Advertisement

ރޭސިޒަމް މައްސަލައިގައި ރޭންޖާސް އިން ސޯޝަލް މީޑިއާ ބޮއިކޮޓް ކޮށްފި

9 އޭޕްރީލް 2021 - 09:27 0

ރޭންޖާސްގެ ފޯވާޑް މޮރޭލޯސް (ކ) އާއި ޖެރާޑް މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ


ރޭސިޒަމް މައްސަލައިގައި ރޭންޖާސް އިން ސޯޝަލް މީޑިއާ ބޮއިކޮޓް ކޮށްފި

9 އޭޕްރީލް 2021 - 09:27 0

ގްލާސްގޯ (އޭޕްރީލް 9) - ނަސްލީ ތަފާތު ކުރުމުގެ (ރޭސިޒަމް) މައްސަލަތަކާ ހެދި ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ސްކޮޓްލެންޑްގެ ރޭންޖާސް އިން އެއް ހަފްތާގެ މުއްދަތަށް ސޯޝަލް މީޑިއާ ބޮއިކޮޓްކުރަން ނިންމައިފި އެވެ.

ސްކޮޓްލެންޑް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ރޭންޖާސްގެ ދެ ކުޅުންތެރިން ކަމަށްވާ ގްލެން ކަމާރާ އާއި އަލްފްރެޑޯ މޮރޭލޯސް އަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ނަސްލީ ގޮތުން ދިމާކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން އަޅާނެ ފިޔަވަޅުތައް މަޝްވަރާކުރުމަށް ފަހު ރޭންޖާސް އިން ނިންމީ އިއްޔެ އިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް އެ ކްލަބުން އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބޭނުން ނުކުރުމަށެވެ.

ރޭންޖާސްގެ މެނޭޖިން ޑިރެކްޓަރު ސްޓެވާޓް ރޮބާޓްސަން ވިދާޅުވީ އެ ކްލަބުން މި ހަފްތާގެ ތެރޭގައި އެދެނީ ގިނަ ޓީމުތަކުން މިކަމަށް ހައްލެއް ހޯދަން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކަށް ޕްރެޝަރު ކުރުމަށެވެ.

"މީގެ ހައްލެއް ގެނެވޭނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މިހާރަށް ވުރެ ފާރަވެރިވެވޭނެ ސިސްޓަމެއްގެ ތެރެއިން ކުރިއަށް ގެންގޮސްގެން. ބޭނުންކޮށްމެ މީހަކަށް ސޯޝަލް މީޑިއާ އިން އެކްސެސްވެގެން އަނެކެއްގެ ހައްގުތަކަށް އަރައިގަނެވިގެން ނުވާނެ. ގިނަ ކްލަބްތަކުން މި ފަދަ ކެމްޕެއިންތައް ކުރިއަށްގެންދާނަމަ އަވަސް ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވާނެ،" ރޮބާޓްސަން ވިދާޅުވި އެވެ.

މި ހަފްތާ ނިމުމުން ދެން މި މައްސަލައިގައި އިތުރަށް ރޭންޖާސް އަށް ކުރެވޭނެ ކަންތައްތައް މަޝްވަރާކުރާނެ ކަމަށް ރޮބާޓްސަން ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތާގައި ރޭންޖާސްގެ ފަރާތުން މިކަމުން އަރައިގަންނަން ތަފާތު ކަންކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭސިޒަމް މައްސަލަތަކާއި ބުލީކުރުން އާންމުވެފައިވާތީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ތިއަރީ އޮންރީ ވަނީ ވަކިވެފަ އެވެ. އަދި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ ގަރެތު ބޭލް ދާދި ފަހުން ވަނީ ގިނަ ފަރާތްތަކަކުން އެކުވެ ސޯޝަލް މީޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި އޭނާ ވެސް ބައިވެރިވާނެ ކަމަށް ބުނެފަ އެވެ.