އެސްޑީއެފްގައި ހުރި ޑޮލަރު ބޭނުންކުރީ ގައުމު ބަނގުރޫޓުވާ ހާލަތަށް ދިޔުމުން: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ވަޒީރު ވިދާޅުވީ އެސްޑީއެފްގައި ހުރި ޑޮލަރު ބޭނުންކުރީ ގައުމު ބަނގުރޫޓުވާ ހާލަތައް ދިޔައިމަ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ވަޒީރު ވިދާޅުވީ އެސްޑީއެފްގައި ހުރި ޑޮލަރު ބޭނުންކުރީ ގައުމު ބަނގުރޫޓުވާ ހާލަތައް ދިޔައިމަ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ދަރަނި ދެއްކޭނެ ކަމުގެ އިތުބާރު ދަމަހައްޓަން އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ޑޮލަރުގެ ތެރެއިން ބައެއް ބޭނުންކުރީ ގައުމު ބަނގުރޫޓުވާ ހާލަތައް ދިޔައިމަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މަޝްރޫއުތަކެއް އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއުރު އެސްޑީއެފްގައި ހުރީ އެންމެ ތިން މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި ސަރުކާރުން 70 އެތައް މިލިއަން ޑޮލަރު ޖަމާކުރި ކަމަށެވެ.

"އާދެ، ރާއްޖެ ބަނގުރޫޓުވެގެންދާނެހެން ހީވި ހާލަތްތަކުގަ އެ ފަންޑު ބޭނުންކޮށްފަ ހުންނާނެ. އެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ކުރީރޭ އެ ވިދާޅުވީ،" ޕީއެންސީ ކޯލިޝަނުގެ ފުރަތަމަ ވެރިކަމުގައިވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.

Advertisement

ނަމަވެސް، އެސްޑީއެފްގައި ސަރުކާރުން އަތްލީ އަނބުރާ ދައްކާ ގޮތަށް ގާނޫނީ ޒިންމާގެ ތެރެއިން ކަމަށާއި، މި ސަރުކާރުން އެސްޑީއެފް އަށް އާ ގާނޫނެއް އެކުލަވާލަމުންދާ ކަމަށްވެސް އޭނާ މިރޭ ވިދާޅުވި އެވެ.

އެސްޑީއެފް އަށް ޖަމާކުރި ޑޮލަރުގެ ތެރެއިން ބައެއް ފައިސާ ބޭނުންކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންނެވީ ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. މިއީ މިކަމަށް ސަރުކާރުން އެއްބަސްވި ފުރަތަމަ ފަހަރެވެ. ނަމަވެސް އެސްޑީއެފް އިން ކުރި ހަރަދުގެ ތަފުސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.

ސަރުކާރުން ނުބުނި ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ "އަދަދު" އިން ވާނީ އެސްޑީއެފްގައި ހުރި ފައިސާ އެކި ފަހަރު މަތިން ބޭނުންކޮށްފައިވާ ކަމުގެ ހަބަރުތައް ގެނެސްދީފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ފިނޭންސް މިނިސްޓްރީން ހުށަހަޅައިގެން ހޯދި މައުލޫމާތުން ދައްކާ ގޮތުގައި އެސްޑީއެފްގައި ހުރި ޑޮލަރު ބޭނުންކުރީ ރަސްމީ ޑޮލަރު ރިޒާވު ރަނގަޅު ކުރުމަށެވެ. މިކަން އެނގެނީ މިދިޔަ އޮގަސްޓު 15، ގައި އެސްޑީއެފްގައި 56 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ހުރުމަށް ފަހު، އެ މަސް ނިމުނުއިރު ހުރި ފައިސާގެ އަދަދު 49 މިލިއަން ޑޮލަރަށް ވެއްޓިފައިވާތީ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޕޮޒިޝަން ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު އެސްޑީއެފްގެ ޑޮލަރު އެކައުންޓުގައި ކޭޝް ބެލެންސްގެ ގޮތުގައި ހުރީ 18 މިލިއަން ޑޮލަރެވެ. އެހެންކަމުން މި ސަރުކާރުން ޖަމާކުރި 78 މިލިއަނުގެ ތެރެއިން 60 މިލިއަން ވަނީ ބޭނުންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox