8 އޭޕްރީލް 2021 - 09:43 0
މުހައްމަދު ވިޝާމް
ބ. އަތޮޅު ގޮއިދޫގެ މަގެއްގައި މީހަކު ހިނގާފައިދަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު
8 އޭޕްރީލް 2021 - 09:43 0
ލާމަރުކަޒީ ނިޒާމްގެ ހުވަފެން މިހާތަނަށް އޮތީ ބިލާހެއްގެ ގޮތުގަ އެވެ;
ރައްޔިތުންނަށް ދެއްކި ފޮނި އުއްމީދުތައް ހަގީގަތަކަށް ނުވެ އެވެ. މަގު ބައްތި ޖެހުމާއި ރަށު މިސްކިތުގެ ބޮކި ބަދަލުކުރުން ފަދަ ކަންކަމުގައި ޖެހެނީ މަރުކަޒީ ސަރުކާރަށް އާދޭސް ދަންނަވާށެވެ. ރައްޔިތުންނަށް އެކަމެއް ފަހިވަނީ މާލޭގައި ހުންނަވާ ވުޒާރާއެއް ހިންގަވާ ވެރިޔާގެ "ހެޔޮފުޅުކަމުން" އެ ކަމެއް ކޮށްދެއްވުމުންނެވެ.
މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީގައި ލާމަރުކަޒީ ނިޒާމުގެ ބާބެއް ފެވިގެން ދިޔަ ނަމަވެސް، މިހާތަނަށް އެކަން އޮތީ ހަމައެކަނި ކަރުދާހުގަ އެވެ. އެ ގާނޫނު އަސާސީ 2008 ގައި ތަސްދީގުކުރިތާ ދެ އަހަރެއްހާ ދުވަސް ފަހުން ލާމަރުކަޒީ ގާނޫނެއް އުފަންވެ، 2011 ވަނަ އަހަރު، ފުރަތަމަ ފަހަރަށް އަތޮޅު އަދި ރަށު ކައުންސިލުތައް އިންތިހާބު ކުރި ނަމަވެސް ހިންގަނީ މަރުކަޒީ ސިޔާސަތެވެ. ހުރިހާ ސަރުކާރުތަކުން ވެސް ބާރުތައް ދޫކޮށްލަން ބޭނުމެއް ނުވީ އެވެ.
ކައުންސިލަރުން ތިބެނީ ހަމަ ނަމެއްގަ އެވެ. އިދާރީ ބައެއް ޒިންމާތައް މައި ސަރުކާރުގެ ދަށުން ކައުންސިލްތަކަށް ދީލައިލި ނަމަވެސް، ހިދުމަތެއް ދެވޭނެ ބަޖެޓެއް ފައިސާއެއް ނުދެ އެވެ. އެތައް ދަތިކުރުންތަކަކާއި ފިއްތުންތައް ކައުންސިލްތަކަށް އެކި ސަރުކާރުތަކުގައި ކުރިމަތިކުރުވި އެވެ.
އެއާ އެކު، ކައުންސިލަރުންނަކީ ހަމައެކަނި ދައުލަތުން މުސާރަ ނަގައިގެން މަސައްކަތެއް ނުކޮށް ތިބޭ ބައެއެގެ ނުބައި ތަސައްވަރެއް އުފެދި، ލާމަރުކަޒީ ނިޒާމާ މެދު ވެސް އެތައް ބައެއްގެ ހިތްތަކުގައި ސުވާލު އުފެދުނެވެ.
ނަމަވެސް، 2013 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން މަރުކަޒީ އޮއިވަރު ބަދަލުވި މަންޒަރު ފެނުނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން، ހަގީގީ ލާމަރުކަޒީ ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތް ފެށުނެވެ.
މި ސަރުކާރުން ލާމަރުކަޒީ ނިޒާމާ މެދު ގެންގުޅޭ ވިސްނުން ވަރަށް ސާފެވެ. ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވި ވައުދާ އެއްގޮތަށް، މައި ސަރުކާރުގެ މުށު ތެރޭގައި އޮތް ގިނަ ބާރުތަކެއް ދޫކޮށްލުމުގެ ހިތްވަރު ނެރުނެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނީ، ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދީފި އެވެ.
