Advertisement

އެމްޑީޕީގެ "ހިތް" މުއިއްޒަށް، ވަރުގަދަ އިންޒާރެއް!

11 އޭޕްރީލް 2021 - 11:25 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ކައުންސިލް އިންތިހާބުގެ އެންމެ ފަހު ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން މޭޔަރަަކަށް ވާދަކުރެއްވި އަނަސް ޕިކަޕް ބުރުގައި ޕީޕީއެމްގެ މެމްބަރުންގެ މެދުގައި. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު


އެމްޑީޕީގެ "ހިތް" މުއިއްޒަށް، ވަރުގަދަ އިންޒާރެއް!

11 އޭޕްރީލް 2021 - 11:25 0

މާލެ، ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ގެއްލިއްޖެ އެވެ؛ މިއީ ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. އެއާއެކު މާލެ އިން ނަގައިދިން ވަރަށް ވަރުގަދަ ފިލާވަޅެކެވެ.

އަނެއްކޮޅުން، މާލޭގެ ތާއީދު ކުރިން ނެތް ޕީޕީއެމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެ ޕާޓީއަށް އިއްޔެގެ މުޅި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުވި ފަދަ އެވެ. މި އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމްގެ މުޅި އަމާޒު ވެސް ހުރީ މޭޔަރު ގޮނޑިއާ އެކު މާލޭ ކައުންސިލަށެވެ.

ގިނަ ބަޔަކު ހީކުރި ނަތީޖާއެއް ނޫނެވެ. މާލެއަކީ އެމްޑީޕީގެ "ހިތެ"ވެ. ޕީޕީއެމަށް ވޯޓު ދީގެން ބީވެދާނެ ކަމަކަށް އަދިވެސް އެ ޕާޓީގެ އިސް މެމްބަރުންނަށް ވެސް ގަބޫލުކުރަން ދައްޗެވެ.

މާލޭގެ މޭޔަރަކަށް އިންތިހާބުވެވަޑައިގަތް މުއިއްޒު: އޭނާ މޭޔަރަކަށް ހޮވިވަޑައިގެންފައިވާނެ ކަމަކަށް ނަތީޖާ އިއުލާންކުރުމާ ހަމައަށް އެމްޑީޕީގެ މެމްބަރުން ގަބޫލެއް ނުކުރޭ. -- ފޮޓޯ / އަދަދު


އެކަމަކު އިއްޔެގެ ވޯޓުގައި މާލޭގެ ރައްޔިތުންގެ ނިންމުން އެ އޮތީ ފެންނާށެވެ. މޭޔަރަކަށް، ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި މުޅި ކައުންސިލްގެ މެޖޯރިޓީގެ ބާރުވެރިކަން ދިނީ އެވެ. އެމްޑީޕީގެ "ބްރޭންޑެއް" ކަމަށްވާ ލާމަރުކަޒީ ނިޒާމުގައި މިއީ ވަރަށް އާދަޔާ ޚިލާފު، ބަދަލެކެވެ. އަމުދުން އެމްޑީޕީގެ ފާޑުކިއުން އަބަދުވެސް އެންމެ ބޮޑަށް އަމާޒުވާ "ހޮޅި މުއިއްޒު"އަށް މާލޭގެ ރަން ގޮނޑި ލިބުމެވެ.

އެންޓި ކެމްޕޭނަކުން މާލޭގޭ މޭޔަރުކަން ކާމިޔާބުކުރަން އަމާޒު ހިފި، ވާދަވެރި އިންތިހާބުގައި މުއިއްޒަށް 9،300 ވޯޓު ލިބިވަޑައިގަތެވެ. އެމްޑީޕީން ވާދަކުރެއްވި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި އަނަސް އަބްދުއްސައްތާރަށް ލިބިވަޑައިގަތީ 5500 ވޯޓެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ 18 ގޮނޑީގެ ތެރެއިން ސާފު އަޣުލަބިއްޔަތު ވެސް ލާމަރުކަޒީ ނިޒާމާ ދެކޮޅުގެ ކަމުގެ ޓެގު އެޅުވި ޕީޕީއެމަށެވެ.

ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ބޭއްވި ތިން ކައުންސިލް އިންތިހާބުން ވެސް މާލެއަށް އެމްޑީޕީ ވަރުގަދަ އެވެ. އެހެން ޕާޓީއަކަށް ޖާގައެއް ނެތެވެ. މޭޔަރާ އެކު ގިނަ ގޮނޑިތައް އެމްޑީޕީގެ މެމްބަރުން ފުރީ އެހެންވެ އެވެ. އެންމެ ފަހުން 2017 ގައި ބޭއްވި އިންތިހާބުގައި ވެސް ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން ގެއްލުނީ އެންމެ ގޮނޑިއެކެވެ.

އެކަމަކު މި ނިމުނު އިންތިހާބުގައި މާލޭ ރައްޔިތުން ބަސް އިއްވުމުން ފެނުނީ މާލެއިން އެމްޑީޕީ ބަލިކަށިވެފައި އޮތް ތަނެވެ. ޕާޓީއާ އާއި ސަރުކާރާ މެދު އޮތް މާލޭގެ ރައްޔިތުންގެ ހިތްހަމަނުޖެހުމެވެ.

މެމްބަރުންގެ ހިތް މަރުވުން: ވޯޓުލާން ނުވެސް ނުކުތް!

އަހަރަކަށް ފަސްކުރި އިންތިހާބުގެ ވޯޓާ ގާތްވި އިރު އެމްޑީޕީގެ މެމްބަރުންގެ އުދާސްތައް ދިޔައީ ބަންޑުން ކުރަމުންނެވެ. ކަންބޮޑުވުމާއި ޝަކުވާތައް އޮއްސި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުމުގެ މާޔޫސްކަމާ އެކު މިި ވެރިކަން ފެށުނުއިރު ވެސް ޕާޓީއަށް ވަފާތެރި މެމްބަރުން ހިމެނެ އެވެ.

އެމްޑީޕީ އިސްވެ އޮވެ އުފެއްދި މި ވެރިކަމާ މެދު އުއްމީދުތަކެއް އެ މެމްބަރުންގެ ހުއްޓެވެ. އެކަމަކު ދޮޅު އަހަރު ވި އިރު އެ އުއްމީދުތަކުގައި ކުލަ ނުޖެހުނީ އެވެ.

"އެމްޑީޕީ މެމްބަރުންގެ ހިތް މަރުވީމަ ވާނީ މިހެން،" މާލޭގެ ނަތީޖާއަށް އިޝާރާތް ކުރައްވައި ޕާޓީގެ ވަފާތެރި މެމްބަރަކު ބުންޏެވެ.

ކެމްޕޭން ނިންމުމުގެ ޖަލްސާގައި ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް ސަޕޯޓަރުންނާ އެކު. -- ފޮޓޯ / އެމްޑީޕީ


އެހެން މެމްބަރަކު ބުނީ ނޫން ނަމަ، މުއިއްޒަށް މި އިންތިހާބުގައި ވޯޓެއް ނުދޭނެ ކަމަށެވެ. ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނެވިއިރު ކުރެއްވި ކަންކަމުން އެމްޑީޕީގެ މެމްބަރުންގެ ހިތްހަމަނުޖެހުން އޮތީ އިންތިހާ އަށެވެ. އެކަމަކު އެމްޑީޕީ އަށް ކުރިމަތިވި އެއް ގޮންޖެހުމަކީ މުއިއްޒުގެ ތަޖުރިބާ އެވެ. ތިން ކައުންސިލް ދީގެން އެމްޑީޕީ އަށް ނުނެރުވުނު ނަތީޖާއެއް، އަނަސް އާއި އެމްޑީޕީގެ ކައުންސިލެއް އަނެއްކާ ހޮވައިގެން ވާނެ ފައިދާއެއް ނެތް ކަމެވެ.

