Advertisement

އީގަލްސް އަށް މުހިއްމިީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެ ތިބުން: ޝާޒް

15 އޭޕްރީލް 2021 - 10:05 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އީގަލްސްގެ މެޗެއްގެ ތެރެއިން ޝާޒް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އީގަލްސް އަށް މުހިއްމިީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެ ތިބުން: ޝާޒް

15 އޭޕްރީލް 2021 - 10:05 0

ދިރާގު ދިވެހި ޕްރިމިއާ ލީގާއި އޭއެފްސީ ކަޕްގެ ކޮލިފައިންގައި އީގަލްސް އިން ވާދަކުރަމުން އަންނައިރު، މީގެ އެންމެ މުހިއްމު ގޮތަކީ ކޮންމެ ހާލަތަކަށް ވެސް ޓީމު ތައްޔާރުވެ ތިބުން ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުރުގައި އިއްޔެ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އީގަލްސް ކުޅެން އޮތް މެޗު ބަންގްލަދޭޝްގައި ކުޅެވޭގޮތް ނުވުމުން އެ މެޗު މިހާރު ވަނީ މި މަހު 21 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އެހެންވެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލްގައި އަންނަ މަހު ފަސް ވަނަ ދުވަހު އީގަލްސް އިން ކުޅެން އޮތް ގްރީން ސްޓްރީޓްސް މެޗު ވަނީ މިރެ އަށް އަވަސްކޮށްފަ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒް ބުނީ މި އަހަރަކީ ކޮވިޑްގެ ތެރޭގައި ކުރިއަށްދާ އަހަރަކަށް ވީމަ މެޗުތައް ކުޅޭ ދުވަސް ބަދަލުވެދާނެ ކަމަށް އަބަދުވެސް ވިސްނާ ކަމަށެވެ. އެ ގޮތަށް ބަލާއިރު މި މެޗު ކުޅޭ ތާރީހު ބަދަލުވުމަކީ މާ ބޮޑު އުނދަގުލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ޝާޒް ބުންޏެވެ.

"ދެން ކޮންމެ ގޮތެއް ވިޔަސް ލީގުގައި ވާދަކުރަމުން މިދަނީ. ދާއިރުގައި އޭއެފްސީ ކަޕް ވެސް މީގެ ތެެރެެއަށް ވަދެގެން މި އައީ. އައިއިރުގައި ވަރަށް ބޮޑަށް ވިސްނައިގެން ހުންނަނީ މި ކަހަލަ ޗޭންޖަސް (ބަދަލުތައް) އަތުވެދާނެ ކަމަށް،" މި ސީޒަނުގެ ކުރީބައިގައި ޓީސީ އަށް ކޯޗުކޮށްދިން ޝާޒް ބުންޏެވެ.

އަބަހާނީ މެޗުގެ ކުރިން އީގަލްސް އަށް މެޗެއް ކުޅެލަން ލިބުމަކީ އެޑްވާންޓޭޖެއްގެ ގޮތުގައި ބެލެވޭނެ ގޮތްތަކެއް އެބަހުރި ކަމަށާއި އެކަމަކު މީގެ އަނެއް ކޮޅަށް ވިސްނާއިރު މެޗެއް ކުޅެފައި ދެން އެ ދިމާވާ އެހެން ކަންކަމަށް ވެސް ވިސްނާލަން ޖެހޭ ކަމަށް ޝާޒް ބުންޏެވެ.

އީގަލްސް އިން އެންމެ ފަހުން ކުޅުނު މެޗަކީ އޭއެފްސީ ކަޕް ކޮލިފައިން ފުރަތަމަ ބުރުގައި ތިމްޕޫ ސިޓީ އަތުން މޮޅުވި މެޗެވެ. އެ މެޗުން މޮޅުވުމާ އެކު އެ ޓީމުގެ ކޮންފިޑެންސަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ޝާޒް ގަބޫލުކުރެ އެވެ.

"ކޮންފިޑެންސް ވެސް ރަނގަޅުވާނެ. އެއީ ޓީމުގެ މޯޓިވޭޝަން ވަރަށް ރަނގަޅު މިހާރު. (އޭއެފްސީ ކަޕްގެ) ފުރަތަމަ ސްޓެޕް އީގަލްސް އޭނީ ފަހަނައަޅާފައި. އެ ދެން އަނެއްހެން ބުނަންޏާ އެއީ ހޯމްގައި ކުޅުނު މެޗެއް މޮޅުވުން މަޖުބޫރު މެޗެއް. ދިވެހި ކޮންމެ ޓީމެއް ވެސް ހޯމް ގައި ކުޅޭއިރު ބޫޓާންގެ ޓީމެއް ނޫނީ ސްރީލަންކާ ނޫނީ ނޭޕާލް މި ޓީމުތަކާ ކުޅެން ބަލާއިރު ހޯމްގައި ކުޅެން ޗާންސް ލިބުނީމަ އެދެން ކޮންމެ ދިވެހި ޓީމަކަށް ވެސް މަޖުބޫރު ކަންނޭނގެ އެ މެޗު ކާމިޔާބުކުރުން. އެހެން ނޫނިއްޔާ ރާއްޖޭގެ ފުޓްބޯޅަ އަށް އެހާ ރަނގަޅެއް ނުވާނެ. އެ ގޮތަށް ބަލާއިރު އެއީ ވަރަށް ޕްރެޝަރު މެޗެއް އަސްލު މެޗަކީ. އެ މެޗު ކާމިޔާބުކުރުމަކީ މޯޓިވޭޝަނެއް،" ޝާޒް ބުންޏެވެ.

ޝާޒް ބުނީ ލީގުގެ ފުރަތަމަ ބުރުގައި އީގަލްސްގެ ނަތީޖާތައް އެންމެ ރަނގަޅެއް ނޫން ކަމަށާއި އެހެންވެ ދެ ވަނަ ބުރުގައި އެންމެ ފުރަތަމަ ގަދަ ހައެއްގެ އަމާޒުގައި މަސައްކަތް ފެށި ކަމަށެވެ. އަދި އެ މަސައްކަތުގައި ކުރިއެރުންތަކެއް ލިބިފައިވާއިރު، މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުން އެއްޗެއް ހާސިލްކުރުން މުހިއްމު ކަމުގައި ޝާޒް ދެކެ އެވެ.

"ގަދަ ހަޔަކަށް ވަނުމަށް މިއީ އެންމެ މުހިއްމު އެއް މެޗަށްވާނެ. ދެން ގްރީން ސްޓްރީޓްސް އޭނީ ގަދަ ހަތަރެއްގައި. ޓޭބަލްގެ ކުރީގައި އިނީމަ އެ ޓީމު އެ އޮތީ ފޯމުގައި. މުބާރާތް ފެށިގެން އައިއިރު ވެސް އެންމެ ވަރުގަދަ އެއް ކީ އެއް ޓީމު ގްރީން ސްޓްރީޓްސް އަކީ. އެހެންވީމަ ވިސްނަން ޖެހޭނެ،" ޝާޒް ބުންޏެވެ.

މިރޭގެ މެޗަށް ކުރިމަތިލާއިރު އަނިޔާ އާއި ސަސްޕެންޝަންގެ މައްސަލަތައް އީގަލްސް އަށް ވަނީ ކުރިމަތިވެފަ އެވެ. ޝާޒް ބުނީ އީގަލްސް އަކީ ޓީމެއްގެ ގޮތުގައި ވެސް ވަރަށް ރަނގަޅަށް ކުޅޭ ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި އިންޑިވިޖުއަލީ ބަލާއިރު ވަރަށް މަސައްކަތުގެ ރޭޓް ރަނގަޅު ކުޅުންތެރިން ވެސް ގިނަ ކަމަށެވެ.

އީގަލްސް އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.