މެޑްރިޑް (ނޮވެމްބަރު 10) - ރެއާލް މެޑްރިޑްގެ ލެޖެންޑަރީ ފޯވާޑް، ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.
އުމުރުން 49 އަހަރުގެ ރައުލް، ރެއާލްގެ ރިޒާވް ޓީމުގެ ކޯޗަކަށް 2019 އިން 2025 އަށް ހުރުމަށް ފަހު އެ ޓީމު ދޫކޮށްލީ އާ ޗެލެންޖެއް ނެގުމަށެެވެ. އެ ގޮތުން، ރައުލް އަށް ރެއާލް އޮވިއޭޑޯގެ ކޯޗުކަން ދީފައިވަނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެެވެ.
ރައުލް ގެންނަން ރެއާލް އޮވިއޭޑޯ އިން ނިންމީ އެ ޓީމުގެ ކޯޗުކަމުން ޖޫލިއަން ކަލޭރޯ ވަކިކުރުމަށް ފަހު އެވެ. ކަލޭރޯ ވަކިކުރީ އޭނާގެ ކޯޗުކަމުގައި އެ ޓީމުގެ ނަތީޖާ ދަށްވެ، ދެ ވަނަ ޑިވިޝަނުގެ ނުވަ ވަނަ އަށް ވެއްޓުމުންނެވެ.
ރެއާލް އޮވިއޭޑޯއާ ހަވާލުވުމަށް ފަހު، ރައުލް ބުނީ ފުޓްބޯޅައިގައި އޭނާ އަށް ދަސްވެފައިވާ މައިގަނޑު އެއް ކަމަކީ ހުނަރަށް އިހުތިރާމް ކުރުމާއި ރަނގަޅު އަހުލާގުގެ މަތީގައި ކުރިއަށްދިއުން ކަމަށެވެ.
"މި ހުރިހާ ކަމެއްގެ މައްޗަށް ބުރަވެ، އަހަރެން ބޭނުންވާނީ އެއްވެސް އިތުރު ފޯކަސް އެއް ނެތި ޓީމާ އެކު ކުރިއަށްދާނެ ބުރަ މަސައްކަތް ކުރާނެ ޓީމެއް،" ރައުލް ބުންޏެވެ.
"ޓީމު ޖެހޭނެ ފުރަތަމަ މިނިޓުން ފެށިގެން ފަހު މިނިޓާ ހަމައަށް ސަޕޯޓަރުންނަށްޓަކައި އެ މީހުންނާއި ޓީމު ފަހުރުވެރިވާ ވަރުގެ މަސައްކަތެއް ކޮށްގެން މޮޅުވާން،"
ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ރައުލްގެ ކެރިއަރުގެ ހާއްސަ ކާމިޔާބީތައް އޮތީ އެ ޓީމާ ގުޅިފަ އެވެ. ރައުލް ވަނީ ރެއާލާ އެކު ހަ ފަހަރު ސްޕެނިޝް ލީގު އަދި ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ރެއާލަށް 741 މެޗުން 323 ގޯލު ޖަހައިދިން ރައުލް ވަނީ ޖަރުމަނުގެ ޝާލްކާ، ގަތަރުގެ އަލް ސާދު އަދި އެމެރިކާގެ ނިއުޔޯކް ކޮސްމޯސް އަށް ކުޅެފަ އެވެ.
ސްޕެއިން ގައުމީ ޓީމަށް 102 މެޗުން ރައުލް ވަނީ 44 ލަނޑު ޖަހައިފަ އެވެ.