2019 ވަނަ އަހަރު އެމްޑީޕީގެ ކައުންސިލަރުންގެ މަހާސިންތާގައި ރައީސް ސޯލިހާއެކު ސަރުކާރުގެ ބައެއް އިސްވެރިން. -- ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި، ރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓް ދިނުމުގެ އިންގިލާބީ ބަދަލެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.
ދެން އޮތީ ސަރުކާރުން ގެނައި އަނެއް ބޮޑު ބަދަލެވެ. ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ކައުންސިލްތަކުން ހިންގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވި، ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ނަފާ ލިބެން އޮތް އިންތިޒާރު އަހަރެއްހާ ދުވަހަށް ދިގުލީ އެވެ. ނަމަވެސް، އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ވޯޓުލާން ނުކުންނަ އިރު، ކައުންސިލުތަކަށް ދެވުނު ބާރުތަކުގެ ބުރަ އުފުލޭނެކަމާމެދު އޮތް ކަންބޮޑުވުން ބޮޑެވެ.
ސަބަބެއް ނެތި އެއް ނޫނެވެ. ކައުންސިލްތަކަށް ލިބޭ ބާރުތަކާ އެއްވަރަށް ޒިންމާވެސް ބޮޑުވީމަ އެވެ. ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްގީގެ ޕްލޭން ހެދުމާއި މާލީ ހިސާބުތައް ބަލަހައްޓައި، ޒިންމާދާރުކަމާއެކު ހިދުމަތް ކުރުމުގެ އިލްމީ އަދި ފަންނީ ގާބިލުކަން ކައުންސިލްތަކުގައި ހުންނާނެތޯ ކުރެވޭ ސުވާލުތަކެވެ. ހާއްސަކޮށް ކައުންސިލުތަކުން ކުރާ ހަރަދުތަކާއި ލިބޭ އާމްދަނީގެ އިތުރުން ހިންގާނެ މަޝްރޫއުތައް ބެލެހެއްޓި، ފާރަވެރިވެވޭނެ ނިޒާމަކާމެދު އޮތް ކަންބޮޑުވުމެވެ.
ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވި ގޮތުގައި ކައުންސިލުތަކުގެ އިދާރީ އޮނިގަނޑު މިހާރު އެކުލަވާލެވިފައިވާ ގޮތުން ޕްރޮގްރާމް އަދި ބަޖެޓު އޮފިސަރުން ފަދަ މަގާމުތަކަށް އިތުރު މުވައްޒަފުން ހަމަޖެއްސޭނެ ކަމަށެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އަފްޝަން ވިދާޅުވި އެވެ.
"ކޮވިޑް އައިސްގެން އެ މަސައްކަތް ކުޑަކޮށް މަޑުޖެހުނު. އެކަމަކު އަޅުގަނޑުމެން މި ދަނީ ކައުންސިލުތަކުގައި ތިއްބެވި އިދާރީ މުވައްޒަފުންނަށް ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް ހިންގަމުން. މާލިއްޔަތު ގާނޫނަށް އަހުލުވެރިކުރުން ފަދަ ގާނޫނުތަކާއި ގަވައިދުތަކަށް އަހުލުވެރިކުރަން،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ އެލްޖީއޭ އިސްވެ ކައުންސިލްތަކުގެ ފަންނީ ގާބިލުކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކުގެ ސަބަބުން، އަލަށް ހަވާލުކުރެވޭ ޒިންމާތައް އުފުލުމުގައި ކައުންސިލްތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ކޮންމެ ސަރުކާރެއްގައިވެސް އިދާރާތަކުގެ މާލީ ކަންކަން އެންމެ ފުރިހަމައަށް ނުބެލެހެއްޓޭކަމީ ފެންނަން އޮތް ހަގީގަތެކެވެ. އޮޑިޓު ރިޕޯޓުތަކުގައި ރަތް އަކުރުން ފާހަގަކޮށްފައި ހުންނަ މައްސަލަތައް އަހަރުން އަހަރަށް ތަކުރާރުވާއިރު، އެކަން ހައްލުވާ މަންޒަރެއް ނުފެނެ އެވެ.
ކަން މިހެން އޮއްވާ، މި އަހަރު ދައުލަތުގެ އާމްދަނީގެ ތެރެއިން ބްލޮކް ގްރާންޓުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ކައުންސިލުތަކަށް ލިބިގެންދާނެ އެވެ. އޭގެ އިތުރުންވެސް އާމްދަނީ ހޯދޭނެ އިތުރު ދޮރުތައް ކައުންސިލްތަކަށް މިހާރު ހުޅުވިފައިވާއިރު، އެކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓި، ފާރަވެރިވެވޭނެ ކަމާމެދު ސުވާލު އުފެދެ އެވެ.
ކައުންސިލް އިންތިހާބަށް އިދިކޮޅުގެ ކެމްޕޭނު ޕޯސްޓަރެއް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
"ޒީރޯ ޓޮލަރެންސް"ގެ ހަރުކަށި ސިޔާސަތެއް އިއުލާނުކޮށްގެން، ކޮރަޕްޝަން ހުއްޓުވަން މައި ސަރުކާރު ތެރެއިން ނުކުޅެދިފައިވާއިރު، ކައުންސިލްތަކުގައި އެކަން ހުއްޓުވޭނެތޯ މިއީ އެންމެ ބޮޑު ކަންބޮޑުވުމެވެ.
އެކަމަށް އިޝާރާތް ކުރައްވާ އަފްޝަން ވިދާޅުވީ މީގެ ކުރިން ވެސް ކައުންސިލްތަކުގެ އޮޑިޓު ރިޕޯޓުތަކުން ވެސް ފާހަގަކުރެވިފައިވަނީ ސީދާ ކޮރަޕްޝަންގެ އަމަލުތަކެއްގެ ބަދަލުގައި، މާލިއްޔަތު ގަވައިދަށް އަހުލުވެރިވުން ކުޑަވުމުގެ މައްސަލަތަކެއް ކަމަށެވެ.
އަދި ކައުންސިލްތަކުގެ އާމްދަނީ އާއި ހަރަދު ބަލަހައްޓަނީ ސީދާ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ޕޯޓަލެއް މެދުވެރިކޮށް ކަމަށްވާތީ، އެ ހުރިހާ މުއާމަލާތްތަކެއްގެ ދުވަހުން ދުވަހަށް މޮނީޓާ ކުރެވޭނެކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ކުރިން ވާހަކަ ދެއްކެވި އަލީ ނިޔާޒް ވިދާޅުވީ މައި ސަރުކާރާ ހިލާފަށް، ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކާއި ކުރާ މަސައްކަތްތައް ދާނީ އެ ރަށެއްގެ ނޫނީ އަތޮޅެއްގެ ރައްޔިތުންނާ ގާތުން ކަމަށްވާތީ، އެކަންކަމަށް ފާރަވެރިވުމުގެ އިތުރު ފަށަލައެއް އިންނާނެ ކަމަށެވެ.
"ރަށްރަށުގަ ބެލޭނެ އެކަންކަމަށް ވަރަށް ބޮޑަށް. ވަރަށް ގިނަ ލޯތަކެއްގެ ކައިރިން މިކަންކަން ކުރިއަށްދާނީ. އެހެންވީމާ ކައުންސިލްތަކުން ކުރާ ކަންކަން ގިނަ ލޯތަކެއްގައި އަޅައިގަންނާނެ،" އަލީ ނިޔާޒް ވިދާޅުވި އެވެ.
މިހާރު ހުރި ނިޒާމުގެ އިތުރުން ވެސް، ކައުންސިލްތަކުގެ މާލީ މުއާމަލާތްތައް ބެލެހެއްޓުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ފިނޭންސް މިނިސްޓްރީ އިސްވެ އަންނަނީ ކުރަމުންނެވެ.
ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ލިބޭ އާމްދަނީން ނުހިންގޭ މަޝްރޫއުތަކަށް، ޕްރޮޕޯޒަލް ހުށަހަޅައިގެން، ސަރުކާރުގެ ގެރެންޓީއާ އެކު ލޯނު ނެގުމުގެ ފުރުސަތު ފަހިކޮށްދީފައިވާއިރު، މުޅި ދައުލަތުގެ ދަރަނީގެ ތެރޭގައި އެބައި ހިމަނައިގެން، އެކަންކަން އުސޫލެއްގެ ތެރެއިން ބެލެހެއްޓުމުގެ މަސައްކަތް ކުރެވޭނެ އެވެ.
މިގޮތުން، މިހާރުވެސް އެކަމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅިފައިވާއިރު، އެކަމުން ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރަން މާލިއްޔަތު ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތަކެއްވެސް ކުރެވެމުންދާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މިކަމުގައި ހުރި ރިސްކުތައް ދެނެގަނެ ކައުންސިލުތަކުން ނަގާ ދަރަނި މެނޭޖްކުރެވޭނެކަން އެބަ ޔަގީން ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
މިހާރުވެސް ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަން ފެށިގެން އަންނަނީ ޕްރޮކިޔުމަންޓްގެ ނިޒާމުގެ ތެރެއިން ކަމަށްވާއިރު، ކައުންސިލުތަކުގައި އެ ނިޒާމު ހަރުދަނާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް އިތުރަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ކައުންސިލްތައް އޮޑިޓް ކުރުން ވަރުގަދަ ކުރުމުގެ ގޮތުންވެސް ފިޔަވަޅުތަކެއް ވެސް ފިނޭންސުން އިސްވެ އަންނަނީ އަޅަމުންނެވެ.
2019 ވަނަ އަހަރު އެމްޑީޕީގެ ކައުންސިލަރުންނަށް ބޭއްވި މަހާސިންތާގައި އަލީ ނިޔާޒް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑުމެންގެ އެއް ވިސްނުމަކީ އިންޓާނަލް އޮޑިޓިން ވަރުގަދަ ކުރުން. މިގޮތުން، މަދުވެގެން އަތޮޅު ކައުންސިލުތަކުގައި އިންޓާނަލް އޮޑިޓް ކުރެވޭނެ މޮޑިއުލްއެއް ހަމަޖައްސަން ކެބިނެޓް ލެވެލްގައިވެސް ވަނީ މަޝްވަރާ ކުރެވިފައި،" އޮފިޝަލް ވިދާޅުވި އެވެ.
ކައުންސިލްތަކަށްދޭ ބާރުތަކުގެ ތެރެއިން ރަށު ލެވެލްގައި ތަރައްގީގެ ޕްލޭނެއްގެ އިތުރުން ލޭންޑް ޔޫސް ޕްލޭނެއް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހެ އެވެ. އަދި ޕްލޭންތައް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއަކުން ފާސްކޮށް، އޭގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބެ އެވެ.
އެކަމުގައި އުފެދޭ އެންމެ މުހިއްމު ސުވާލަކީ، ރަށްރަށުގެ ލެވެލްގައި ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ގެންގުޅޭ ގައުމީ ތަރައްގީގެ ޕްލޭންއާ ފުށުއަރާނެތޯ އެވެ. ނޫނީ، މުޅި ގައުމަށް އޮތް ޕްލޭނަށް ބާރުލިބޭ ގޮތަށް ވަކިވަކި ރަށްރަށުގެ ތަރައްގީ ކައުންސިލްތައް މެދުވެރިކޮށް ގެންދެވޭނެ ފޯމިއުލާއެއް ނެރުމެވެ.
މެމްބަރު އަލީ ނިޔާޒްގެ އިތުރުން އެކަމަކީ އަފްޝަން ވިދާޅުވި ގޮތުގައި އެލްޖީއޭގެ ވެސް މައިގަނޑު ކަންބޮޑުވުމެކެވެ.
އަލީ ނިޔާޒް ވިދާޅުވީ ރަށެއްގެ ތަރައްގީއަށް އެ ރަށެއްގެ ކައުންސިލަކުން ހުށަހަޅާ ކަމެއް، ގައުމީ ތަރައްގީގެ ޕްލޭނާ އެލައިން ކުރުމަކީ ކޮންމެހެން ޔަގީންކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ބައެއް ރަށްތަކުން ހުށަހަޅާ ކަންކަން ގައުމީ ތަރައްގީގެ ޕްލޭނާ ފުށު އެރުންތަކެއް ހުންނާނެކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"މިސާލަކަށް އެއާޕޯޓެއް އޮތް ރަށެއް ޖެހިގެން އޮއްވާ، ކައިރީގައި އޮތް ރަށުން މި ހުށަހަޅަނީ އެ ރަށުގައި އެއާޕޯޓެއް ތަރައްގީ ކުރަން،" އޭނާ މިސާލެއް ނެންގެވި އެވެ.
ނަމަވެސް، އެފަދަ ހުށަހެޅުމެއް ލޭންޑް ޔޫސް ޕްލޭންގައި ހިމެނި ނަމަވެސް، އެގޮތަށް ފާސްނުވާނެކަމަށް އަލީ ނިޔާޒް ފާހަގަކުރައްވަ އެވެ.
އޭގެ އިތުރުން، މިހާރު މަޖިލީހުގައި އޮތް ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގައި ވެސް ތަރައްގީގެ ކޮންޓްރޯލް ޕްލޭންތަކެއް ހިމެނިފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ބޭނުންކުރާ ކެމްޕޭނު ޕޯސްޓަރެއްގައި ކައިރިން މީހަކު ހިނގާފައިދަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
އަފްޝަން ވިދާޅުވި ގޮތުގައި، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާއިރު، ކައުންސިލްތަކުން ތައްޔާރުކުރަންޖެހޭ ލޭންޑް ޔޫސް ޕްލޭނަށް ޕްލޭނިން މިނިސްޓްރީން މިހާރު އެކުލަވާލަމުންދާ ސްޕޭޝަލް ޕްލޭން ވަރަށް މުހިއްމެވެ.
"މިސާލަކަށް ކައުންސިލްތަކަށް އެބަ އެނގެންޖެހޭ އައިސް ޕްލާންޓް ހުންނާނީ ކޮން ރަށްރަށެއްގައި ކަން. އެއާޕޯޓް ހުންނާނީ ކޮން ސަރަހައްދުތަކެއްގައި ކަން. އެހެންވެ ސްޕޭޝަލް ޕްލޭން މުހިއްމުވަނީ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ ކުރިން،" އޭނާ ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީން އެ ސްޕޭޝަލް ޕްލޭން މިހާރު އެކުލަވާލާ ނިމިފައިވާއިރު، ވަރަށް އަވަހަށް އެ އާއްމުކުރެވޭނެކަމަށް މިނިސްޓަރު އަހުމަދު އަސްލަމް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
އަފްޝަން ވިދާޅުވި ގޮތުގައި ސްޕޭޝަލް ޕްލޭނާ އެކު، ރަށްރަށުގެ ތަރައްގީގެ ޕްލޭނާއި ގައުމީ ތަރައްގީގެ ޕްލޭނާ ފުށުއެރުމެއް ހުންނަ ނަމަ އެކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ.
ކޮންމެއަކަސް، އެތަކެއް އަހަރެއް ރައްޔިތުން ކުރަމުން އައި އާދޭހެއްގެ އަޑު ސަރުކާރަކަށް މި ވަނީ އިވިފަ އެވެ. ހަގީގަތުގައި ވެސް ރައްޔިތުންގެ އަތްމައްޗަށް ބާރުތައް މިވަނީ ދޫކޮށްލައިފަ އެވެ.
ހޮނިހިރު ދުވަހު އޮންނަ އިންތިހާބުން ކައުންސިލްތަކާ ހަވާލުވާ ކައުންސިލަރުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ބޮޑުވެފައި، ބުރަ ވާނެ އެވެ.
މިހާރު ދެން ބާރެއް ނެތްކަމާއި، ފައިސާ ނުދޭ ކަމުގެ ބަހަނާގެ ނިވާފަތްގަނޑެއް ނެތެވެ. މި ފަހަރު ކައުންސިލަރުން ހަވާލުވާނީ ވަކި ރަށެއް ނުވަތަ އަތޮޅަކާ އެކަންޏެއް ނޫނެވެ. ބާރުވެރިކަމާއެކު މުޅި ލާމަރުކަޒީ ނިޒާމުގެ އިމްތިހާނަކާ އެވެ. އެއާއެކު ހަގީގީ މާނައިގައި ލާމަރުކަޒީ ބާރުތައް ސަރުކާރުން ދޫކޮށްލާނެތޯ އޮތް ސުވާލެވެ.
Comment