Advertisement

ދިގުވާހަކަ: އޮލިމްޕަސް

18 އޭޕްރީލް 2021 - 10:05 0

މުހައްމަދު ގާސިމް

މުހައްމަދު ގާސިމް


ދިގުވާހަކަ: އޮލިމްޕަސް

18 އޭޕްރީލް 2021 - 10:05 0

(ބުދަ ދުވަހުގެ ބަޔާ ގުޅޭ)

ޒާހިރު އިނީ ފިހާރައިގައެވެ. އޭނާއަކީ ޒުވާން އުމުރުގައި ވިޔަފާރި ފަށައިގެން އުޅޭ މީހެކެވެ. ވަރަށް ކުޑަކޮށް ފެށި ކަންމަތީ ވިޔަފާރި، މިހާރު އެ ވަނީ ބޮޑު މާޓަކަށް ބަދަލުވެފައެވެ. އާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހައި ބާވަތްތަކެއް، އެ ފިހާރައިން މިއަދު ލިބެން ހުންނާނެއެވެ. ފިހާރައިގެ ކަންކަން އެކަނިހައްޓާ ނުބެލެހެއްޓޭތީ، ބަންގާޅީއަކު ވެސް މިހާރު ގެންގުޅެއެވެ. ނަޖާ ކައިވެނިކުރިފަހުން، ރޭގަނޑުގެ ވަގުތުތަކުގައި ނަބީލް ވެސް ފިހާރައިގައި އިނދެއެވެ.

ޒާހިރު އިނީ ވިޔަފާރިކުރަން އައި މީހަކަށް ފައިސާ ކަނޑާށެވެ. އެ ކަމުގައި އިންދާ، ފޯނު ރިންގުވާން ފެށުމުން، އޭނާ ފޯނަށް ބަލައިލިއެވެ. ގުޅަނީ ޖަމާލެވެ. ވިޔަފާރިކުރަން އައިސް ހުރި މީހާއަށް ބާކީ ދީފައި، ޒާހިރު ފޯނު ނެގިއެވެ.

"ކީކޭ ޖަމާލު."

"ކޮބާ ނަބީލް؟ ގުޅާގުޅާ ފޯނެއް ނުނަގާ." ޖަމާލުގެ އަޑުގައި ހުރީ ކަންބޮޑުވުމުގެ ރާގެވެ.

"ދެމަފިރިން ފިލްމަށް ގޮހެއްނުވީ." ޒާހިރުގެ އަޑުގައި ހުރީ އުފާވެރިކަމެވެ. ނަޖާ އުފަލުގައި ހުންނަތަން ފެނުމަކީ، ޒާހިރަށާއި އަބީރާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ.

"މަ ނުދާށޭ ކިޔަކިޔާ ހުއްޓާ، އެންމެ ފަހުން ދިޔައީ ދޯ!" ޖަމާލަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

"ޖަމާލު ބުނިންތަ ނުދާށޭ؟ ޒާހިރަށް އަހައިލެވުނެވެ.

"ކިހައި ވަރަކަށް ބުނާނީ."

"އެ ކުދިންގެ އެ ކަހަލަ އުފާތަކަށް ހުރަސްއަޅާކަށް ނުވާނެ!"

"ކިހައި ވަގުތެއް އެ ބޭކާރު ވަނީ. ފިހާރައިގައި މަޑުކޮށްލިއްޔާ ޒާހިރަށް ވެސް ފަސޭވާނެއެއްނު."

"ޖަމާލު ދައްކާ ވާހަކަ. މިއީ އެ ކުދިންގެ ކައިވެނީގެ ކުރީކޮޅޭ! އެ ކަހަލަ އުފާތަކަށް ހުރަސްއަޅާކަށް ނުވާނެ! އެ ކަމާ އަޅައިނުލާ!"

ޖަމާލަށް ޖެހުނީ ވާހަކަ ކުރުކޮށްލާށެވެ! އެ ކުދީން ފިލްމަށް ދިޔުން އޭނާއަށް މައްސަލައަކަށް ވިޔަސް، އެހެން އެއްވެސް މީހަކަށް އެ ކަން މައްސަލައަކަށް ނުވެއެވެ. އެހެންކަމުން ޖަމާލަށް ވެސް ޖެހުނީ ހަތިޔާރު ބައްޓާފައި އަމާން ދިދަ ނަގާށެވެ.

ނަބީލާއި ނަޖާ ތިބީ އޮލިމްޕަހުގައެވެ. އޮލިމްޕަހުގެ ހޯލު މިހާރު ވަނީ ބޮލުން ފުރިފައެވެ. އެކި ކުލަކުލައިގެ ބޯތަކެވެ. ކަޅު ބޮލާއި ހުދު ބޮލެވެ. ރަތް ބޮލާއި ރީނދޫ ބޮލެވެ. ނޫ ބޮލާއި ފެހި ބޮލެވެ. ކުލައެއް ނެތް ދަޅަ ބޯ ތައް ވެސް ފެނެއެވެ. ނަބީލްމެން ތިބީ ފިލްމު ފަށާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. މި އިންތިޒާރު މާ ދިގުލައިގެނެއް ނުދިޔައެވެ. ފުރަތަމަ ރަނގަބީލުގެ އަޑު ހޯލުގައި ގުގުމާލިއެވެ. ދެވަނަ ރަނގަބީލުގެ އަޑާއެކު، ހޯލް އަނދިރިކޮށްލައިފިއެވެ. އިސާހިތަކު ފިލްމު ފެށިއްޖެއެވެ. މާ ދުރުން އެނބުރެމުން އައިސް އިސްކިރީން ފުރާލީ "ސަޕްރައިޒް" މި ނަމެވެ. އެއަށްފަހު، ބައިވެރިންގެ ނަންތަކާއި ޓެކްނިކަލް ފަރާތްތަކުގެ ނަންތައް އަރައި ނިމިއްޖެއެވެ. ނަޖާއާއި ނަބީލު ތިބީ، އަތާއި އަތް ގުޅާލައިގެން، އިސްކިރީނަށް ނަޒަރު ހުއްޓާލައިގެންނެވެ.

ފިލްމުގެ މަންޒަރުތައް ފެށިއްޖެއެވެ. ފުރަތަމަ ފެންނާންފެށީ، ތިން އަންހެން ކުދިން އޮލަ ވާހަކައެއްގައި ތިބެ، އޮލިމްޕަހަށް ވަންނަ މަންޒަރެވެ. ވަރަށް ރީތިކޮށް ނަލަހެދިލައިގެން ތިބި ތިން ކުދިންނެވެ. އެހެން މީހުން ވެސް ވަރުގެ ކޮޅަށް ނަލަހެދިގެން ތިބެ، އޮލިމްޕަހަށް ވަންނަ މަންޒަރު ފެނެއެވެ. އަންހެނުންނާއި ފިރިހެނުންނެވެ.

"މި ފިލްމުގައި ވެސް މި ދައްކަނީ އޮލިމްޕަސް ދޯ؟"

ނަޖާގެ މި ޖުމުލައަށް ނަބީލް އާނއެކޭ ބުނުން ފިޔަވައި، އިތުރު އެއްޗެއް ނުބުނެއެވެ. ފިލްމުގެ މަންޒަރުތަކަށް ބަލާން އިނީއެވެ.

އޮލިމްޕަހަށް ވަންނަން އައި ތިން ކުދިން، ވަންނާން ހުރި ދޮރުކައިރީގައި މަޑުކޮށްލައިގެން ތިއްބެއެވެ.

"ކީއްވެ މި މަޑުކުރަނީ؟" ޝިމާނާއާ ދިމާއަށް ބަލައިލަމުން ފަރީހާ އަހައިލިއެވެ.

"ޓިކެޓެއް ނެތޭ" ޝިމާނާ ބަލައިލީ ފަރީހާގެ މޫނަށެވެ.

"އެހެންވިއްޔާ ހިނގާ ޓިކެޓްނަގަން!" އަވަސްއަވަހަށް އައިޝާ ބުންޏެވެ.

"ހަމަޖެހިބަލަ! ޓިކެޓް ކަނޑަން އެ ހުރި ކުއްޖާއަށް މަ ފެނުނީމަ ވައްދާނެ!" ޝިމާނާ ހުރީ ޓިކެޓް ކަނޑާން ހުރި ސޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ.

ޓިކެޓް ކަނޑާން ހުރީ، ވިއްސަކަށް އަހަރުގެ ޒުވާނެކެވެ. އިސްކޮޅުގައި ހުންނާނީ ފަސްވަރަކަށް ފޫޓެވެ. އިސްކޮޅާ އަޅައިބަލާއިރު، ހަށިގަނޑު ކަމީނާކަމަށް ދައްކައެވެ. ބޮލުގެ އިސްތަށިކޮޅު ތުނިވެފައި، ގައިގެ ކުލަ ކަޅެވެ. ލައިގެން ހުރީ ނޫކުލައިގެ ބާ ޓީޝާޓަކާއި ކަޅުކުލައިގެ އާދައިގެ ފަޓުލޫނެކެވެ. އަރައިގެން ހުރީ ފެން ފައިވާނަކަށެވެ.

"އެހެންވީރު ކީއްވެ މި ތިބެނީ؟ ހިނގާ އޭނާގެ ގާތުގައި ބުނެފަ ވަންނަން!" އައިޝާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ.

"އަޅެ އުކުނޑިކޮށްޓަން ފެށީތަ؟ ހަމަޖެހިބަލަ!"

ފަހަރަކު މީހަކު ވަންނަމުން ގޮސް ނުވައެއް ޖެހިއިރު، މައިތިރިވެލައިފިއެވެ. ރަކަރަކައަޅާފައި އޮތް ބައިގަނޑު ތުނިވެލައިފިއެވެ.

"ދެން ހިނގާދާން!"

ޝިމާނާ ކުރިއަށް ހުރެ، ތިން ކުދިން ކުޑަސިޑިން މައްޗަށް އަރައި، ހޯލާ ދިމާއަށް ހިނގައިގަތެވެ. ތަންކޮޅަކަށް ދިޔަތަނާ ދޮރުމަތީގައި ހުރި ސޮރަށް ޝިމާނާ ފެނިއްޖެއެވެ. އެ ވަގުތު އޭނާގެ ހަރަކާތްތަކަށް ހުއްޓުން އަރައިފިއެވެ. ކަޅިޖަހާ ނުލައި ޝިމާނާއާ ދިމާއަށް ބަލާން ފަށައިފިއެވެ. ހީވަނީ ފެންނަ މަންޒަރު ގަބޫލުނުކުރެވިފައި ހުރި ހެންނެވެ. އަމިއްލަ ލޮލަށް އިތުބާރު ނުކުރެވިފައި ހުރި ހެއްނެވެ.

އޭނާއާ ހަތަރު ކަޅި ހަމަކޮށްލަމުން ޝިމާނާ ހިނިތުންވެލިއެވެ. އެ ޖަޒުބާތީ ހިނިތުންވުން ފެނިފައި، އެ ސޮރުގެ ހިތް ކަތިލެވުނު ކަހަލައެވެ. ހަމަހޭވެރިކަން ފިލައިގެން ދިޔަ ކަހަލައެވެ. އޭނާއަށް ހެރުވުނީ ހިނިތުންވެލާން ވެސް ނޭނގި، ހުއްޓުން އަރާފައެވެ.

"ފިލްމަށް ވަންނަން މި އައީ" ވާހަކަ ދެއްކީ ޝިމާނާއެވެ.

"އެހެންތަ؟" އެ ސޮރުގެ ހުއްޓުން އަރާފައި ހުރި ހަށިގަނޑަށް ހަރަކާތް އައެވެ. "އަވަހަށް ވަންނަންވީނު!" އޭނާ ދޮރުމަތީން އެއް ފަރާތަށް ޖެހިލިއެވެ

"ޓިކެޓެއް ނެތް." ޝިމާނާ ކަރުއެލުވައިލިއެވެ.

"ދެން...؟" ސުވާލުގެ ނަޒަރަކުން ޝިމާނާގެ މޫނަށް އެ ސޮރު ބަލައިލިއެވެ.

"އަހަރެމެންނަށް ޓިކެޓް ނަގައިދޭންވީނު!" ހިނިތުންވެފައި މޫނާއެކު، ޝިމާނާ އެ ސޮރާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

"ތީ އެއްވެސް ކަމެއް ނޫން. މަޑުކޮށްލާ! ހަމަ އެންމެ މިނެޓެއް" އޭނާ އަވަސް އަވަހަށް ހިނގައިގަތެވެ. ޓިކެޓް ކައުންޓަރާ ދިމާއަށެވެ. މި މަންޒަރު ބަލާން ހުރެފައި، ލާނެތް ފާޑަކަށް ހިނިތުންވެލަމުން، އެކުވެރިންނަށް ޝިމާނާ ނިތް އެއްލިއެވެ. އެހެރީ ރަނގަޅަށް ބޯ ކައިލާފައޭ ބުނި ކަހަލައެވެ.

"އަނެއްކާ ޝިމާނާގެ ކަމެއްތަ އެއީ؟" ފަރީހާއަށް އަހައިލެވުނެވެ.

"އައްޗީ! އެ ކަހަލަ ތަންޑޭލަކު ނުފެނިގެންތަ މި އުޅެނީ!" ޝިމާނާ އަނގަ ހަދައިލިއެވެ.

"އެކަމަކު ތި އުޅޭ ގޮތުން ހީވަނީ......"

ތިން ޓިކެޓް ނަގައިގެން އެ ސޮރު އަތުވެއްޖެއެވެ. ޓިކެޓް ކަނޑާފައި އެ ތިން ކުދިން ގާތު ވަންނަން ބުނީ، އުފަލުން ފުރިފައިވާ ހިތަކާއެކުގައެވެ. އެއާއެކު އައިޝާއާއި ފަރީހާ ވަދެއްޖެއެވެ. ޝިމާނާ ނުވަދެއެވެ.

"އަދި ނަމެއް ވެސް ނުބުނަމެއްނު!"

"އާނ! ނަން ދޯ! ނަޖާހު." ޝިމާނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ، ނަޖާހު ހިނިތުންވެލިއެވެ.

ޝިމާނާ، ނަޖާހުގެ ހަންބޯ އަތްތިލައިގައި ހިފައި މަޑުމަޑުން ފިތާލިއެވެ. ނަޖާހުގެ ދެ ލޯ ބޮޑުވިއެވެ. އެތެރެހަށި ފުރިގެން ބަންޑުންވި ކަހަލައެވެ. ގަބޫލު ނުކުރެވިގެން ހުރެ ބަލައިލާ ކަހަލަ ގޮތަކަށް، އަވަސް އަވަހަށް އަތަށް ބަލައިލެވުނެވެ. ހަމަ ޙަޤީޤަތުގައި ވެސް ޝިމާނާ ހުރީ އޭނާގެ އަތުގައި ހިފަހައްޓައިގެންނެވެ.

"އިންޓަވަލް ގަޑީގަ އެއްޗެއް ބޭނުންތަ؟" ލިބުނު އުފަލެއްގެ ބޮޑުކަމުން، ހިންދިރުވައިލަމުން، ނަޖާހަށް އަހައިލެވުނެވެ.

"ވަރަށް އުފާވާނެ!" ނަޖާހާ ހަތަރު ކަޅި ހަމަކޮށްލަމުން ޝިމާނާ ހިނިތުންވެލިއެވެ.

"ޝިމާނާ! ދެން އަވަހަށް އައިސްބަލަ! މާ ފޮޅުވާނީ ފަހުންނޭ!" ޝިމާނާއަށް މަޑުކޮށްގެން އެތެރޭގައި ހުރި އައިޝާ، ޝިމާނާއާ ދިމާކޮށްލިއެވެ.

"ދަނީ އިނގޭ!" ނަޖާހުގެ އަތުން ޝިމާނާ ދޫކޮށްލިއެވެ.

ނަޖާހަށް ހުރެވުނީ ބަސްހުއްޓިފައެވެ. ކަޅިޖަހައިނުލައި އޭނާއަށް ބެލެނީ، ހޯލަށް ވަދެގެން ދިޔަ ޝިމާނާއާ ދިމާއަށެވެ.

"ޝިމާނާ" ނަޖާހަށް މަޑުމަޑުން ކިޔައިލެވުނެވެ. ޝިމާނާއެކޭ އެއް ފަދައިން، އެ ނަން ވެސް އޭނާއަށް ވަރަށް ރީއްޗެވެ.

ހޯލުގެ ދޮރު ލެއްޕުމަށްފަހު، ނަޖާހު ހިނގައިގަތީ ބޭރަށް ނިކުތުމަށެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި މުގޯލިއަޅަމުން ދަނީ، މި އާދަޔާޚިލާފު ހާދިސާއެވެ. ގަބޫލުކުރަން ދަތި އިއްތިފާޤެވެ. މި ރެއަކީ ކޮންފަދަ އުފާވެރި ރެއެއް ހެއްޔެވެ؟ އަތުގައި ފައިސާހުރި ނަމަ، ހުރިހައި އެކުވެރީންނަށް ކާންދޭންޖެހޭ ވަރުގެ ރެއެކެވެ. އާއެކެވެ! ވަގުތު ޖެހުނީމާ ކޮންމެ ކަމެއް ވެސް ވާނެއެވެ. އެއީ ހަމަ މުޖައްރިބު ކަމެކެވެ. އެ ކަން މި އޮތީ މި ރޭ ކަށަވަރުވެފައެވެ. (ނުނިމޭ)