އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނާއި ސެކިއުރިޓީ ކައުންސިލުގެ ހާއްސަ ބަހުސެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވާނެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެވެ. މިއީ ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އދ. ގެ އާންމު މަޖިލީހުގެ ފުރަތަމަ ސެޝަނެވެ.
"ޔޫއެން ސެކިއުރިޓީ ކައުންސިލުގެ ހާއްސަ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައި. މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ޔޫއެން ސެކިއުރިޓީ ކައުންސިލް ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު," ހީނާ ވިދާޅުވި އެވެ.
އޭގެ އިތުރުން, އާންމު މަޖިލީހުގެ ހަވާސާއިގައި ބާއްވާ ސަމިޓް އޮފް ދަ ފިއުޗާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެމެރިކާއަށް ކުރައްވާ ދަތުރުގައި ނިއު ޖާޒީގައި ހުންނަ އައިވީ ލީގުގެ ޔުނިވާސިޓީއެއް ކަމަށްވާ ޕްރިންސްޓަން ޔުނިވާސިޓީގައި ވެސް ރައީސް ތަގުރީރު ކުރައްވާނެ ކަމަށް ވެސް ސަރުކާރުން މިއަދު ހާމަކޮށްފައިވެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން މިހާރު ފަށާފައިވާއިރު މައިގަނޑު ބައިތައް އޮންނާނީ ސެޕްޓެމްބަރު 24, އިން ފެށިގެންނެވެ. އދ. ގެ 193 މެންބަރު ގައުމުން މި މަޖިލީހުގައި ބައިވެރިވާނެ އެވެ.













