ރާއްޖޭގެ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް، އުމުރުން 14 އަހަރުގެ ހުނަރުވެރި ފެތުންތެރިޔާ، އަމްނާ ތަޒްކިޔާ މިރުސާދު އާކޮށްފި އެވެ.
ތަޒްކިޔާ މި ރެކޯޑް އާ ކޮށްފައިވަނީ، ސިންގަޕޫރުގައި މިހާރު ކުރިއަށްދާ، 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށެވެ.
އެ ގޮތުން، ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގައި ތަޒްކިޔާ، ރާއްޖޭގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ 01:13.49 ގެ ޓައިމިން އަކުން ރޭސް ނިންމައިގެންނެވެ.
މި އިވެންޓްގެ ގައުމީ ރެކޯޑު އެންމެފަ ހުން އާކޮށްފައިވަނީ، ރާއްޖޭގެ ފެތުމުގައި މި ވަގުތު ގިނަ ރެކޯޑްތަކެއް ހޯލްޑް ކުރަމުން އަންނަ، ފެތުންތެރިޔާ، ހަމްނާ އަޙްމަދު އެވެ.
ހަމްނާ، ލޯންގްކޯސް، 100 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް ހެދީ، މިދިޔަ އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގެ އެ އިވެންޓްގައި، ހަމްނާގެ ރެކޯޓް ޓައިމިން އަކީ، 01:17.69 އެވެ.
ތަޒްކިޔާ އަކީ މި ފަހުން ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ފެތުންތެރިޔާ އެވެ. ދުނިޔޭގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އޭނާ އަށް މި ފަހަރު ލިބިގެންދިޔައިރު، މިއީ ބައިނަލްއަގުވާމީ މި ފަދަ ލެވަލެއްގައި، ތަޖުރިބާކޮށް، ކެރިއަރު ބިނާކުރަން ލިބިގެންދިޔަ ބޮޑު ފުރުސަތެކެވެ. މީގެ ކުރިން، ޖޫނިއާ އެކި އިންޓަނޭޝަނަލް މުބާރާތްތަކުގައި ތަޒްކިޔާ ވަނީ އެކަށީގެންވާ ކުރިއެރުންތަކަކާއި މެޑަލް ވެސް ހޯދައިފަ އެވެ.
މި ފަހަރުގެ ވޯލްޑް އެކުއަޓިކްސް މުބާރާތުގައި، މިދިޔަ މަހު 16 އަހަރު ފުރުނު، ރާއްޖޭގެ ފެތުންތެރިޔާ، މެރާލް އައިން ލަތީފް ވަނީ، ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑްއާ ކޮށްފަ އެވެ.
މެރާލް އާއި ތަޒްކިޔާގެ އިތުރުން، މި ފަހަރުގެ ދުނިޔޭގެ އެކުއަޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުނު ފެތުންތެރިންނަކީ އާން ހުސައިން އާއި މުހައްމަދު ރިހާން ޝިހާމް އަށެވެ.