މި އިންތިހާބުގައި 51،702 މީހުންނަށް މާލެ އިން ވޯޓުލުމުގެ ހައްގު ލިބެ އެވެ. އޭގެތެރޭގައި އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ ގާތްގަނޑަކަށް 10،000 އެވެ. ވޯޓުލާން ނުކުތީ ގާތްގަނޑަކަށް 15،000 މީހުންނެވެ. މުއިއްޒާއި އަނަސްއާ ދެމެދު 3،800 ވޯޓެއްހާ ފަރަގު ހުއްޓެވެ.

ލާމަރުކަޒީ ނިޒާމާ ދެކޮޅުކަމާއި މާލެ "ފުނޑާލި" ކަމުގެ ތުހުމަތު އެޅުވި މުއިއްޒަށް މި ފަހަރު ވޯޓުދޭނެ ކަމަށް އެމްޑީޕީގެ މެމްބަރުން ދިޔައީ އިންތިހާބުގެ ކުރިން ބުނަމުންނެވެ. އެކަމަކު އެއީވެސް ކުޑަ ޕަސެންޓެކެވެ. ބޮޑު ޕަސެންޓަކީ ބެލެވޭ ގޮތުގައި ވޯޓުލާން ނުނިކުތް އެމްޑީޕީގެ މެމްބަރުންނެވެ.

އިންތިހާބުތަކުގެ ކެމްޕޭނާއި ފޯރީގައި ވޯޓުލުމެއް އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ނުފެނެ އެވެ. އަވަހަށް ވޯޓުލައި ނިންމާ އަދި ވޯޓުލާން މީހުން ނެރެގެން ގޮސް ވޯޓުލާ އެމްޑީޕީގެ ސްޓްރެޓެޖީއެއް މި އިންތިހާބުގައި ނުހިނގި އެވެ. ހިތްހަމަނުޖެހިފައި ތިބި ގިނަ މެމްބަރުން ތިބީ ގޮތުގަ އެވެ.

އެގްޒިޓް ޕޯލްތަކުން އެމްޑީޕީއަށް ފެނުނީ އިންތިހާބުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުވި ތަނެވެ. ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު މިކަން އިއުލާން ވެސް ކުރެއްވި އެވެ. އެކަމަކު، ނަތީޖާ އައިއިރު، އެމްޑީޕީގެ މާލޭ ދާއިރާތައް ވެސް ބޮޑުތަނުން ގެއްލުނީ އެވެ.

މާލޭ ސިޓީ ކައުންސިލް ނަގަން ޕާޓީން ހިސާބު ޖެހި މާލޭ ދާއިރާތަކުގެ ޕްލެޖް ވޯޓު ލިބުނުތޯ ވެސް އެއީ ސުވާލެކެވެ. އޭގެތެރެއިން ގިނަ މީހުން ވޯޓުލާން ނުނިކުތުން އެއީ އިންތިހާބުގެ ނާކާމިޔާބީއާ ގުޅިފައި އޮތް ކަމެކެވެ.

ބޮޑެތި މައްސަލަތަކެއް ހުރި، ގަބޫލުކުރަން ބޭނުން ނުވީ؟

އެމްޑީޕީ މައި ޕާޓީގެ ގޮތުގައި އޮންނަ ކޯލިޝަނަކަށް ވެރިކަން ދިނީ އެވެ. ރައްޔިތުންގެ މަޖިލީހުގެ 85 ގޮނޑީގެ ތެރެއިން 65 ގޮނޑިއާ އެކު މަޖިލީހުގެ މެޖޯރިޓީ ވެސް 2019 ގައި ދިނެވެ. އެކަމަކު ވީ ކޮން ކަމެއް ހެއްޔެވެ؟ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލާ އެކު މި ސަރުކާރުގެ ދެ އަހަރު ބައިވި އިރު ވެސް މާލެއަށް ނެރެވުނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ އޭގެ ކުރިން ކަމެއް ނުކުރެވުނީ ލާމަރުކަޒީ ނިޒާމުގެ ބާރުތައް މުށުތެރެއަށް ލުމުން ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ.

މި ސުވާލުތަކަށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހާއި ބާރުވެރިކަން އަދި ބޯހިޔާވަހިކަމާއި މަޝްރޫއުތައް ހިންގުމުގެ ޖާގަ ފަހިވެފައިވާ ކަމަށާއި އެކަން ކުރެވެނީ އެމްޑީޕީގެ ކައުންސިލަކަށޭ ބުނެ އަޑުހަރުކޮށް ދެއްކި ވާހަކަތައް މާލޭގެ އެމްޑީޕީގެ މެމްބަރުން ވެސް ގަބޫލެއް ނުކުރި އެވެ.

ކޮވިޑް-19ގައި އަހަރެއްހާ ދުވަސް ހޭދަވެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އައި ދަތިކަމާއި މި ވެރިކަން ފެށުނުއިރު އުއްމީދުކުރި ވަރަށް "ހުވަފެންތަކުގައި ކުލަ ނުޖެހުމަކީ" ވެސް މި އިންތިހާބު ކާމިޔާބު ކުރުމުގައި އެމްޑީޕީއަށް އޮތް ގޮންޖެހުމެއް ކަން ވޯޓުލާން ނުދާނެ ކަމަށް ދެއްކި ވާހަކަތަކުން ސާފެވެ. މީގެ އިތުރަށް, ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގައި އަންނަ ލަސް ކަމާއި މަރުތަކަށް އިންސާފު ހޯދުމާއި އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދައިދޭން ވީ ވައުދު ކޮޅެއްގައި ނުޖެހި އަދި އޮތުމަކީ ސަރުކާރާއި އެމްޑީޕީއާ މެދު ނުރުހުންވި ބައެއް ކަންކަމެވެ.

އެމްޑީޕީގެ މެމްބަރުން ބޭނުންވީ މިކަންކަން ފުއްދާށެވެ.

ދެން އޮތީ ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމެވެ. އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެކޭ ބުނާވަރުގެ ޑިމޮކްރަސީގެ އުސޫލްތަކެއް ޕާޓީގެ އެތެރޭގައި ނެތުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނަކާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް ޕާޓީގެ ތެރޭގައި އޮތް ބުނާ ވާހަކަ ރީތި ތަސްވީރުތަކުން އިންތިހާބާ ގާތްކޮށް އޮއްބާލަން އުޅުނަސް އެކަން ގަބޫލެއް ނުކުރެ އެވެ.

އެމްޑީޕީގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ރައީސް ސޯލިހް އާއި ނަޝީދު: ޕާޓީގެ ކޯޅުން މި އިންތިހާބަށް އަސަރުކުރި. -- ފޮޓޯ / އެމްޑީޕީ


މާލެ، އެމްޑީޕީ އަށް ގެއްލުން، ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމާ އެ ޕާޓީގެ އިސް ބޭފުޅުން ވެސް އެބަ ގުޅުވަ އެވެ.

އެމްޑީޕީގެ މެމްބަރުންގެ ސުވާލުތަކާއި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުރި ކަން ވޯޓާ ގާތްވިއިރު، އެމްޑީޕީގެ ލީޑަޝިޕަށް އެނގެ އެވެ. އެކަމަކު ޕާޓީއަށް އޮތީ ޔަގީން ކަމެކެވެ. ވަގުތު އަޖަލުގައި ޖެހި، ޑިމޮކްރަސީ މަގުން ކައްސާލައިގެން ކަތި ފިޔަވަޅެއް އެ ޕާޓީގެ މެމްބަރުން ނާޅާނެ ކަމެވެ.

އެކަމަކު، އެހެނެއް ނުވި އެވެ. ސަރުކާރާއި އެމްޑީޕީގެ މިސްރާބާ މެދު ހިތްހަމަނުޖެހޭކަން މި ބުނެދިނީ އެމްޑީޕީގެ މެމްބަރުންނެވެ. ނޫން ނަމަ، ރައީސުލްޖުމްހޫރިއްޔާ ފިޔަވައި ރައްޔިތުންގެ އެންމެ ގިނަ ވޯޓުން ހޮވާ މޭޔަރުގެ ގޮނޑި އާއި މާލޭ ސިޓީ ކައުންސިލަށް މިނިވަންކަމާ އެކު މާލޭގައި މަޝްރޫއުތައް ހިންގައި މާލެ ބަދަލުކޮށްލަން ލިބޭ ފުރުސަތު ޕީޕީއެމާ ހަވާލެއް ނުކުރީހެވެ.

