ޕްލާސްޓިކް ކުޅޭ ސާމާނުގައި ނުރައްކާތެރި އެތައް ކެމިކަލެއް

Nov 29, 2025, 1:08 PM
ޕްލާސްޓިކުން އުފައްދާފައި ހުރި ކުޅޭ އެއްޗެހިތަކެއް: މިބާވަތުގެ އެއްޗެހީގައި ނުރައްކާތެރި ކެމިކަލްތައް އެކުލެވޭ

ޕްލާސްޓިކުން އުފައްދާފައި ހުރި ކުޅޭ އެއްޗެހިތަކެއް: މިބާވަތުގެ އެއްޗެހީގައި ނުރައްކާތެރި ކެމިކަލްތައް އެކުލެވޭ

ކުޑަކުދިން ކުޅުމަށްޓަކައި ޕްލާސްޓިކުން އުފައްދާފައި ހުންނަ ވަރަށް ގިނަ ކުޅޭ އެއްޗެހީގައި، ނުރައްކާތެރި ވިހަ ކެމިކަލްތައް އެކުލެވޭކަން ސައެންޓިފިކް ދިރާސާއަކުން ހާމަވެއްޖެއެވެ. ބްރެޒީލްގެ ދެ ޔުނިވަސިޓީއެއް ކަމަށްވާ ޔުނިވަސިޓީ އޮފް ސައޮ ޕައުލޯ އާއި ފެޑެރަލް ޔުނިވަސިޓީ އޮފް އަލްފެނާސްގެ ސައެންސްވެރިން ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ގިނަ ކުޅޭ އެއްޗެހީގައި ވިހަ ކެމިކަލްތައް ހުރީ، ރައްކާތެރި މިންގަނޑަށް ވުރެ މާ މަތީގައެވެ.

މި ދިރާސާގައި ކުޅޭ އެއްޗެހީގެ 70 އުފެއްދުމެއް ތަހުލީލުކޮށް، އޭގައި ނުރައްކާތެރި ކެމިކަލްތައް އެކުލެވޭ މިންވަރު ބެލިއެވެ. އެ ގޮތުން ނުރައްކާތެރި ކެމިކަލް އެކުލެވޭ ކުޅޭ އެއްޗެހީގައި އެންމެ މަތީ މިންވަރަކަށް އެކުލެވޭ ވިހަ ކެމިކަލެއްގެ ގޮތުގައި ފާހަގަކުރެވުނީ ބޭރިއަމް އެވެ. ދަވާދު، ބިއްލޫރި އަދި އެޅިގައު އުފެއްދުމުގައި އާންމުކޮށް ބޭނުންކުރާ ބޭރިއަމްއަކީ ބޭސްވެރިކަމުގެ ބައެއް އާލާތްތައް އުފެއްދުމަށް ވެސް ބޭނުންކުރާ ކެމިކަލްއެކެވެ.

ބޭރިއަމްއަކީ، އިންސާނުންގެ ހަށިގަނޑަށް އޭގެ އަސަރު ކުރުމުން، ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ވިހަ މާއްދާއެކެވެ. އޭގެ ތެރޭގައި ހަށިގަނޑު ވައު (ޕެރެލައިޒް)ވުމާއި، ހިތުގެ ހިނގުން ހަމައިން ނެއްޓުމާއި ނާރުތަކުގެ ނިޒާމަށް މައްސަލަ ޖެހުން ހިމެނެއެވެ. ސައެންސްވެރިން ބުނާ ގޮތުގައި މި ދިރާސާގައި ތަހުލީލުކުރި ޕްލާސްޓިކް އުފެއްދުންތަކުގެ 44.3 ޕަސެންޓް އުފެއްދުމުގައި، ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 15 ގުނަ އިތުރަށް ބޭރިއަމް އެކުލެވިފައިވެއެވެ.

Advertisement

މީގެ އިތުރުން، ނުރައްކާތެރި މިންވަރަށް އެކުލެވޭ އެންމެ އާންމު ކެމިކަލްތަކުގެ ގޮތުގައި ފާހަގަކުރެވުނީ ލެޑް (ތިމަރަ)، ކްރޯމިއަމް އަދި އެންޓިމޮނީއެވެ. މީގެ ތެރެއިން ތިމަރައަކީ އާންމު ގޮތެއްގައި ބެޓެރީގެ ތަފާތު ބާވަތްތަކާއި ބަޑީގެ އުންޑަ އާއި ދަވާދު އުފެއްދުމުގައި ވެސް ބޭނުންކުރާ އެއްޗެކެވެ.

އިންސާނުންގެ ލޭގެ ތެރެއަށް މާ ގިނައިން ތިމަރައިގެ އަސަރު ކޮށްފިއްޔާ، އެމީހެއްގެ ނާރުތަކުގެ ނިޒާމަށް، އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ. އޭގެ އިތުރުން ހަނދާން ބަލިވުމާއި ކުޑަކުދިންގެ ވިސްނުމުގެ ފެންވަރު ދަށްވުމުގެ މައްސަލަ ކުރިމަތިވެއެވެ. މި ދިރާސާގައި ތަހުލީލުކުރި އުފެއްދުންތަކުގެ 32.9 ޕަސެންޓް އުފެއްދުމުގައި، ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ހަތަރު ގުނަ އިތުރަށް ތިމަރަ އެކުލެވިފައިވެއެވެ.

ޕްލާސްޓިކް ކުޅޭ ތަކެތީގެ ވިހަ މާއްދާތައް އެކުލެވޭ މިންވަރަށް ބަލާއިރު، ދެން އެންމެ ގިނައިން ހުރި ކަމަށް ފެންނަނީ އެންޓިމޮނީ އާއި ކްރޯމިއަމް އެވެ. އެންޓިމޮނީގެ ސަބަބުން، ހަޖަމުގެ ނިޒާމާ ގުޅުން ހުރި ގުނަވަންތަކަށް މައްސަލަތައް ކުރިމަތިވެއެވެ. ހަޖަމުގެ ނިޒާމުގައި ހިމެނޭ ގުނަވަންތަކަކީ، އަނގަ، ކަރު، ކާނާ ދަތުރުކުރާ ހޮޅި، ބަނޑު، ހިމަ ގޮހޮރު، ފަލަ ގޮހޮރު، ނަޖިސް ހިނގާ ހޮޅި އަދި ފުރަގަސް ފަރާތު ދޮރެވެ.

އިންސާނާގެ ހަށިގަނޑަށް އާދައިގެ މިންވަރަކަށް ކްރޯމިއަމްގެ އަސަރު ކުރުމުން، ހަންގަނޑާއި ލޯ ހިރުވައި ކެހުމުގެ މައްސަލަ ކުރިމަތިވެއެވެ. އަދި މާބޮޑަށް މީގެ އަސަރު ކުރުމުން، ފުއްޕާމޭގެ ކެންސަރާއި ނޭފަތް ފާރުވުމާއި ގުރުދާ އާއި ފުރަމޭ ހަލާކުވުމުގެ މައްސަލަ ކުރިމަތިވެއެވެ. އާންމު ގޮތެއްގައި ސިނާއީ އުފެއްދުންތެރިކަމުގައި ކްރޯމިއަމް ބޭނުންކުރަނީ،ދަގަނޑާއި އެކަތައިގައި ދަބަރުޖެހިޔަ ނުދިނުމަށްޓަކައެވެ.

ކުޑަކުދިން ކުޅެން ހަދާފައި ހުންނަ ޕްލާސްޓިކް އެއްޗެހީގެ 24.3 ޕަސެންޓް އުފެއްދުންތަކުގައި، ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ އިތުރަށް އެންޓިމޮނީ އެކުލެވިފައިވެއެވެ. އަދި 20 ޕަސެންޓް އުފެއްދުންތަކުގައި، ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ އިތުރަށް ކްރޯމިއަމް އެކުލެވިފައިވެއެވެ.

ސައެންސްވެރިން ބުނި ގޮތުގައި މި ދިރާސާގައި ތަހުލީލުކޮށް ބަލާފައިވާނީ، އުމުރުން އެއް އަހަރުން ދަށާއި 12 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ތައްޔާރުކޮށްފައި ހުންނަ ކުޅޭ އެއްޗިއްސެވެ. އަދި އެ ތަކެއްޗަކީ އެ ކުދިންގެ އަނގަޔަށް ލެވޭ ބޮޑުމިނުގެ އެއްޗެހި ކަމަށްވާތީ، ކުދިން ކުޅެން ގެންގުޅޭ އެފަދަ ތަކެތި އަނގަޔަށް ލައިގެން ހެފުން ފަދަ ކަންތައް ކުރާނެއެވެ.

ވިހަ ކެމިކަލްތައް އެކުލެވޭ ކުޅޭ އެއްޗެހި ކުދިންގެ އަނގަޔަށް ލައިގެން ހެފުމާއި ކުޅާ އެކުގައި ބުއިމަކީ، އެ ތަކެތީގައި ހުންނަ ވިހަ ކެމިކަލްތައް އެކުދިންގެ ހަށިގަނޑުގެ ތެރެއަށް ވާސިލުވާނެ ސީދާ ގޮތެކެވެ. މިއީ އާންމު ގޮތެއްގައި އެފަދަ ތަކެތި ހިފައިގެން ކުޅުމަށް ވުރެ ނުރައްކާތެރި ކަމެއް ކަމަށް ސައެންސްވެރިން ބުނެއެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ޕްލާސްޓިކުން އުފައްދާފައި ހުންނަ ކުޅޭ ތަކެތީގައި ޖުމްލަ 21 ބާވަތެއްގެ ވިހަ ކެމިކަލް އެކުލެވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox