Advertisement

އަންހެން ރައީސްގެ ހިތްހަމަޖެހުން: 33 ޕަސެންޓުގެ ބާރުވެރިކަން!

9 އޭޕްރީލް 2021 - 10:43 1

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ބައްދަލުވުމެއްގައި: ކައުންސިލްގެ ދެ ދައުރު އޭނާ ރައީސްކަން ކުރެއްވި.


އަންހެން ރައީސްގެ ހިތްހަމަޖެހުން: 33 ޕަސެންޓުގެ ބާރުވެރިކަން!

9 އޭޕްރީލް 2021 - 10:43 1

އަންހެނުންނަށް ބަނދަރު ހަދާކަށް ނޭނގޭނެ އެވެ. މަގުބައްތި ޖަހަންވީ ދިމާތަކާއި ކައުންސިލް ބަޖެޓަށް ފައިސާ އިތުރުކުރާނެ ގޮތެއް ނުހޯދޭނެ އެވެ. ރައްޔިތުންނަށް ފައިދާ ހުރި ނިންމުމެއް އަންހެން ކައުންސިލަރަކު ނިންމައިފި ނަމަ ގަބޫލުކުރަން ވެސް ބައެއް މީހުން ބޭނުން ނުވެދާނެ އެވެ. އެކަމަކު ހަމަ އެ ނިންމުން ފިރިހެން ކައުންސިލަރަކު އިއުލާންކުރުމުން ކަމުގޮސްގެން ތައުރީފް އޮއްސާ ފަހަރުތައް ދެ އެވެ. 

ބަދަލުވާން ޖެހެނީ މި ވިސްނުމެވެ؛

ރާއްޖޭގެ ފުރަތަމަ އަންހެން ކައުންސިލް ރައީސް އަސްމާ ހުސެއިން ގަބޫލުކުރައްވާ ގޮތުގައި، މާދަމާ ބާއްވާ ކައުންސިލް އިންތިހާބަށް ފަހު ރާއްޖޭގެ އެއްވެސް ހިސާބަކުން އެ ވިސްނުން ކުރިއަކަށް ނުނެރޭނެ އެވެ.

"ރައްޔިތުން އެދޭ، ފައިދާވާ ގޮތަށް ފުރިހަމައަށް އެކަން ކުރެވޭނީ އަންހެނުންގެ ބައިވެރިވުމާ އެކުގައި ކަން އަންހެން ކައުންސިލަރުން ސާބިތުކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޖަލްސާއަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެކު އަސްމާ ފޮޓޯއަކަށް ހުއްޓިވަޑައިގެން.


މަގު ބައްތި ޖެހުމާއި ބަނދަރު ހެދުމުގައި ފިރިހެން ކައުންސިލަރުން ވެސް ހޯދަނީ އެކަމުގެ ތަޖުރިބާކާރުންގެ ލަފަ އެވެ. ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލެވެ. ރަށް ކުރިއެރުވުމާއި ތަރައްގީގެ މަޝްރޫއުތަކަކީ ވަކި ޖިންސަކަށް ކުރެވޭނެ ކަމެއް ނޫންކަން، އަސްމާ ވަނީ ނ. ވެލިދޫ ކައުންސިލްގައި އޭނާ ހޭދަކުރެއްވި ދެ ދައުރު (އަށް އަހަރު)ގައި ސާބިތުކޮށްދެއްވައިފަ އެވެ.

33 ޕަސެންޓަކީ މާ އުފާވެރި ބަދަލެއްގެ ފެށުން

ލާމަރުކަޒީ ގާނޫނަށް ގެނައި އާ ބާރުތަކުން ފުރަތަމަ ފަހަރަށް އެ ފުރުސަތު ފަހިވެއްޖެ އެވެ. ކައުންސިލްތަކުގެ 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. އެހެންކަމުން، ހޮނިހިރުދުވަހުގެ ވޯޓުގައި 370 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އެއާއެކު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް 930 މެމްބަރުން ހޮވާނެ އެވެ.

މިއީ، އަންހެނުން ބާރުވެރިކުރުމުގައި ތާރީޚީ ކުރިއެރުމެކެވެ. ރައްޔިތުންނަށް މާ އުފާވެރި ބަދަލެއްގެ ފެށުމެވެ.

ފަސް ކައުންސިލަރުންގެ ރަށްރަށުގައި އަންހެން ދެ ކައުންސިލަރުން އަދި ތިން ކައުންސިލަރުންގެ ރަށްތަކުގައި އަންހެން އެއް ކައުންސިލަރަކު ހުންނާނެ.

އެއީ، އަސްމާއަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އަސްމާ (މ): ކައުންސިލްތަކުގައި އަންހެނުންނަށް ކަނޑައެޅި ކޯޓާއިން ރަނގަޅު ބަދަލެއް ފެންނާނެ ކަމަށް ޔަގީންކުރައްވާ.


އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ވަށައިޖެހޭ ލާމަރުކަޒީ ނިޒާމަކަށް ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެކެވެ. ރަށާއި އަތޮޅު އަދި ސިޓީތަކުގެ ނިންމުންތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަން އެޅުނު މުހިއްމު ބިންގަލެކެވެ.

"ގޮންޖެހުން ބޮޑުވާނެ، އެކަމަކު ހިތްވަރު ހުންނާނެ"

ކައުންސިލްތަކަށް އިންތިހާބުވާ އަންހެން ކައުންސިލަރުންނަށް އަސްމާ، 33، ކިޔައިދެއްވީ ކައުންސިލް ރައީސްކަމުގައި ކުރެއްވި ތަޖުރިބާ އެވެ. ރައްޔިތުން ހިތްހަމަނުޖެހިގެން އައިސް ޝަކުވާ ކުރާ ފަހަރުތައް ގިނަވާނެ އެވެ. ހިތްދަތިކަންކަމާ ވެސް ދިމާވާނެ އެވެ. އެންމެ މުހިއްމީ ކެތްތެރިކަމާ އެކު އަޑުއަހައި، އެ އައި ބޭނުމެއް ފުއްދޭނެ މަގެއް ހޯދައި ދިނުމެވެ.

ކައުންސިލަރުން އިންތިހާބުކުރަނީ ހިދުމަތްކޮށްދޭން ކަން ހިތުގެ އަޑިން ގަބޫލުކުރުމެވެ. މި ވިސްނުމުގައި ރައްޔިތުންނާ ގުޅިގެން ކުރިއަށް ދާން މަސައްކަތްކޮށްފި ނަމަ ހިތްހަމަޖެހުން ލިބޭނެ އެވެ.

"އަޅުގަނޑަށް ދިމާވި ހިތްދަތިކަންކަން، އެއާއެކުު ކުރެވުނު މަސައްކަތުން ހިތްހަމަޖުން ވެސް ލިބުނު،" އަސްމާ ވިދާޅުވި އެވެ.

އަސްމާ، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއާ އެކު: މި ދައުރުގައި ކައުންސިލަށް ވާދަނުކުރެއްވީ އެހެން މީހުންނަށް ފުރުސަތު ދެއްވަން ކަމަށް ވިދާޅުވި.


ކައުންސިލަށް އަސްމާ ވާދަކުރެއްވީ، އިޖުތިމާއީ ކަންކަމުގެ ތެރޭގައި އުޅެވުމުން ހިތުގައި އުފަންވި ރަށަށް ހިދުމަތްކުރުމުގެ ވިސްނުމުންނެވެ. ފުރަތަމަ ފިޔަވަޅަކީ އެކަނި ވާދަކުރުމުގެ ބަދަލުގައި ޕާޓީއަކުން ޖާގަ ހޯދުމެވެ. އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވެ، އޭނާ އަށް ލިބުނު ޓިކެޓަކީ ވަރަށް ބޮޑު ހިތްވަރެކެވެ.

އިންތިހާބު 2014ގައި ކާމިޔާބުވެ ވެލިދުއަށް އިންތިހާބުކުރި ފަސް މެމްބަރުންގެ ތެރެއިން ކައުންސިލްގެ ރައީސަކަށް ވެސް އޭނާ ހޮވިވަޑައިގަތީ އެވެ.

ފަސޭހަ ނޫން ދަތުރުގައި އަސްމާއަށް ފުރަތަމަ ވެސް ދިމާވި ދައްޗަކީ ހިޔާލުތަފާތުވުންބޮޑު އެކި ޕާޓީތަކާ އެކު މަސައްކަތް ކުރެއްވުމެވެ. އެމްޑީޕީ މެމްބަރަކު އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަންގައި ޕީޕީއެމާއި އެމްޑީއޭ އަށް ކައުންސިލްގެ މެޖޯރިޓީ ލިބުނީ އެވެ.

އެކަންވީ އަސްމާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ރައީސްގެ މަގާމުން ބޭރުކުރަން ލިބުނު ފުރުސަތަކަށެވެ. ވަރަށް ކުޑަކުޑަ ކަމަކާ ގުޅުވަ އެވެ. އެހެން ކައުންސިލަރުންގެ ހުއްދަ ނެތި ރައްޔިތުންނަށް އިއުލާނެއް ކުރުމެވެ.

މިއީ، ހަމައެކަނި މަގާމުން ދުރުކުރުމުގެ ބަހަނާއަކަށް ވުމުން އަސްމާ ފަހަތަށް ޖެހިވަޑައި ނުގަތީ އެވެ. އިތުބާރު ނެތް ކަމުގެ ވޯޓު ބާތިލްކޮށްދޭން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުއްވި އެވެ.

މައްސަލަ ނިމުނީ އޭނާއާ އެއްކޮޅަށެވެ.

އަނެއްކާވެސް އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހަޅައި ދެ ވަނަ ފަހަރަށް މަގާމުން ދުރުކުރީ، ކައުންސިލްގެ ދައުރު ނިމެން ގާތްގަނޑަކަށް ހަ މަހަަށް ވެފައި ވަނިކޮށެވެ. ދެން ހުންނެވީ ކައުންސިލް މެމްބަރެއްގެ ގޮތުގަ އެވެ. 

މަގާމް ދިފާއުކުރައްވަން އަސްމާ 2017 ގައި އަނެއްކާވެސް އިންތިޚާބުގައި ވާދަކުރެއްވި އެވެ. އެ ފަހަރު ވެސް އާއްމު މެމްބަރެއްގެ ގޮތުގައި އިންތިހާބު ވެވަޑައިގެން ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވީ އެވެ.

”ފުރަތަމަ ދައުރުގައި ވަރަށް އުނދަގޫވި. އެކަމަކު މި ދައުރުގައި ކައުންސިލަރުންނާއި ރައްޔިތުންގެ ވެސް ވަަރަށް ބޮޑު އެއްބާރުލުމެއް ލިބުނު,“ އަސްމާ ވިދާޅުވި އެވެ. 

މި އިންތިޚާބުގައި އަސްމާ ވާދައެއް ނުކުރައްވަ އެވެ. ދެ ދައުރު ފުރިހަަމަވި އިރު ލިބުނު ރައްޔިތުންގެ ލޯބި އޭނާއަށް ފުދެ އެވެ. އެހެންވެ މި ފަހަރު ބޭނުންވީ އެހެން އަންހެނުންތަކަކަށް ޖާގަ ދޭށެވެ.

އަންހެނުން ތިބެން ޖެހެނީ ކީއްވެ؟

ރާއްޖޭގައި މިވަގުތު ތިބީ 633 ކައުންސިލަރުންނެވެ. އޭގެތެރޭގައި އަސްމާ ހިމެނިވަޑައިގަންނަވާ ގޮތުން އަންހެން ކައުންސިލަރުންގެ އަދަދަކީ 38 އެވެ. މިއީ، މުޅި ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ތަމްސީލްކުރަން ބަލާއިރު ނިސްބަތުން ވަރަށް ކުޑަ ޕަސެންޓެކެވެ.

އަސްމާ ކައުންސިލްގެ ބައްދަލުވުމެއްގައި: ވެލިދޫ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވަން ލިބިވަޑައިގަތް ދެ ދައުރަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވި.


ރައްޔިތުންނާ ގުޅޭ ހިދުމަތްތައް ދިނުމުގައި ނުވަތަ ނިންމުންތައް ނިންމުމުގައި ކޯޓާ ކަނޑައަޅައިގެން ވެސް އަންހެނުންގެ ދައުރު ބޮޑުކުރަން ޖެހުނީ މިހެންވެ އެވެ.

މިއީ، ތަބަކަކަށްލާފައި އަންހެނުންނަށް މަގާމްތައް ދިނުން ކަމަށާއި އަންހެނުންނަށް ކުރިން ވެސް ހުރިހާ މަގާމްތަކަކަށް ވާދަކުރުމުގެ ފުރުސަތު އޮތޭ ބުނާ މީހުންނަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ދައްކަނީ ރާއްޖޭގެ ކައުންސިލްތަކުގައި އަންހެނުން މި ދައުރުގައި ތަމްސީލްވާ ޕަސެންޓެވެ.

"އެކި ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން މަދުވުމުގެ ސަބަބުން މުޖުތަމައުގެ އެންމެހާ ބޭނުންތަކާ އެއްގޮތަށް ސިޔާސަތުތައް އެކުލަވާލާ ތަންފީޒެއް ނުކުރެވޭ،" އެ ޖަމިއްޔާ އިން ބުންޏެވެ.

"[33 ޕަސެންޓް] މިއީ ތަފާތު ކުރުމެއް ނޫން. މިއީ ގޮތް ނިންމުމާއި މިންތީގެ ހަމަހަމަކަށް އެޅޭ ވަގުތީ ހާއްސަ ފިޔަވަޅެއް."

އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމުގެ މުހިއްމުކަމާ މެދު ހޭލުންތެރިކުރުވަން ޓްރާންސްޕޭރެންސީގެ ވީޑިއޯއެއް.


އަންހެނުންނަށް ކޯޓާ ކަނޑައެޅިގެން މި ހޯދީ، ޓްރާންސްޕޭރަންސީން ގަބޫލުކުރާ ގޮތުގައި، މުހިއްމު ބަދަލެކެވެ.

މި ބަދަލުން ރަށާއި އަތޮޅަށް ކުރިއެރުމާއި އުފާވެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އަސްމާއަށް ވެސް ޔަގީނެވެ. ކައުންސިލަރުންނާ އެކު ރައްޔިތުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ވެސް މިފަހަރު ބާރުވެރި އެވެ. 

ވެލިދޫން މިސާލު ޖައްސަވަމުން އަސްމާ ވިދާޅުވީ އެ ރަށުގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ކަންކަން ނިންމުމުގައި ކުރިއަށް ވުރެން ރަނގަޅު އިންތިޒާމެއް އާ ކައުންސިލާ އެކު ހަމަޖެހޭނެ ކަމަށެވެ. އަދި އަންހެނުންނާ ސީދާ ގުޅުން ހުރި ކަންކަމުގައި ބޮޑު ކުރިއެރުމަކަށް އޭނާ އުއްމީދު ކުރެ އެވެ.

އަސްމާ: އޭނާ ވިދާޅުވަނީ ހޮނިހިރުދުވަހު ހޮވޭ އަންހެން ކައުންސިލަރުންނަށް ގޮންޖެހުންތައް ކުރިމަތިވިޔަސް އެކަމުން އަރައިގަތުމުގެ ހިތްވަރު ހުންނާނެ ކަމަށް.


އޭނާ ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 2,600 މީހުން ދިރިއިޅޭ ވެލިދޫގައި ޖެންޑާ މިނިސްޓްރީގެ ޔުނިޓެއްގެ ބޭނުން ބޮޑެވެ. އެކަމަށް ކައުންސިލުން ކުރި މަސައްކަތް އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި ކޮޅެއްގައި ނުޖެހި އެވެ.

"ކުރީގައި އަޅުގަނޑު ދަން އެކި މައްސަލަތަކުގައި ކައުންސިލަށް ގެންނަ އަންހެނުން ޗެކުކޮށް ހަދަން ވެސް. އެނގޭ ކިހާ މުހިއްމުކަން، އަންހެން ފުލުހުންގެ ބޭނުން މިި ރަށަށް،" އޭނާ ވިދާޅުވި އެވެ.

"ކޮންމެ ރަށެއްގައި ވެސް މިފަހަރު އިންތިހާބުވާ އަންހެން ކައުންސިލަރުންނަށް މާބޮޑަށް އިހްސާސްވާނެ އެ ރަށެއްގައި އަންހެނުން ވަޒީފާ އަދާކުރަން ޖެހޭ ދާއިރާތަކާއި ބޮޑަށް އަޅާލަންވީ މައްސަލަތައް،" އަސްމާ ވިދާޅުވި އެވެ. 

ހޮނިހިރުދުވަހު އޮންނަ އިންތިހާބުގައި އިންތިހާބުވާ އަންހެން ކައުންސިލަރުންނާ އެކު އޮތީ ރަށާއި އަތޮޅަށް އަދި ސިޓީއަށް އުފާވެރި ކަމެވެ؛ ރައްޔިތުންގެ ނަމުގައި ހަމައެކަނި ފިރިހެނުން ނިންމުންތައް ނިންމުން ބަދަލުވުމުގެ މުހިއްމު ފިޔަވަޅެއް އެޅުނީ އެވެ.