އިންޑިއާގައި އުފައްދާފައިވާ 16 ބޭހެއްގެ ކޮލިޓީ ދަށްވުމާ ގުޅިގެން އެ ގައުމުގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޯގަނައިޒޭޝަން (ސީޑީއެސްކޯ) އިން ނެރެފައިވާ އެލާޓާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސީޑީއެސްކޯގެ އެލާޓާ ގުޅިގެން ރާއްޖެއަށް އެ ބޭސްތަކުގެ އެއްވެސް ބެޗެއް އެތެރެވެފައި ވޭތޯ ބެލި ކަމަށެވެ. އަދި، މިހައިތަނަށް ބެލި ބެލުމުން ބޭސް އިމްޕޯޓު ކުރަން ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން އެއިން އެއްވެސް ބޭހެއް ރާއްޖެ އެތެރެވެފައި ނުވާކަން ކަށަވަރު ކުރެވުނު ކަމަށް އެފްޑީއޭއިން ބުންޏެވެ.
އެފްޑީއޭއިން ބުނީ އެ ބޭސްތައް ރާއްޖެއަށް އެތެރެވެފައި ނުވި ނަމަވެސް، އިންޑިއާ އަކީ ދިވެހީން ބޭސްފަރުވާއަށް އާންމުކޮށް ގޮސްއުޅޭ ގައުމަކަށް ވާތީ ސަމާލުވުމަށް އެދޭ ކަމަށެވެ.
އެފްޑީއޭއިން ނެރުނު ބަޔާނާ އެކު އެލާޓު ނެރެފައިވާ ބޭސްތަކުގެ ލިސްޓު ވެސް އާންމު ކޮށްފައިވެ އެވެ. އެއީ:
- ޕުލްމޮސިލް
- ޕެންޓޮސިޑް
- އާސޮކޮލް 300
- ތެލްމާ އެޗް
- ޑެފްލަޒަކޯޓް ޓެބްލެޓްސް
- ޕެޒިވާ-40
- ޕެންޓޯމްޑް-40
- ސެފިކްސައިމް އޯރަލް ސަސްޕެންޝަން އައިޕީ
- މޮކްސީމެޑް ސީވީ
- ފްރުސެމީޑް އިންޖެކްޝަން އައިޕީ 20 އެމްޖީ
- ކުދަޖަރިޝްތަމް
- ޓެބް ނޮޑޮސިސް
- ހަރިދްރަޚަންދަމް
- ޕެންޓަޕްރޮޒޯލް އިންޖެކްޝަން. ބީޕީ 40 އެމްޖީ
- ޔޯގާރާޖާ ގުއްގުލު
- ޕެންސެފް-އޯއެފް
އެފްޑީއޭއިން ބުނީ ރާއްޖެއަށް އެފަދަ ކޮލިޓީ ދަށް ބޭސް އެތެރެވިޔަ ނުދިނުމަށްޓަކައި ރާއްޖެއަށް އިމްޕޯޓު ކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.













