5 އޭޕްރީލް 2021 - 08:11 0
ކެޕާ އާއި ރުޑިގާ ޗެލްސީގެ މެޗެއްގެ ތެރެއިން.- ފޮޓޯ: އޭއެޕްޕީ
5 އޭޕްރީލް 2021 - 08:11 0
ލަންޑަން (އޭޕްރީލް 5) - ޗެލްސީގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ އާއި ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއާ ދެމެދު ދެބަސްވުންތަކެއް ހިނގައި މައްސަލަ ގޯސްވެއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ވެސްޓް ބްރޮމް އަތުން ބަލިވެ ޗެލްސީގެ 14 މެޗުގެ ބަލިވުމުގެ ރެކޯޑަށް ނިމުން އައިއިރު, އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ބަލިވި ނަމަވެސް ކުޅުންތެރިން އަމިއްލަ އަށް ޕްރެޝަރަށް ނުދިއުމަށެވެ. އެކަމަކު އެ މެޗަށް ފަހު ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގައި ކެޕާ އާއި ރުޑިގާއާ ދެމެދު މި ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ.
އިނގިރޭސި މީޑިއާ އެއް ކަމަށްވާ ދި އެތުލެޓިކް އިން ރިޕޯޓްކުރާގޮތުގައި ކެޕާ އާއި ރުޑިގާއާ ދެމެދު މައްސަލަ ޖެހުނީ ޕްރެކްޓިހުގައި ކުޅުނު މެޗެއްގެ ތެރޭގަ އެވެ. ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ރުޑިގާ ވަނީ ކެޕާ އަށް ފައުލުކޮށްފަ އެވެ. އެކަމަކާ ހިތްހަމަނުޖެހުމެއް އުފެދި ދެ ކުޅުންތެރިންގެ ތެރޭގައި މައްސަލަ ގޯސްވުމުގެ ކުރިން ޓީމުގެ އެހެން ކުޅުންތެރިން އައިސް ވަނީ އެ ދެ ކުޅުންތެރިން ދުރުކޮށްފަ އެވެ. އެކަމަކު ރުޑިގާގެ ރުޅި މައިތިރި ނުވުމުން އެންމެ ފަހުން ޓުޗެލް ވަނީ ޕްރެކްޓިސް ނިމުމުގެ ކުރިން ރުޑިގާ ފޮނުވާލައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޕްރެކްޓިސް އެއްކޮށް ނިމުނު ފަހުން ރުޑިގާ ވަނީ ކެޕާ ކައިރީގައި މައާފަށް އެދިފަ އެވެ. އަދި އެ މައްސަލަ ހައްލުވުމުން ޓުޗެލް ވަނީ އެ ފަދަ އިތުރު މައްސަލައެއް ތަކުރާރުނުކުރަން ކުޅުންތެރިންނަށް އަންގައިފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި އެވަޓަން އަތުން ޗެލްސީ ބަލިވިއިރު, އެ ނަތީޖާއާ އެކު ޗެލްސީގެ 17 މެޗުން ބަލިނުވުމުގެ ރެކޯޑަށް ވަނީ ނިމުން އައިސްފަ އެވެ. އެ މެޗަށް ފަހު ބޭއްވި ފަރިތަކުރުންތަކެއްގެ ތެރެއިން ރުޑިގާ އާއި މާކޮސް އަލޮންސޯއާ ދެމެދުގައި ޕްރެކްޓިހުގެ ތެރެއިން ހަަމަނުޖެހުންތަކެއް ހިނގި ކަމަށް މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ނަތީޖާއަކަށްވީ ލަމްޕާޑްގެ ފަހު މެޗުތަކުގައި ރުޑިގާ މެޗުތަކަށް ނޭރުވުމެވެ.
ޗެލްސީން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންނަ ބުދަ ދުވަހުގެރޭ ބައްދަލުކުރާނީ ޕޯޓޯއާ އެވެ. ކޮވިޑް-19ގެ ސަބަބުން ޕޯޗުގީސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކެއް ސަބަބުން ޕޯޓޯ އާއި ޗެލްސީ ކުޅޭ ދެ ލެގު ވެސް އޮންނާނީ ސްޕެއިންގެ ސެވިލްގަ އެވެ.
Comment