Advertisement

އީގަލްސް އޭއެފްސީ ކަޕަށް އާ ވިޔަސް ކުޅުންތެރިންނާ މެދު ޝާޒްގެ އިތުބާރު ބޮޑު

6 އޭޕްރީލް 2021 - 14:50 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އީގަލްސްގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު ޝާޒް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އީގަލްސް އޭއެފްސީ ކަޕަށް އާ ވިޔަސް ކުޅުންތެރިންނާ މެދު ޝާޒްގެ އިތުބާރު ބޮޑު

6 އޭޕްރީލް 2021 - 14:50 0

މިއީ ކްލަބް އީގަލްސްގެ ތާރީހުގައި އެ ޓީމުން އޭއެފްސީ ކަޕްގައި ކުޅޭ ފުރަތަމަ ފަހަރު ކަމުގައިވީ ނަމަވެސް އެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ބައިނަލްއަގުވާމީ ގިނަ މެޗުތަކެއްގައި ކުޅެފައިވާ ކުޅުންތެރިން ކަމަށްވާތީ މާދަމާ އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަަމަ މެޗުގައި ބޫޓާންގެ ތިމްޕޫއާ ދެކޮޅަށް ނުކުންނައިރު, އީގަލްސްއާ މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށް އެ ޓީމަށް އިރުޝާދުދޭ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

އީގަލްސް އިން މި ފަަހަރުގެ އޭއެފްސީ ކަޕްގައި ކުޅެނީ މިދިޔަ ސީޒަނުގައި ރާއްޖޭގެ ލީގުގެ ރަނަރަޕްގެ ހައިސިއްޔަތުންނެވެ. އޭއެފްސީ ކަޕްގައި އީގަލްސްގެ ތާރީހުގައި ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ މާދަމާ ހަވީރު ބޫޓާންގެ ޗެމްޕިއަން ތިމްޕޫއާ ކުޅޭ މެޗެވެ.

މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގެ މީޑިއާ ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝާޒް ބުނީ މިއީ އީގަލްސް އަށް އޭއެފްސީ ކަޕްގައި ފުރަތަމަ މެޗު ކަމަށް ވިޔަސް އެ ޓީމުގައި ތިބި ގައުމީ ޓީމުގެ ކުޅުންތެރިންގެ ނިސްބަތް ގިނައިރު, މިއީ އެ ކުޅުންތެރިންނަށް އާ މެޗުތަކެއްގެ ގޮތުގައި ނުބެލެވޭ ކަމަށެވެ. އެއީ ގައުމީ ޓީމުތަކަށް ގިނަ މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިންނާއި އެހެން ކްލަބްތަކަށް ކުޅެމުން ކްލަބް ލެވެލްގައި ވެސް ބައިނަލްއަގުވާމީ މެޗު ކުޅުނު ކުޅުންތެރިން އީގަލްސްގައި ތިބުމުންނެވެ.

"މިއީ އީގަލްސްގެ ފުރަތަމަ މެޗު. ގަބޫލުކުރެވެނީ އީގަލްސް އަށް ރަނގަޅަށް ތައްޔާރުވެވިއްޖެއޭ. ދެން މިހާލަތާ ގުޅިގެންތާ ވާހަކަ ދައްކަން ޖެހެނީ. ދެން އަބަދުވެސް ކަންކަމުގައި އޮންނާނެ ދެކޮޅު. އެ އަށް އެހާ ބޮޑަކަށް ނުވިސްނަން. ދެން ލީގުގެ ދެ މެޗާ އެއްކޮށް ފުދޭ ވަރަކަށް ރަނގަޅަށް ތައްޔާރުވެއްޖެ," ދިވެހި ޕްރިމިއާ ލީގު ދެމަހެއްހާ ދުވަހަށް މެދުކަނޑާލުމާ އެކު އެކަށީގެންވާ ވަރަށް ތައްޔާރުވާން ވަގުތު ލިބުނުތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޝާޒް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝާޒް (ވ) އާއި ޓީމުގެ ކެޕްޓަން ކުރޯ (ކ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


"އީގަލްސް އޭއެފްސީ ކަޕް މެޗެއް ކުޅެލަން ހިތްހަމަޖެހޭ ވަރަށް ޓީމު ތައްޔާރު,"

ޝާޒް ބުނީ މީގެ ކުރިން އޭއެފްސީ ކަޕްގައި ދިވެހި ޓީމުގެ ވިސްނުމަކީ ކުޅެލައި ތަޖުރިބާތަކެއް ހޯދުން ކަމަށާއި މިހާރު ރާއްޖޭގެ ފުޓްބޯޅަ ކުރިއަަރައިގެން ގޮސް ޓީމުތަކުގެ ވިސްނުން ހުންނަނީ އޭއެފްސީ ކަޕްގައި ވެސް ނަތީޖާ ނެރުމަށް ކަމަށެވެ.

"މިހާރު ދިވެހި ޓީމުތަކުގެ އަމާޒުހުރީ ގްރޫޕް ސްޓޭޖު އެކަންޏެއް ނޫން. ގްރޫޕް ސްޓޭޖުން ވެސް ދުރަށްދާ ހިސާބަށް އަމާޒުހުރީ. ދެން އޭއެފްސީ ކަޕަކީ ފުދޭ ވަރެއްގެ ލެވަލް ހައި މުބާރާތެއް ދެން ރާއްޖޭގެ ފުޓްބޯޅަ މިހާރު ގޮސްފައި އޮތް ހިސާބުން ރާއްޖޭގެ ފުޓްބޯޅަ އަށް އެ ހިސާބަށް ރީޗްވެވޭނެ ކަމަށް ގަބޫލުކުރޭ އެގޮތަށް ބަލާއިރު އެއްވެސް މެޗެއް ފަސޭހަނުވާނެ," މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބް ގޮވައިގެން އޭއެފްސީ ކަޕަށް ނުކުތް ޝާޒް ބުންޏެވެ.

އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އީގަލްސް އިން ވަނީ މިދިޔަ މަހު ކުރިއަށްދިޔަ ޓްރާންސްފާ މާކެޓްގައި ބިދޭސީ އާ ތިން ކުޅުންތެރިން ކަމަށްވާ ލެބަނަންގެ ކީޕަރު މުހައްމަދު ތޯހާ އާއި މިސްރުގެ ޑިފެންޑަރު އެލްސައީދު އަދި ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިން ގެނެސްފަ އެވެ. މީގެ އިތުރުން އަނިޔާގެ ސަބުން މިދިޔަ ދެ އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ އީގަލްސްއާ ގުޅިފަ އެވެ. ލީގުގައި އެންމެ ފަހުން ދަ ގްރާންޑޭއާ ދެކޮޅަށް އީގަލްސް 1-1 އިން އެއްވަރުވި މެޗުގެ ފަހުކޮޅުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަސްހަދު ވަނީ ކުޅެން އަރައިފަ އެވެ.

"(އަސްހަދުގެ ހާލަތު) މިހާރަށް ބަލާއިރު ފިޓްނަސް އަކީ ދެން ޓައިމް ނަގާނެ ކަމެއް. އެ އަށް ޓައިމް ދޭން ޖެހޭނެ. ދެން މަޑުމަޑުން ފިޓްނަސް ލެވަލް ރަނގަޅުވަމުން އަންނަނީ. މުޅި ޓީމުގެ ފިޓްނަސް ލެވަލް ވެސް ރަނގަޅު," އަސްހަދާ ބެހޭގޮތުން ޝާޒް ބުންޏެވެ.

ޝާޒް ބުނީ މެޗަށް ނުކުންނައިރު ވިސްނަންޖެހޭ އަނެއް ކަމަކީ ތިމްޕޫ އަކީ ބޫޓާންގެ ޗެމްޕިއަނުން ކަމަށާއި އެ ޓީމުން ބޫޓާން ލީގުގައި ވެސް ރެކޯޑް ރަނގަޅުކަން ކަމަށެވެ.

"(ތިމްޕޫ އަކީ) ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކެނީ. ދެން ރާއްޖޭގެ ހޯމްގައި ކުޅޭތީ އެއީ ވަރަށް ރަނގަޅު އެޑްވާންޓޭޖެއް ގޮތުގައި ދެކެނީ. ތައްޔާރުވާން މި ހާލަތުގައި ވަރަށް ފަސޭހަވާނެ ހޯމް ޓީމަށް އެ އެޑްވާންޓޭޖްގެ ބޭނުން ހިފައިގެން މެޗު ކާމިޔާބުކުރަން ވަރަށް ބޮޑަށް އުއްމީދުކުރަނީ," ޝާޒް ބުންޏެވެ.

އީގަލްސް އާއި ތިމްޕޫ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.