Advertisement

މާލޭ މޭޔަރުކަން އެމްޑީޕީއަށް ގެއްލިއްޖެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި

10 އޭޕްރީލް 2021 - 21:59 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އަނަސްގެ ކެމްޕޭނު ހަރަކާތެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އެމްޑީޕީ


މާލޭ މޭޔަރުކަން އެމްޑީޕީއަށް ގެއްލިއްޖެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި

10 އޭޕްރީލް 2021 - 21:59 0

އެންމެ ވާދަވެރިކަން ބޮޑު މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބޮޑުތަނުން ކުރީގަ އުޅުއްވާއިރު، އެ ގޮނޑި އެމްޑީޕީއަށް ގެއްލިއްޖެ ކަމުގެ އިޝާރާތެއް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، މުއިއްޒު އުޅުއްވަނީ އެމްޑީޕީން މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އަނަސް އަބްދުއްސައްތާރަށް ވުރެ ގާތްގަނޑަކަށް 1،300 އަށް ވުރެ ގިނަ ވޯޓު ކުރީގަ އެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށީގެ މޭޔަރުކަން އެމްޑީޕީއަށް ކާމިޔާބުވެއްޖެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ފަރާތުން އެ ތިން ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

ނަމަވެސް، އެ މެސެޖުގައި މި އިންތިހާބުގައި އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓުލާ މާލޭގެ މޭޔަރު ކަމުގެ ގޮނޑިއަށް އިޝާރާތް ކުރައްވާފައެއް ނުވެ އެވެ.

ނަޝީދު ވަނީ ހުރިހާ ސިޓީ ކައުންސިލްތަކެއްގެ އަގުލަބިއްޔަތާއި، ގިނަ އަތޮޅު އަދި ރަށު ކައުންސިލްތައް ވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މާލޭގެ މޭޔަރުކަމުގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ، އަނަސްގެ ކެމްޕޭނުގައި ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ގިނަ ދައިރާތަކެއް ތަމްސީލް ކުރައްވައި، އެމްޑީޕީގެ މެމްބަރުން ވަނީ ހަރަކާތްތެރިވެފަ އެވެ.