ކޮޅުނބު ފުޓްސަލް ކަޕް 16 ޓީމާ އެކު އިއްޔެ، ސްރީ ލަންކާގެ ކޮލަމްބޯގައި ފަށައިފި އެވެ.
ސޯސަން ވިލާގެ ފުޓްސަލް ދަނޑުގައި އިއްޔެ އާއި މިއަދުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ސްރީ ލަންކާގެ ޓީމުތަކުގެ އިތުރުން ރާއްޖޭގެ ޓީމުތަކެއް ވެސް ވާދަކުރެ އެވެ.
މުބާރާތުގެ ފޯމެޓް ރޭވިފައި އޮތް ގޮތުން، 16 ޓީމު ވަނީ ހަތަރު ގްރޫޕަށް ބަހައިފަ އެވެ. ގްރޫޕް ސްޓޭޖުގެ ގިނަ މެޗުތަކެއް އިއްޔެ ހެނދުނުން ފެށިގެން ރޭގެ ނިޔަލަށް ކުޅެފައިވާއިރު، ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ ހަތަރު މެޗެވެ. އެ މެޗުތައް ފަށާނީ މިއަދު މެންދުރު ފަހު 2 ޖަހާއިރު އެވެ.
ކުއާޓާ ފައިނަލު މެޗުތައް މިއަދު ހަވީރު، 4 ޖަހާއިރު ފަށާ ގޮތަށް ހަމަޖެހިފައިވާއިރު، މި ވަގުތު ވެސް ބައެއް ޓީމުތަކުން ވަނީ ކުއާޓާ ފައިނަލް ޔަގީންކޮށްފަ އެވެ. އެ ގޮތުން، ގްރޫޕް އޭގައި ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން، ޖޭޖޭ ސްޕޯޓްސް ކްލަބުން ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ކުއާޓާ ޔަގީންކޮށްފަ އެވެ. އެ ގްރޫޕް ދެ ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކުރީ ރަމަދާން އެފްސީ އެވެ. އެއީ، ދެ މެޗުން މޮޅުވެގެންނެވެ.

ގްރޫޕް ބީ އަށް ބަލާއިރު، އެއް ވަނައިގައި އޮތް ރެޑް ޑެވިލް އެފްސީ އާއި ދެ ވަނައިގައި އޮތް ބަގޭސް ސްޕޯޓްސް ކްލަބަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ރެޑް ޑެވިލް، ތިން މެޗު ވެސް ކުޅެފައިވާއިރު، ބަގޭސް އަށް ބާކީ މެޗެއް އެބައޮތެވެ. އެއީ، ތިން ވަނައިގައި އޮތް ފެންޓަމް އެފްސީއާ އެވެ. އެ ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
ގްރޫޕް ސީ އިން ސިކްސް 45 އެފްސީ ކުޅުނު ތިން މެޗުން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ދެ ވަނަ ޓީމުގެ ގޮތުގައި ފިކްސް 45 އެފްސީ ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް، ކުއާޓާ އިން ޖާގަ ހޯދައިފަ އެވެ. ގްރޫޕް ޑީ އިން ރޯޔަލް ޕްރިޑޭޓާސް އެފްސީ އާއި ލާސްޓް ވޯނިން އެފްސީ ވަނީ ކުއާޓާގެ ޖާގަ ހޯދައިފަ އެވެ.
ސްރީ ލަންކާގެ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އިން ބާއްވާ ކޮޅުނބު ފުޓްސަލް ކަޕްގެ މިއީ ތިން ވަނަ މުބާރާތެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖޭޖޭ ސްޕޯޓްސް ކްލަބުން ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.




