ޓެކްސީ އެޕުން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ލީކުވުމުން އެމްޓީސީސީން ބަދުނާމުކުރީ މުވައްޒަފެއް

ސަރުކާރުގެ ޓެކްސީ ލައިން

ސަރުކާރުގެ ޓެކްސީ ލައިން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޓެކްސީ ހިދުމަތް ދޭން ބޭނުންކުރާ އެޕްލިކޭޝަން ހެކްކޮށްފައިވާ ވާހަކަތައް ދޮގުކޮށް، އެ އެޕް ބޭނުންކުރި ކަސްޓަމަރުންގެ ޒާތީ މައުލުމާތު ލީކުކޮށްލީ މުވައްޒަފެއް ކަމަށް ޓެކްސީ ލައިން ހިންގާ ކުންފުނިން ބުނެފި އެވެ. 

އެޕްލިކޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ނަންތަކާއި، ފޯނު ނަމްބަރާއީ، އީމެއިލް އެޑްރެސްގެ އިތުރުން ވޮލެޓު އައިޑީ އާއި، ކަސްޓަމަރުން ކޮށްފަ ހުރި މެސެޖުތަކާއި، ކުރި ދަތުރުތައް ހިމެނޭހެން ގިނަ އަދަދެއްގެ މައުލޫމާތު ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާއަށް ލީކުކޮށްލާފަައިވެ އެވެ.

"މި މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައަކާ ނުލައި އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައިކަން ފާހަގަކުރަން،" އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. 

އެތެރޭގެ ތަހުގީގެއް ހިންގުމަށްފަހު އެ މުވައްޒަފު މިހާރު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. އެ މުވައްޒަފާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމްޓީސީސީން ބުނެފައިވާއިރު އެއީ ކޮން މުވައްޒަފެއްކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. 

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަނަކީ މި ހިދުމަތް ފެށީއްސުރެން މިއަދާ ހަމައަށް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ކަމެކެވެ. 

މި މައްސަލަ ފެން މަތިވީ، ވާދަވެރި ބީލަމަކަށް ނުގޮސް، މި އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތް ސޮފްޓްވެއާ އުފެއްދުމުގެ ތަޖުރިބާ ނެތް ފިކްސްޑް މޯލްޑިވްސް ނަމަކަށް ކިޔާ ވިޔަފާރިއަކާ  13 މިލިއަން ރުފިޔާގެ އަގަކަށް ހަަވާލުކުރިކަން އެނގުނު ހިސާބުންނެވެ. 

އެ މައްސަލަ ފެންމަތިވެފައި އޮއްވާ މި އަހަރުގެ އޭޕްރިލް 2، ގައި ޓެކްސީ ހިދުމަތް އިފުތިތާހުކުރި ރޭ ފިކްސްޑް މޯލްޑިވްސްގެ ޓެކްސް އެޕްލިކޭޝަން ބޭނުންކުރަން ފެށި އެވެ. ނަމަވެސް މި ބޭނުންކުރަން ފެށި އިރު ހުރި ބޮޑެތި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން އެ ފަހަރު ވެސް ކަސްޓަމަރުންގެ ގިނަ މައުލޫމާތުތަކެއް ލީކުވި އެވެ. 

އެހާ ހިސާބުން އެޕްލިކޭޝަން ބޭނުންކުރުން ހުއްޓާލައި، ދެ ހަފުތާ ވަންދެން އެމްޓީސީސީގެ ޓެކްސީ ދަތުރުތައް ކުރީ އެއްވެސް އަގެއް ނުނަގާ މުޅިން ހިލޭ އެވެ. ދަތުރުތަކަށް އަގު ނަގަން ފެށީ ހޮޓްލައިން ނަމްބަރަކަށް ގުޅައިގެން ވެބް ޕޯޓަލަކުން ފައިސާ ދައްކާ ގޮތަށެވެ.

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަން ބޭނުންކޮށްގެން ހިދުމަތް ދެވޭ ވަރުވީ ހިދުމަތް ފެށިތާ ދެ މަސް ދުވަސް ފަހުން، މިދިޔަ ޖޫން 2، ގައި އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ އެޕްލިކޭޝަނަކީ އެމްޓީސީސީގެ އައިޓީ ޑީޕާޓުމަންޓުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މި މައްސަލައިގައި މިއަދާ ހަމައަށް އައި އިރުވެސް އެމްޓީސީސީން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. ނަމަވެސް މީގެ ކުރިން އަދަދު ނޫހުން ސުވާލުކުރުމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ސައުދީ މިހެން ވިދާޅުވި ނަމަވެސް ފިކްސްޑް މޯލްޑިވްސްއާ މަަސައްކަތް ހަވާލުކުރުމުގައި ގިނަ ގޯސްތަކެއް ހިނގާފައިވާ ކަމަށް ބާރުދޭ ގިނަ މައުލޫމާތު ވަނީ ތިލަވެފަ އެވެ. މިހެން ނަމަވެސް މި މައްސަލަ ތަހުގީގުކުރަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މާ ބޮޑު ޝައުގުވެރިކަމެއް ހުރި ކަމަކަށް ވެސް ނުފެނެ އެވެ. 

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox