13 އޭޕްރީލް 2021 - 18:43 0
ރެއާލްގެ ރައީސަކަށް އިންތިހާބުވި ޕެރޭޒް އެ ކްލަބްގެ އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
13 އޭޕްރީލް 2021 - 18:43 0
މެޑްރިޑް (އޭޕްރީލް 13) - ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑްގެ ރައީސްގެ މަގާމުގެ ޒިންމާ މިހާރު ވެސް އަދާކުރަމުން އަންނަ ފްލޮރެންޓީނޯ ޕެރޭޒް އިތުރު ދައުރަކަށް އިންތިހާބުވެއްޖެ އެވެ.
އުމުރުން 74 އަހަރުގެ ޕެރޭޒް އިތުރު ދައުރަކަށް ރައީސަކަށް އިންތިހާބުވެފައިވާކަން ރެއާލުން އިއުލާނުކުރީ މިއަދު އެވެ. އެއީ އިންތިހާބުގައި ވާދަކުރައްވަން ކެންޑިޑެސީ ފޯމު ހުށަހަޅަން ކަނޑައެޅި މުއްދަތު ހަމަވިއިރު، ވާދަކުރަން ނިންމައި ލިޔެކިޔުންތައް ހުށަހެޅީ ޕެރޭޒް އެކަނި ކަމަށްވާތީ އެވެ.
ޕެރޭޒް އަންނަނީ 2009 ވަނަ އަހަރުން ފެށިގެން ރެއާލްގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ. އޭނާ 2013 އާއި 2017 ވަނަ އަހަރުގެ އިންތިހާބު ވެސް ކާމިޔާބުކުރެއްވީ މި ފަހަރެކޭ އެއްގޮތަށް ވާދަކުރާނެ އިދިކޮޅު ކެންޑިޑޭޓަކު ނެތި އެވެ.
ރެއާލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލަބްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިހާބުގައި ވާދަކުރަން ލިޔެކިޔުން ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތު ހަަމަވާއިރު، އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާނަމަ އެ ކެންޑިޑޭޓަކީ އެ ވަގުތު ވެސް ކްލަބްގެ ރައީސް ނަމަ އޮޓޮމެޓިކުން އެ ރައީސަކަށް އިތުރު ދައުރެއް ލިބޭނެ އެވެ.
ސްްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ގައުމުގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރެއާލްގެ ކުރީގެ ރައީސް ވިސެންޓޭ ބޮލޫޑާ، އެ ކްލަބްގެ ރައީސަކަށް އަންނަން މަސައްކަތް ކުރެއްވި އެވެ. އެކަމަކު ޕެރޭޒްއާ ވާދަކުރާ ވަރަށް އާންމު މެމްބަރުންގެ ސަޕޯޓް ނުލިބިދާނެތީވެ ބޮލޫޑާ ފަހު ވަގުތު ނިންމެވީ އިންތިހާބުގައި ވާދަނުކުރެއްވުމަށެވެ.
ޕެރޭޒް އެންމެ ފުރަތަމަ ރެއާލްގެ ރައީސަކަށް އިންތިހާބުވީ 2000 ވަނަ އަހަރު އެވެ. އޭރުން ފެށިގެން 2006 އާ ހަމައަށް ޕެރޭޒް ރެއާލްގެ ރައީސްކަން ކުރެއްވި އެވެ. އޭރު މަގާމުން ވަކިވި އެއް ސަބަބަކީ ކްލަބްގެ ހިންގުމަށް ބަދަލެއް އަންނަން ޖެހޭ ވަގުތު ކަމަށް ބަލަ އެވެ.
މަގާމުން ވަކިވިތާ ތިން އަހަރު ފަހުން ރެއާލްއާ ހަވާލުވެ، ޕްރޭޒްގެ މަސައްކަތުން އެ ކްލަބް ޒަމާނީ ވިޔަފާރި މޮޑިއުލަށް ހިނގަންފަށައި އެ ކްލަބް ހިންގުން ވަނީ ކުރިއަށް ވުރެ އެތައް ގުނައެއް ހަރުދަނާކޮށްފަ އެވެ. އަދި ރެއާލަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ފަދަ އިންވެސްޓްމަންޓްތަކެއް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ކުރުމުގެ އިތުރުން ފެންވަރު ރަނގަޅު ކޯޗުން ލައްވައި އެކި ޕްލޭންތައް ހަދައި އަހަރުން އަހަރަށް ރެއާލް ކުރިއަށްގެން ދިޔަ އެވެ.
Comment