19 އޭޕްރީލް 2021 - 00:22 10
ފަޒީނާ އަހުމަދު
ރައީސް ސޯލިހާއި ރައީސް ނަޝީދު ރަސްމީ ބައްދަލުވުމެއްގައި: ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރުގެ ގޮތުގައި ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށް ނަޝީދު މިއަދު ވަނީ ރައީސަށް ދަންނަވާފައި. -- ފޮޓޯ / ރައީސް އޮފީސް
19 އޭޕްރީލް 2021 - 00:22 10
ރާއްޖޭގެ ވެރިކަން ހިންގުން އަންނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން މިއަދު އެދިވަޑައިގެންފި އެވެ.
އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް މިއަދު ހަވީރު ފޮނުއްވި މެސެޖެއްގަ އެވެ. އެކަމުގައި ރައީސްއާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ނަޝީދު ފޮނުއްވި މެސެޖް "އަދަދު"އަށް ވަނީ ފެނިފަ އެވެ. އެއީ، ރައީސް ނަޝީދުގެ މެސެޖެއްކަން މަޖިލީހުގެ ބައެއް މެމްބަރުން ވެސް ކަށަވަރުކޮށްދެއްވި އެވެ.
އެމްޑީޕީ އިސްވެ އޮވެ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަކުން އުފެއްދި، ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނުނިމެނީސް ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާކަން ނަޝީދު މީގެ ކުރިން މިހާ ސާފުކޮށް ހުށަހަޅުއްވައި، އެކަން ކެބިނެޓުގެ ވަޒީރުންނާ ހިސާބަށް ގެންނަވައިފައެއް ނުވެ އެވެ.
އެކަމަކު ރާއްޖެ އަށް އެންމެ އެކަށޭނެ އަދި ވެރިކަން ކުރަން އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމް ކަމަށް ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދަވަ އެވެ. އެ ނިޒާމް ބަދަލުކުރައްވަން އުޅުއްވާނީ ރައީސް ސޯލިހްއާ މަޝްވަރާކޮށް ވަގުތު ޖެހުމުން ކަމަށް އެމަނިކުފާނު މިދިޔަ އަހަރު ވިދާޅުވެފައިވެ އެވެ.
ރައީސަށް މިއަދު ފޮނުއްވި މެސެޖުގައި ނަޝީދު އެދިވަޑައިގަތީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.
ޖެހިގެން އަންނަ 2024ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.
އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ނަޝީދު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ވަގުތު ޖެހިއްޖެ ކަމަށް އެމަނިކުފާނު ވަނީ ރައީސަށް ދަންނަވާފައި. --ފޮޓޯ: ހުސެއިން ވަހީދު / އަދަދު
މި ވެރިކަމުގައި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ގިނަ ވާހަކަފުޅުތަކެއް ދައްކަވާފައިވާ ނަޝީދު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމްޑީޕީގެ "ޚަބަރު ސިޓީ"އަށް ލިއުއްވާފައިވާ ގޮތުގައި ރައީސް ސޯލިހްގެ ދެ ވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ. އަދި ކުރިއަށް އޮތް 10 އަހަރު އެމްޑީޕީއަށް، ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ވެސް އެއީ ކަަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އޭރު ނަޝީދު ވިދާޅުވީ "ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ނަމަ، އެކަން، ރައްޔިތުންނަށް ދަންނަވާނެ" ކަމަށެވެ.
ބަރުލަމާނީ ނިޒާމު ގެންނެވުމަށް ނަޝީދު ދައްކަވާ ވާހަކައިން ރެކިވަޑައިގަންނަވަމުން ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ ނިޒާމް ބަދަލު ކުރަން ވިސްނަވާކަށް އެމަނިކުފާނަށް ވަގުތެއް ނެތް ކަމަށެވެ. ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށް ކަމަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމަކާ މެދު ރައްޔިތުން އޮތީ ގޮތެއް ނިންމައިފަ އެވެ. ގާނޫނުއަސާސީ އެކުލަވާލި އިރު ވެރިކަން ހިންގާނެ ނިޒާމަކާ މެދު 2007 ގައި ނެގި ވޯޓުގައި ރައްޔިތުން ބުރަވީ ރިޔާސީ ނިޒާމަށް ކަމަށާއި ނިޒާމް ކަނޑައެޅުމުގައި ދެން ވެސް ދާން އޮތީ ރައްޔިތުންގެ ގާތަށް ކަމަށް ވިދާޅުވި އެވެ.
ނިޒާމް ކަނޑައެޅުމުގެ ވޯޓުގައި ވެސް އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، ނަޝީދުގެ އަރިސް ބައެއް މެމްބަރުން މި ފަހުން ގެންދަވަނީ ބަރުލަމާނީ ނިޒާމުގެ ވަގުތު ޖެހިއްޖެ ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ ތެރޭގައި ބާއްވަން ޝެޑިއުލްކޮށްފައި ވަނިކޮށް ބަރުލަމާނީ ނިޒާމުގެ ވާހަކަ ނަޝީދު ތިލަކުރެއްވުމުން އެ އިންތިހާބުގެ ކެމްޕޭންގައި ވެސް މި ފޯރި ގަދަވާނެ ކަމަށް ބެލެވެ އެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަވަން ނަޝީދު ބޭނުންފުޅުވިޔަސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. ކޯލިޝަންގެ ދެ ލީޑަރުން ކަމަށްވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ ނިޒާމަކީ ރާއްޖޭގައި ވެރިކަން ކުރަން އެންމެ ރަނގަޅު ނިޒާމެވެ. އެކަން ކަނޑައެޅީ ރައްޔިތުން ކަމަށާއި އިތުރު ބަދަލެއް ގެންނަން ނުފެންނަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
Comment