ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުން ފަސްކުރީ ބްރޯޑްކާސްޓުކުރާ ރޫމުގެ މަސައްކަތް ނުނިމިގެން ނޫންކަން އެނގިއްޖެ އެވެ.
މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އާދީއްތަ ދުވަހު ފޮނުވި މެސެޖުގައި ބުނެފައިވާ ގޮތުން އިއްޔެ ފަށަށް ނިންމާފައި އޮތް މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އޮކްޓޯބަރު 14 ފަސްކުރަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ ބްރޯޑްކާސްޓްކުރުމަށްޓަކައި ވީޑިއޯ ރޫމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާތީ އެވެ.
ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ބްރޯޑްކާސްޓުކުރާ ރޫމުގެ މަސައްކަތް ނިމިފައިވާ ކަމަށް، ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން "އަދަދު" ނޫހަށް ވިދާޅުވި އެވެ.
"ދައުރު ފަށާ ދުވަހަކީ މާކުރިން ފެށިގެން އެނގޭ ކަމެއް. އެހެންވީމަ އެފަދަ ކަމެއް ނުކުރެވިއެއް ނޯންނާނެ ދެއްތޯ. އެ ރޫމް [ބްރޯޑްކާސްޓުކުރާ ރޫމް] ހުރީ ނިމިފައި، ބޭނުން ވެސް ކުރެވޭ ގޮތަށް،" މެންބަރަކު ވިދާޅުވި އެވެ.
ޖަލްސާތައް ފެށުން ފަސްކުރީ ކުރާނެ މަސައްކަތެއް ނެތުމުން ކަމަށް އެހެން މެންބަރަކު ވިދާޅުވި އެވެ.

"ބިލްތަކެއް ލިބިފައެއް ނެތް. މަޖިލީހުގައި ކުރާނެ މަސައްކަތް ނެތިގެން ހަގީގަތުގައި ފަސްކުރީ. އަނެއް ސަބަބަކީ ރައީސްގެ ދަތުރު، ޕީޖީ ލީޑަރު ވެސް ނެތުން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ފެށުން ފަސްކުރަން ނިންމީ ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރު ފައްޓަވާފައި ވަނިކޮށެވެ. އެ ދަތުރުގައި މަޖިލީހުގެ މެންބަރުންގެ ތެރެއިން ބައިވެރިވެވަޑައިގަތީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެކަންޏެވެ.













