްގެ ސިފަތަކެއް ވެސް މި ނިޒާމުގައި ހަމައެއް ނުވޭ،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިކަން ހައްލުވާން އޮތީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެންނެވެ. ރިޔާސީ ނިޒާމް ފުރިހަމައަށް ހިންގާ ނަމަ ސަރުކާރަށް އިތުރު ބާރުތަކެއް ލިބެން ޖެހެ އެވެ. ނޫނިއްޔާ ބަރުލަމާނީ ނިޒާމަކަށް ދާންވީ ކަމަށް ވިދާޅުވި އެވެ.

މި ވާހަކަފުޅާ ވިއްދައިގެން އޭރު ވެސް އެމަނިކުފާނު ޔަގީންކަން ދެއްވީ ރައްޔިތުންގެ ބަހެއް ނެތި ނިޒާމް ބަރުލަމާނީއަކަށް ފުރޮޅައިނުލައްވާނެ ކަމެވެ.

ބޮޑުވަޒީރަކު ވެރިކަން ކުރައްވާ ބަރުލަމާނީ ނިޒާމް ރާއްޖެއަށް ބޭނުންވާ ސަބަބަކީ، އާޒިމް ވިދާޅުވި ގޮތުގައި، އެއީ އެމްޑީޕީގެ ފިކުރަކަށް ވުމެވެ.

"އެއީ އެމްޑީޕީގެ ސިޔާސަތު. އެ ދުވަހު ވެސް ވަކާލާތުކުރި ގޮތަށް މިއަދު ވެސް އެ ވަކާލާތުކުރަމުން އަންނަނީ. ހުރިހާ ކަމަކަށް ވެސް މި އޮންނަނީ އެމްޑީޕީ ފެށުނުއިރުގެ ވިސްނުން, އެ ފިކުުރު," އާޒިމް ވިދާޅުވި އެވެ.

އާޒިމް މިހެން ވިދާޅުވި ނަމަވެސް ނިޒާމް ބަދަލުކުރުމުގައި ރައީސް ސޯލިހްގެ ވިސްނުންފުޅު ސާފެއް ނޫނެވެ. އެކަން ކުރައްވަން ބޭނުންފުޅުތޯ ނުވަތަ ނޫންތޯ އަމިއްލަފުޅަށް އަދި ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.

ބަރުލަމާނީ ސުވާލުތަކުން ރެކިވަޑައިގަންނަވަމުން އެންމެ ފަހުން ވިދާޅުވެފައި އޮތީ، ނިޒާމް ބަދަލުކުރުމުގައި އުޅުއްވަން އެމަނިކުފާނަށް ވަގުތެއް ނެތް ކަމަށެވެ. ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅުވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށެވެ. އެ ނޫން ކަމަކާ މެދު ވިސްނެވުން ނުވަތަ ދައުރުގެ މެދުތެރެއިން ދެ ވަނަ ދައުރަކާ މެދު ވިސްނުމަކީ އެމަނިކުފާނު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.

މެމްބަރުންގެ އަޣުލަބިއްޔަތު ބަރުލަމާނީއަށް ލިބޭނެ؟

ބަރުލަމާނީ ނިޒާމާ މެދު، ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތުން މަޝްވަރާކުރައްވަން ނިންމާފައި އޮތަސް ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ހުރިހާ މެމްބަރުން ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށްފާނެ ކަމާ މެދު ވެސް ސުވާލު އުފެދެ އެވެ. މެމްބަރުން މިކަމުގައި ތިއްބެވި ގޮތް އެނގޭނީ ރައީސް ސޯލިހް ނިންމަވާ ގޮތެއްގެ މައްޗަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕު އޮތީ ދެބައިވެފަ އެވެ. ބައެއް މެމްބަރުން ތިއްބެވީ ރައީސް ސޯލިހާ އެކުގަ އެވެ. އަނެއް މެމްބަރުންގެ ނިންމުންތައް އަންނަނީ ރައީސް ނަޝީދުގެ ވިސްނުންފުޅުންނެވެ.

އެކަމަކު ނިޒާމް ކަނޑައެޅުމުގައި އެމްޑީޕީގެ ޕީޖީގައި ދެކަފި ނިންމުންތަކެއް ނުވަތަ ހިޔާލުތަކެއް ހުރެދާނެ ކަމަަކަށް އާޒިމް ގަބޫލެއް ނުކުރައްވަ އެވެ.

"ބަރުލަމާނީއަށް ވުރެން ރަނގަޅީ ރިޔާސީއޭ ފާޅުގައި ވިދާޅުވާ އެމްޕީން ތިބޭނެ. އެކަމަކު ޕާޓީގެ ނިންމުމާ އެއްގޮތަށް ހުރިހާ އެމްޕީން ދާނެ ކަމަށް އަޅުގަނޑު ދެކެނީ," އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނާ ރައީސް ބައްދަލުކުރައްވަނީ. -- ފޮޓޯ / ރައީސް އޮފީސް


ސަބަބެއްގެ ގޮތުގައި ދެއްކެވީ އެމްޑީޕީގެ ހުރިހާ ކަމެއް، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް ނަޝީދުގެ ވިސްނުންފުޅާ އެއްގޮތަށް ނިމުމެވެ. ދެ ބޭފުޅުންގެ ވިސްނުމަކީ މިކަމުގައި، ފުރަތަމަ ވެސް ރައްޔިތުންނާ ހިސާބަށް ދެވޭ މަގަކުން ދިއުން ކަމަށް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އެބަ އެއްބަސްވެވަޑައިގަންނަވާ ރައްޔިތުންނޭ ބަހެއް ބުނާނީ. ރައީސް ނަޝީދު ވެސް އެބަ އެއްބަސްވެވަޑައިގަންނަވާ. އެހެންވީމަ ޕާލަމެންޓްރީ ގްރޫޕްގައި މީގައި މާބޮޑު ދެކޮޅު ހެދުމެއް ނޫނިއްޔާ އިތުރު ވިސްނުމެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ," އާޒިމް ވިދާޅުވި އެވެ.

އާޒިމް ވެސް ދެއްވާ ޔަގީންކަމަކީ މިކަން ނިންމާނީ ރައްޔިތުން ބޭނުންވާ, ނުވަތަ ރުހޭ ގޮތަކަށް ކަމެވެ. ކުރިއަށް އޮތީ ޕާޓީގެ ހުރިހާ ދަރަޖައެއްގައި ވެސް މަޝްވަރާކުރުން ކަމަށް ވިދާޅުވި އެވެ.

"ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް"

ބަރުލަމާނީ ނިޒާމެއް ގެނެވޭނީ ގާނޫނުއަސާސީ ބަދަލުކޮށްގެންނެވެ. އޭގެކުރިން ނަގަން ޖެހޭނީ އެ ނިޒާމަށް ތާއީދު އޮތްތޯ ބެލުމުގެ ވޯޓެކެވެ. ގާނޫނުއަސާސީ ބަދަލުކުރެވޭނީ އެ ވޯޓުގައި، މި ނިޒާމަށް ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.

ކުރީގެ ބަންޑާރަނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ތިން ކަމެއް ތަރުތީބުވެގެން ކަމަށެވެ. އެއް ޝަރުތަކީ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ އާއްމު ވޯޓެއް ނަގައި ރައްޔިތުންގެ އަޣުލަބިއްޔަތުން ފާސްވުން ކަމަށް ވިދާޅުވި އެވެ. އެއާއެކު ގާނޫނުއަސާސީގެ ބޮޑު ބައެއް އިސްލާހުކޮށް، އާ ރައްޔިތުންގެ މަޖިލީހެއް އިންތިހާބުކުރަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.

ބަރުލަމާނީ ނިޒާމެއްގެ ވަގުތު ޖެހިއްޖެއޭ ރައްޔިތުން ބުނެފި ނަމަ، ގާނޫނުއަސާސީގެ ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލިސް ފަދަ ބާބުތަކާއި އަދި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގެ އިޖުރާއަތުތަކުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު ބަޔާންކުރާ ބާބަށް ވެސް ބަދަލު ގެންނަން ޖެހެ އެވެ.

އާޒިމް ވިދާޅުވީ ގާނޫނުއަސާސީއަށް ކޮންމެ ބަދަލެއް ގެންނާނީ ވެސް ރައްޔިތުންނަށް އިތުރު ފުރިހަމަކަމެއް ނުވަތަ ހިންދެމިލައިގެން ރީއްޗަށް އުޅެވޭނެ ގޮތެއް ހޯދައިދޭން ކަމަށެވެ. އެއިން ކޮންމެ ބަދަލަކީ ރައްޔިތުންނަށް ފަސޭހައެއް, ރަނގަޅަކަށް ގެންނަ ބަދަލަކަށް ވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ގާނޫނުއަސާސީއަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ. ރައްޔިތުން އެއްބަސްވާނެ, އަޅުގަނޑަށް ޔަގީން," އާޒިމް ވިދާޅުވި އެވެ.

ޕީޖީ ލީޑަރުގެ ހައިސިއްޔަތުން އޭނާއަށް އޮތް ޔަގީންކަން ބޮޑެވެ؛ ނިޒާމް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ ތާއީދު ވެސް ލިބޭނެ ކަމެވެ.