ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ބޮޑު ލޯނަކަށް ފައިސާ ނުދައްކައިގެން ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގައި ވިލިފުށީ ދާއިރާ ތަމްސީލު ކުރެއްވި ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ މުދާތައް ނެގުމަށް އެ ބޭންކުން ސިވިލް ކޯޓުގައި ދައުުވާކޮށްފި އެވެ.
ރިޔާޒާއި އޭނާގެ އާއިލީ ކުންފުނި ހިމެނޭހެން ހަތް މީހުންގެ މައްޗަށް އެސްބީއައި އިން ދައުވާކުރީ އޯވާ ޑްރާފްޓް ފެސިލިޓީއެއްގެ ގޮތުގައި ދޫކޮށްފައިވާ 5،900،000ރ. އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ގޮތަށް ދައްކާފައިނުވުމުގެ ސަބަބުންނެވެ.
ދައުވާލިބޭ ފަރާތްތަކަކީ؛
- މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑް
- ތ.މަޑިފުށި، އޯކިޑްމާގެ، ރިޔާޒު ރަޝީދު
- ތ.މަޑިފުށި، އޯކިޑްމާގެ، ނާފިޒު ރަޝީދު
- މާލެ، ދަފްތަރު ނަންބަރު ރސ5157، އިސްމާއިލް ޒުހުރީ
- މާލެ، ގ.ސިނަމޯ، އާމިނަތު ނާޒުލީ އިބްރާހިމް
- މާލެ، ގ.އަންޒާނީގެ، ހުސައިން ރިޔާޒު
- މާލެ، ގ.އަންޒާނީގެއާގެ، މަރްޔަމް ނާޒިމާ އެވެ.
ދައްކަންޖެހި ނުދައްކާފައިވާ ގޮތުގައިވާ ފައިސާ އެކީ އެއްފަހަރަށް ހޯދުމަށް އެ ބޭންކުން އެދިފައިވާއިރު، މި ފައިސާ ނުދައްކައިފިނަމަ ލޯނާއި ގުޅިގެން ރަހުނުކޮށްފައިވާ ތަކެތި ވިއްކާލުމުގެ ހުއްދަ އެ ބޭންކަށް ލިބިގެންވާ ގޮތަށް ކަނޑައަޅާދިނުމަށް އެ ބޭންކުން ކުރި ދައުވާގައިވެ އެވެ.
ލޯނާއި ގުޅިގެން ރަހުނުކޮށްފައިވާ ތަކެތީގެ ތެރޭގައި؛

- ގ.ސިނަމޯ
- ގ.އަންޒާނީގެ
- ގ.އަންޒާނީގެއާގެ
- މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑް ނަމުގައިވާ ހުޅުމާލެ ލޮޓު
- ރިޔާޒު ރަޝީދު ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރިޔާ 1، ރިޔާ 2، ރިޔާ 3، އުޅަނދު
- މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގައި ރަޖިސްޓްރީ ކޮށްފައިވާ ރިޔާ 8، ރިޔާ 10، ރިޔާ 7، ސަންސްޕީޑް 1 އަދި ސަންސްޕީޑް 2 ހިމެނެ އެވެ.
މި މައްސަލަ ކޯޓަށް ހުށައެޅުމުން އިހްތިސާސް އާ މެދު ދައުވާ ލިބޭ ފަރާތްތަކުން ވަނީ ސުވާލުއުފައްދައިފަ އެވެ. އިހްތިސާސް އާ މެދު ކުރާ އިއުތިރާޒުގައި ބުނެފައިވަނީ މި ދައުވާ މަދަނީ އިޖުރާތުގެ ގާނޫނުގެ ދަށުން ބެލުމުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށެވެ. އަދި މައްސަލައިގެ ދައުވާ ފޯމް ބާތިލުކޮށްދިނުމަށް ވެސް އެ ފަރާތުން އެދިފައިވެ އެވެ.
ނަމަވެސް، މި ދައުވާކުރިއަށް ގެންދިއުމުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ވަނީ މިއަދު ކަނޑައަޅާފަ އެވެ.
ހާއްސަ މަޖިލީހުގައި ތ. އަތޮޅުގެ މެންބަރު ކަން ކުރެއްވުމަށް ފަހު، ދެ ދައުރަކު ވިލުފުށި ދާއިރާގެ މެންބަރު ކަން ރިޔާޒު ކުރެއްވި އެވެ. އެންމެ ފަހުން ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް އޭނާ ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އެވެ.













