މިއަދު ފެށި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ކަަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިއަދުން ފެށިގެން އޮކްޓޯބަރު 11، ގެ ނިޔަލަށް ކުރިއަށްދާ މި ސެޝަނުގައި ދިވެހި ސަރުކާރުން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވާނީ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މި ވަފުދުން ދިވެހި ސަރުކާރުން އިސްކަންދޭ އުސޫލުތަކާ އެއްގޮތް ވާގޮތުގެ މަތިން އެޖެންޑާގެ ގިނަ އައިޓަމްތަކެއްގެ ދަށުން ތަގުރީރު ދޭނެ ކަމަށެވެ.
އެ ދާއިރާ ތަކަކީ
- ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް
- މިޔަންމާގެ ސްޕެޝަލް ރެޕަޓުއަރއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގު
- ފަލަސްޠީނަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާއަށް އަލިއަޅުވާލާ ތަފާތު އެޖެންޑާ އައިޓަމްތައް
މިފަހަރުގެ ސެޝަން ބައްދަލުވުމުގައި ޖުމްލަ 30 އިންޓަރެކްޓިވް ޑައިލޮގެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، އިންސާނީ ހައްގުތަކުގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ ދެ ޑައިލޮގަކާއި، ހަ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ކުރިއަށްދާނެ ކަމަށްވެ އެވެ.
ޖުމުލަ 47 މެންބަރު ގައުމެއްގެ މައްޗަށް އެކުލެވިގެންވާ، އެކުވެރި ދައުލަތްތަކުގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ބައްދަލުވުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ގައުމުގެ ހާލަތްތައް ހައްލުކުރުމަށް ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ.

ރާއްޖެއިން މި މަޖިލީހުގައި އަދާކުރަމުންދާ ދައުރު ހަމަވާނީ އަންނަ އަހަރު އެވެ.













