ރިޕޯޓުއެމެރިކާގެ ރޭޓު މަތިކުރުމުން ޑޮލަރު ތާށިކަމަށް ވާން ކުރާނެ

އެމެރިކާގެ ރޭޓު މަތިކުރުމުން ޑޮލަރު ތާށިކަމަށް ވާން ކުރާނެ

އެމެރިކާގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓު މަތިކުރުމާ ގުޅިގެން، އިންވެސްޓަރުން އެމެރިކާއަށް ފައިސާ ޖަމާކުރާ މިންވަރު އިތުރުވެ ދުނިޔޭގެ ބާޒާރުގައި ޑޮލަރު ތާށިވުމުގެ ފުރުސަތު ބޮޑެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިތަކުގެ އަގުބޮޑުވެ، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކަށް މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ގްރެފިކްސް: ލީވާން އަލީ ނާސިރު/އަދަދު
ގްރެފިކްސް: ލީވާން އަލީ ނާސިރު/އަދަދު

އެމެރިކާގެ މަރުކަޒީ ބޭންކު، ޔޫއެސް ފެޑެރަލް ރިޒާވް (ފެޑް) އިން ވަނީ އިންޓްރެސްޓް ރޭޓު 0.25 ޕަސެންޓު މައްޗަށް ޖައްސައި 3.75 ޕަސެންޓާއި ހަތަރު ޕަސެންޓާ ދެމެދަށް އުފުލާލާފަ އެވެ. މިއީ މާ ދުރުގައި އޮތް ގައުމެއްގައި ހިނގާ ކަމަކަށް ވާތީ، އަހަރަމެންނަށް ކޮން ކަމެއް ހެއްޔޭ ހިތަށް އަރާފާނެ އެވެ.

މިހެން ނަމަވެސް ފެޑެރަލް ރިޒާވުގެ މި ނިންމުމަކީ އޭގެ ސަބަބުން "ރިޕްލް އިފެކްޓެއް" އުފެދި، މުޅި ދުނިޔޭގެ އިގުތިސޯދަށް އޭގެ އަސަރު ކުރާނެ ކަމެކެވެ. 

އެމެރިކާގެ ޑޮލަރަކީ ދުނިޔޭގެ މައި ރިޒާވު ފައިސާ އަދި އިންވޮއިސް ކުރާ ފައިސާ އެވެ. ބައިނަލްއަގުވާމީ ވިޔަފާރީގެ ބޮޑު ބައެއް ހިނގަނީ ޑޮލަރުންނެވެ. އެމެރިކާގެ ރޭޓު މަތިކުރުމުން ސްޕޮންޖަކަށް ފެން ދަމައިގަންނަ ގޮތަށް ޑޮލަރުތައް އެމެރިކާއަށް ދަމައިގަނެ އެވެ. ސަބަބަކީ އެމެރިކާގައި ފައިސާ ބެހެއްޓުމުން ރައްކާތެރިވެފައި މާ ބޮޑު އާމްދަނީއެއް ލިބޭތީ، އިންވެސްޓަރުން އެ މީހުންގެ ފައިސާތައް އެމެރިކާއަށް ޖަމާކުރަން ފަށާތީ އެވެ. 

Advertisement

ޑޮލަރުތައް މަދުވާ ވަރަކަށް މުޅި ދުނިޔޭގައި ދަރަންޏަށް ފައިސާ ނެގުމުގެ އަގު ބޮޑު ވެގެން ދެ އެވެ. ގިނަ ގައުމުތަކުގެ ފައިސާއާ އަޅާބަލާއިރު ވަރު ގަދަ ވެ އެވެ. މިއާއެކީ، ބައިނަލްއަގުވާމީ ވިޔަފާރި އާއި މުދާ އުފުލުމުގެ ހަރަދުތައް މައްޗަށްދެ އެވެ. މިއީ ރާއްޖެ ކަހަލަ ބޭރުން މުދާ އެތެރެކުރާ އަދި ބޭރު ފައިސާއަށް ބަރޯސާވާ ގައުމުތަކަށް ބޮޑެތި މާލީ ފިއްތުންތަކާއި އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. 

ބޭރުގެ މާލީ ބާޒާރުން ދަރަނި ނެގުމުގެ އަގު ބޮޑުވުން

ދިވެހި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ނުވަތަ ދަރަނި ދެއްކުމަށް ބޭރުގެ މާލީ ބާޒާރުން ފައިސާ ނަގަން ޖެހިއްޖެ ނަމަ، މިހާރު އެކަމަށްދާ ހަރަދު މާ ބޮޑު ވާނެ އެވެ.

ފެޑުގެ އިންޓްރެސްޓް ރޭޓަކީ އެންމެ ދަށް ރޭޓެވެ. އެއްވެސް ބޭންކަކުން ނޫނީ މާލީ އިދާރާއަކުން މި ރޭޓަށް ވުރެ ދަށުން ލޯނެއް ނޫނީ ފައިނޭންސިންއެއް ނުދޭނެ އެވެ. ސަބަބަކީ، އެމެރިކާގައި ހުރި މާ ރައްކާތެރި އިންވެސްޓުމަންޓުތަކުގައި ފައިސާ ބަހައްޓައިގެން ބޮޑު ފައިދާއެއް ލިބޭތީ އެވެ. އެހެންވެ، އެންމެން ވެސް ޑިމާންޑު ކުރަނީ އެއަށް ވުރެ މަތި ރޭޓެކެވެ.  

މިކަމުގެ ސަބަބުން ބޭރުގެ ދަރަނީގެ އަގު ބޮޑު ވުމާ އެކީ، ދަރަނި ދެއްކުމުގެ އަގު ވެސް ބޮޑު ވާނެ އެވެ. މިއީ މިހާރު ވެސް ދެކޮޅު ނުޖެއްސި އޮތް ބަޖެޓަށް އަންނާނެ އިތުރު ވާން ކަމެކެވެ. އަދި، ސަރުކާރަށް ލިބޭ ޑޮލަރުތައް މިހާރަށް ވުރެ ބޮޑަށް މެނޭޖުކޮށް، ވިސްނައިގެން ހަރަދުތައް ނުކުރާ ނަމަ، ހާލަތު އިތުރަށް ގޯސްވާން މެދުވެރިވާނެ ކަމެކެވެ.

ޑޮލަރު ތާށިކަމުގެ މައްސަލަ އިތުރަށް ގޯސްވުން

ފެޑްގެ ރޭޓު މަތިކުރުމުގެ މާ ކުރިން ފެށިގެން ރާއްޖެ އޮތީ ޓޫރިޒަމް ސޮއްސާލުމާއެކީ ޑޮލަރުގެ ބޮޑު ދަތިކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. ޑޮލަރުގެ ރަސްމީ އަގަށް ބަދަލެއް ނަޔަސް، ޑޮލަރާ ބަލާއިރު ދިވެހި ރުފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.

ޓޫރިޒަމްގެ ހީނަރުކަމާ ހެދި ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރު މަދުވުމާއި، ބޭރު ފައިސާ ހޯދަން ދަތިވުމާއި، ޑޮލަރުގެ އަގު ވަރުގަދަވުމުން ރާއްޖެއަށް އޮން ނުރައްކަލަކީ މުސްތަގުބަލުގައި ވަންނަން ހުރި ޑޮލަރު މަދުވުމުވެ. މިއީ ސަރުކާރުން ތަންފީޒީ ކަންކަން ހަރުކަށިކޮށްގެން ޑޮލަރު މައްސަލަ ހައްލުކުރަން އުޅޭ އިރެއްގައި، ކުރިމަތިވީ އިތުރު އުނދަގުލެކެވެ.

ސަރުކާރަށް ވެސް ޑިމާންޑާ ސަޕްލައިގެ ހަމަތަކުން ބޭރުން، އަގު ހިފެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޑިމާންޑު އޮންނަ އެއްޗެއްގެ ސަޕްލައި ތާށިވުމަކީ އޭގެ ޒާތުގައި އެ އެއްޗެއްގެ އަގު އުފުލެން މެދުވެރިވާ ކަމެކެވެ. 

މޯލްޑިވަސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މިހާރުގެ އަގު ހިފެހެއްޓޭ ވަރުގެ ރިޒާވެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން، އިތުރަށް ޑޮލަރު ތާށިވާއިރު، ޑޮލަރު ނެތި ރޭޓު ހިފަހައްޓަަން އެމްއެމްއޭއަށް ވެސް މިހާރަށް ވުރެ އުނދަގޫ ވާނެ އެވެ.

ކާޑު ޓްރާންސެކްޝަންތައް އިތުރު ތާށިކަމެއް

ޑޮލަރު ތާށިކަމުގެ ސަބަބުން އެންމެ ގިނަ ބަޔަކު ބޭނުންކުރާ ބޭންކް އޮފރާއްޖޭގެ ބޭންކުތަކުން ވަނީ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތަކަށް ހަރުކަށި ލިމިޓުތަކެއް ކަނޑައަޅާފަ އެވެ. މިއާ ހުރެ ދިވެހިންނަށް ވަނީ ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ބޭންކުތަކުން ކާޑުތައް ލިމިޓުކޮށްފައި ވަނީ ޑޮލަރު ވަންނަ ވަރު މަދު ކަމުންނެވެ. ފެޑުން މި އެޅި ފިޔަވަޅަކީ ޑޮލަރު ވަންނަ މިންވަރު އިތުރަށް މަދުވާން މެދުވެރިވާ ކަމެކެވެ. އެމްއެމްއޭއެކޭ އެއް ގޮތަށް ބޭންކުތަކަށް ވެސް ޑޮލަރު ނުވަންނައިރު، ޑޮަލަރު ވިއްކާނެ ގޮތެއް ނޯންނާނެ އެވެ.

ޑޮލަރު ތާށިކަން ބޮޑުވާ ވަރަކަށް ބޭންކުތަކަށް ލިމިޓުތައް މުރާޖާކުރަން މަޖުބޫރުވެ އެވެ. މިއީ މިހާރު ވެސް ބޭސް ފަރުވާ އާއި ޓިކެޓު ނެގުމާއި ކިޔެވުމުގެ ހަރަދުތައް ހިމެނޭހެން އަސާސީ ކަންކަމަށް ޑޮލަރު ނުލިބިގެން އުޅޭއިރު، ކާޑުތަކުން ފައިސާ ދެއްކުމުގައި މިހާރަށް ވުރެ ބޮޑަށް އުނދަގޫވެ އެވެ. 

ވިޔަފާރިތަކަށް އުނދަގޫ، އަގުތައް މައްޗަށް

ޑޮލަރު ތާށިކަމުގެ ސަބަބުން ވިޔަފާރިތަކަށް އުޅެނީ ޓީޓީތައް ނުހެދިގެންނެވެ. ޑޮލަރު ހުރެގެން ފޮނުވައިގެން ވެސް ޓީޓީތައް ނުދާ ކަމަށް ވިޔަފާރިވެރިން އަންނަނީ ޝަކުވާ ކުރަމުންނެވެ.

އޭގެ އިތުރުން، ބޭންކުން ޑޮލަރު ސަޕޯޓު ނުލިބޭތީ ބޮޑު އަގުގައި ގަންނަން ޖެހޭ ޑޮލަރުގެ އަދަދު ވެސް ގިނަ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ. މިހެން އޮއްވާ ސަރުކާރުން ކަޅު ބާޒާރު ހުއްޓުވަން ކަމަށް ބުނެ އެޅި ފިޔަވަޅުތަކާއެކީ، ޑޮލަރު އެއް ގޮތަކަށް ނުލިބޭ ކަމަށް ވެސް މިހާރު އަންނަނީ ބުނަމުންނެވެ.

މި ތާށިކަން އޮއްވާ، ފެޑުގެ ރޭޓު މަތިކުރުމަކީ ބޭރު ގައުމުތަކުގައި ވެސް މުދަލުގެ އަގު އުފުލޭ ކަމެކެވެ. އަދި، ވިޔަފާރި ފުޅާކުރަން ނޫނީ ހަރަދުތައް ހަމަޖައްސަން ނަގާ ލޯނުތަކުގެ އަގު ވެސް ބޮޑުވާ ކަމެކެވެ. މި ހުރިހާ ހަރަދެއް ފުރަތަމަ ދައްކަނީ ވިޔަފާރިވެރިން ވިޔަސް، ވިއްކަނީ އެ ހަރަދާއި އިތުރު ފައިދާ ވެސް ލާފަ އެވެ. އަދި މުދަލާއި ހިދުމަތްތަކުގެ އަގު އުފުލެ އެވެ.

-----------------------------------------------------------------------------

މި ފަދަ ގޮންޖެހުންތަކާއެކު ގައުމުގެ އިގުތިސޯދީ މުސްތަގުބަލާ  މެދު ބޮޑެތި ސުވާލުތަކެއް އުފެދެ އެވެ. އިގުތިސޯދީ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، ދަރަނި މެނޭޖުކޮޮށް، އިގުތިސޯދު ހަމައަކަށް އަޅުވަން ސަރުކާރުން ސާފު އަދި ހަރަދުނާ މާލީ ސިޔާސަތެއް ގެންގުޅެން ޖެހިފަ އެވެ. 

މިހެން ނަމަވެސް، މި ސަަރުކާރުގެ މިހާރުގެ ޓްރެކް ރެކޯޑަށް ބަލާއިރު، ހީވަނީ މިއީ ސަރުކާރުގެ ގާބިލިއްޔަތުކަމުން ބޭރުގައި ނޫނީ ކުރަން ނޭނގިފައި އޮތް ކަމެއް ހެންނެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox