6 އޭޕްރީލް 2021 - 11:30 0
މުހައްމަދު ވިޝާމް
މާލޭގެ މަގެއްގައި ވެހިކަލްތަކުގެ ކާރޫބާރު ބޮޑު ވެފައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
6 އޭޕްރީލް 2021 - 11:30 0
ޓްރާންސްޕޯޓް މިނިސްޓްރީގައި ޒިންމާދާރުކަމާ އެކު މަސައްކަތް ނުކުރާ މުވައްޒަފުން ވަކިނުކޮށް, ހަމައެކަނި އޮތޯރިޓީ އުވާލައިގެން އެތަނުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ސަރުކާރުގެ ފަރާތުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި ބިލުގައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ މުދަލާއި މަސައްކަތްތަކުގެ އިތުރުން މުވައްޒަަފުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށް, އޮތޯރިޓީ އުވާލަން ހިމަނައިފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ސަރުކާރުން ނިންމީ އެތަނުގެ ހިދުމަތްތައް ލަސްވެ ރައްޔިތުންގެ ޝަކުވާ ބޮޑުވުމުންނެވެ.
އެތަން އުވާލުމާ ގުޅޭ ގޮތުން މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުފައްދާފައިވަނީ ވަރަށް ގިނަ ބާރުތަކާއި މަސްއޫލިއްޔަތުތަކާއެކު ކަމަށެވެ. ނަމަވެސް އެ އޮތޯރިޓީގެ މަސައްކަތްތައް ލަސްވެ، ޒިންމާތައް އަދާނުކުރެވޭނީ އެ ތަނުގައި ތިބި މުވައްޒަފުންގެ ސަބަބުންކަމަށް އަފީފް ތުހުމަތުކުރެއްވި އެވެ.
ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
"ދެން އެ އޮތޯރިޓީގައި ތިބި އެފަދަ މުވައްޒަފުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްގެން މި މައްސަލަ ހައްލުވާނެކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ހަމައެކަނި އެ އޮތޯރިޓީ އުވާލައިގެން މައްސަލަ ހައްލުނުވާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބޭނުމެއް ވިސްނިވަޑައިނުގަންނަވާކަމަށް އަފީފް ތަކުރާރުކޮށް ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ ދައުލަތުގެ އިދާރާއެއް އުވާލަން ސަރުކާރުން ފޮނުވާއިރު، އެކަމެއް ކުރާ ސަބަބާއި ހާސިލުކުރަން ބޭނުންވާ މަގުސަދު ސާފުވާންޖެހޭ ކަމަށެވެ.
"އެކިއެކި ވުޒާރާތަކުގައި ގިނަ އޮތޯރިޓީތަކެއް ހުރި އިރު، އަޑުއިވޭ އޮތޯރިޓީ އުވާލަނީ މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރަށް އުނދަގޫތަކެއް ހުންނާތީއޭ,"
"ކަން ނުވީމާ މުއައްސަސާތަކެއް އުވާލަންޏާ ރައްޔިތުންގެ ފާޑުކިއުން އެންމެ ބޮޑީ ރައީސުލްޖުމްހޫރިއްޔާއަށް. އެއަށްފަހު ރައްޔިތުންގެ މަޖިލީހަށް. އެހެންވަންޏާ އެންމެ ފުރަތަމަ އުވާލަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި މި މަޖިލިސް ނޫންތޯ؟" ނަސީމް ސުވާލު އުފެއްދެވި އެވެ.
އިތުރަށް ވިދާޅުވީ ރައްޔިތުން ފާޑުކިޔާ ކޮންމެ ފަހަރަކު، މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި އެ މުއައްސަސާއެއް އުވާލާ ނަމަ، މުސްތަގުބަލުގައި އެއްވެސް މުއައްސަސާއެއް ނޯންނާނެ ކަމަށެވެ.
އެ ވާހަކަތަކަށް މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ތާއީދުކުރެއްވި އެވެ.
ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރު ނާގާބިލުކަމުގެ ވާހަކަ ދެކެވޭއިރު، އަނެއްކާވެސް މި ފެންނަނީ ޓްރާންސްޕޯޓް އޮތޯރިޓީ ވެސް ހަވާލުކުރާ މަންޒަރު ކަމަށެވެ.
ފަރެސްމާތޮޑާގެ އިދިކޮޅު މެންބަރު ހުސެއިން މުހައްމަދު ލަތީފް ވެސް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް އެއްގޮތަކަށް ވެސް ނުހިނގާ ކަމަށް ރައްޔިތުން ޝަކުވާ ކުރަމުންދާއިރު، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތައްވެސް މިނިސްޓްރީއާ ހަވާލުކޮށްގެން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން މަޖިލީހަށް ހުށަހެޅީ، އެ އޮތޯރިޓީގައި ބޮޑެތި މައްސަލަތައް ހުރި ކަމަށް ވިދާޅުވެ، އެކަން ކުރައްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާނުކުރެއްވުމަށްފަހު އެވެ.
ނަމަވެސް، އެ އޮތޯރިޓީ އުވާލާއިރު، އެތަނުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ދެރައެއް ނުލިބޭނެ ގޮތަށް ހުރިހާ ކަމެއްވެސް ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ވިދާޅުވެފަ އެވެ.
Comment