2023އަށް ވަރުގަދަ އިންޒާރެއް!

މި ވެސް ހަގީގަތެކެވެ؛ ކޮންމެ ވެރިކަމެއްގައި ވެސް ދައުރުގެ މެދު ތެރެއިން އޮންނަ އިންތިހާބު އޭރެއްގައި އޮންނަ ސަރުކާރަކަށް ކާމިޔާބުކުރަން ފަސޭހައެއް ނޫނެވެ.

ލާމަރުކަޒީ ނިޒާމް ހިންގަން ފެށިފަހުން ފާއިތުވެދިޔަ ތިން ކައުންސިލް އިންތިހާބުން ވެސް އެކަން ފެންނަން އެބައޮތެވެ. ވައުދުތަކާ އެކު ވެރިކަމާ ހަވާލުވެ ދެ އަހަރާ ބައިވާ އިރު ރައްޔިތުން އެދުނު މިސްރާބަށް ގައުމު ބައްޓަންވޭތޯ ބަލައި އެ މަގަށް ނުދާ ނަމަ ރައްޔިތުންގެ ފާޑުކިއުން ބޮޑުވެ އެވެ. މިސްރާބާ މެދު ގޮތް ނިންމަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017ގެ ލޯކަލް ކައުންސިލް އިންތިހާބު އެ ޕާޓީއަަށް ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ ވެސް އެކުގަ އެވެ. އެ ވޯޓަށް ވި އިރު ތަރައްގީގެ ބިޔަ މަޝްރޫއުތައް އޮތީ އިއުލާންކޮށް ބައެއް މަޝްރޫއުތަކުގައި މަސައްކަތް ވެސް ފަށައިފަ އެވެ. ބްރިޖާއި ދަރުމަވަންތަ 25 ބުރީގެ އިމާރާތެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެވެ. އެކަމަކު އެ ފަހަރު މާލެ ހިމެނޭ ގޮތަށް މުޅި ރާއްޖެ އިން ޕީޕީއެމަށް ދިނީ، އެމްޑީޕީ އަށް މާލެ އިން އިއްޔެ ނަގައިދިން ކަހަލަ ފިލާވަޅެކެވެ.

ނަތީޖާ އަކީ ޖެހިގެން އޮތް އަހަރުގެ ރިޔާސީ އިންތިހާބު ވެސް ގެއްލުން ކަމަށް ވެދާނެ އެވެ.

އެމްޑީޕީގެ ކެމްޕޭން ނިންމުމުގެ ހަފުލާގައި އެ ޕާޓީގެ ލީޑަޝިޕް: މި އިންތިހާބުގައި މާލެ އެމްޑީޕީއަށް ގެއްލުން އެއީ އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް. -- ފޮޓޯ / އަދަދު


މި އިންތިހާބުގައި މި ސަރުކާރަށް ވެސް ފާޑުވެރި ނަޒަރަކުން ވޯޓުލާން ނުކުތް މީހުން ގިނަކަން އެމްޑީޕީ އަށް މާލެ ގެއްލުމުން އެނގެ އެވެ.

އެމްޑީޕީގެ "ހިތް" ޕީޕީއެމާ ހަވާލުކޮށް، މެމްބަރުން އެ ޕާޓީއަށް އިއްޔެ ނަގައިދިނީ ވަރުގަދަ ފިލާވަޅެކެވެ؛ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ ކުރަން ޖެހިފައިވާ ކަމެވެ. މެމްބަރުންގެ މާޔޫސްކަން ސީރިއަސްކޮށް ނަގަން ޖެހޭ ކަމެވެ. ދެން އޮތީ އެންމެ މުހިއްމު ވާހަކަ އެވެ.

ކަންކަން ބަދަލުނުކޮށްފި ނަމަ 2023 އެމްޑީޕީއަށް އަތެއް ނުވާނެ ކަމެވެ.