ތިމްޕޫ ބަލިކޮށް އީގަލްސް ކޮލިފައިން ދެ ވަނަ ބުރަށް

ތިމްޕޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ނާއިމް އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ތިމްޕޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ނާއިމް އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަމަ ބުރުގައި މިއަދު ހަވީރު ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެ, ކްލަބް އީގަލްސް ކޮލިފައިން ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

މިއީ އީގަލްސްގެ 31 އަހަރުވީ ތާރީހުގައި އެ ޓީމުން އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ.

އަންނަ ހަފްތާގެ ބުދަ ދުވަހު ކުޅޭ ކޮލިފައިން ދެ ވަނަ ބުރުގެ މެޗުގައި އީގަލްސް ކުޅެން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަަބަހާނީއާ އެވެ. އެ މެޗު ކުޅޭނީ ބަންގްލަދޭޝްގަ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ އީގަލްސް ކޮލިފައިން ޕްލޭއޮފަށް ދަތުރުކުރާނެ އެވެ. ޕްލޭއޮފްގައި އީގަލްސް ކުޅެން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި މާޒިޔާ އިން ވަނީ އަބަހާނީ އާއި ބެންގަލޫރު ކަޓުވާލައިފަ އެވެ.

އީގަލްސް އިން މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިންގެ ނަން ހިމެނި ނަމަވެސް ވޯމްއަޕްގައި އަނިޔާވުމުން އޭނާގެ ބަދަލުގައި ފަހުން ވަނީ ގައުމީ ޓީމުގެ ފޯވާޑް މުހައްމަދު ނާއިމްގެ ނަން ހިމަނައިފަ އެވެ.

މެޗުގެ ފުރަތަމަ މިނިޓްގައި އީގަލްސް އިން ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކުރިއިރު, ހަސަން ރާއިފް އަހުމަދު (ހަންނަ) ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ބްލޮކްވެފަ އެވެ. އެކަމަކު މެޗުގެ އަށް ވަނަ މިނިޓްގައި ހަންނަ ވަނީ ފުރުސަތުގެ ބޭނުންހިފައި އީގަލްސް އަށް ލީޑުނަގައިދީފަ އެވެ. ނާއިމް ހުރަސްކޮށްލި ބޯޅަ އީގަލްސްގެ މިސްރު ފޯވާޑް މުހައްމަދު އޮސާމާ ޖަހަން މަސައްކަތްކުރި ނަމަވެސް އޭނާ ފައިގައި އެ ބޯޅަ ލައްވާނުލައި ގޮސް ލިބުނީ ހަންނަ އަށެވެ. ހަންނަ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އާންމުގޮތެއްގައި ޑިފެންސްގެ މަގާމުތަކަށް ކުޅެމުން އަންނަ އީގަލްސްގެ ހިސާމް ސަލީމް (ކޮކީ) މިއަދުގެ މެޗުގައި ކުޅުނީ މެދުތެރެއަށެެވެ. ފުރަތަމަ ހާފުގެ ބޮޑު ބައިގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ އާދައިގެ ކުޅުމެކެވެ. ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ދެ ޓީމަށް ވެސް ކުޅުމެއް ނުދެއްކެ އެވެ. މެދުތެރެއިން ދެ ޓީމު އަތުން ގިނަ ބޯޅަތަކެއް ގެއްލުނެވެ.

ތިމްޕޫ އިން ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެއް ފުރުސަތު ހޯދި އެވެ. ތިމްޕޫ އިން އޭރިއާތެރެއަށް މަތިން ޖެހި ބޯޅައެއް އީގަލްސްގެ ކީޕަރު ލެބަނަންގެ މުހައްމަދު ތޯހާ އަތުގައި ޖެހިފައި ތިމްޕޫގެ ވަންޗުކް ޝެރިން އަށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން ފުރަތަމަ ފަސް މިނިޓް ތެރޭ ހަންނަ އާއި ނާއިމް ޖެހި ބޯޅަތައް ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން މެޗުގެ 65 ވަަނަ މިނިޓްގައި އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) ތިރިތިރިން ފޮނުވާލި ބޯޅަ ތިމްޕޫގެ ކީޕަރު ނަވާން ޔަމްޕެލް ވަނީ މަަތަކޮށްފަ އެވެ.

ތިމްޕޫ އިން މެޗުގެ 67 ވަނަ މިނިޓްގައި ނަތީޖާ ހަަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާތެރެއިން ތިމްޕޫގެ ޔެޝީ ޑޯޖީ ބޮލުން ޖެހި ބޯޅަ ކީޕަރު ތޯހާ ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ތިމްޕޫގެ ދަވާ ޝެރިން ކޯނަރަކުން ނެގި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

މެޗުގެ ފަހު 15 މިނިޓަށް އީގަލްސް އިން ވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ކުޅެން އަރުވައިފަ އެވެ. މިއީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ބެންގަލޫރާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗަށް ފަހު އަސްހަދު މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

އީގަލްސްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 88 ވަނަ މިނިޓްގައި ނާއިމް އެވެ. ހަންނަ އަށް ކުރި ފައުލަކަށް އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ނާއިމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ތިން ވަނަ ގޯލެއް ޖަހަން މެޗުގެ އިތުރު ވަގުތުގައި އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު (ކުރޯ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މިއީ ތިމްޕޫ އިން އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީމަކާ ދެކޮޅަށް އޭއެފްސީ ކަޕްގައި ކުޅުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ވެލެންސިއާ އިން ވަނީ ތިމްޕޫ ކަޓުވާލައިފަ އެވެ. ތިމްޕޫގައި ކުޅުނު ފުރަތަމަ ލެގު 0-0 އިން އެއްވަރުވިއިރު, މާލޭގައި ކުޅުނު ދެ ވަނަ ލެގުން ވެލެންސިއާ ވަނީ 3-0 އިން މޮޅުވެފަ އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ކޮވިޑާ ހެދި ކުޅެނީ އެއް ލެގަށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެނީ ސެންޓްރަލައިޒްކޮށް ކޮންމެ ގްރޫޕެއްގެ މެޗުތައް ވަކި ގައުމެއްގަ އެވެ. އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް އަންނަ މަހު ހޯސްޓްކުރާނީ މާލޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox