އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުން ރާއްޖޭގެ ރޭޓިން ތިން މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ދަށްކޮށް މާލީ ގޮތުން އެންމެ ބޮޑު ގޮންޖެހުންތައް ކުރިމަތިވެފައިވާ ގައުމުތަކާ އެއްވަރެއްގަައި ރާއްޖެ ރޭޓުކޮށްފި އެވެ.
އެންމެ ފަހުން ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ފަހަރު ފިޗުން ވަނީ ފާއިތުވި ދެ އަހަރު "ބީ ނެގެޓިވް" ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފަ އެވެ. މިއަދު ދަށްކުރީ "ސީސީ" އަށެވެ.
އާންމުކޮށް ފިޗުން ރޭޓިންއަށް ބަދަލުގެންނަނީ ނޫނީ "ރޭޓިން ރިވިޝަން" ގެންނަނީ އަހަރަކު އެއް ފަހަރެވެ. މިއީ މިހާ ކައިރިކައިރީގައި ޑައުންވާޑް ރޭޓިން ރިވިޝަނެއް ގެނައި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެ އެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭ ފިޗުން ރޭޓު ކުރި ގޮތް
މިއީ ފިޗުން މިހާ ދަށްކޮށް ރާއްޖެ ރޭޓުކުރި ފުރަތަމަ ފަހަރެވެ. ކޮވިޑުގެ ދުވަސްވަރު ވެސް މިހާ ދަށުން ރާއްޖެ ރޭޓު ކޮށްފައި ނުވެ އެވެ. އެ އަހަރުގެ ކުރީކޮޅު މާޗު 2020 ގައި ރާއްޖެއަށް ދިނީ "ބީ ނެގެޓިވް" ރޭޓިންއެކެވެ. އޭގެ ފަހުން ނޮވެމްބަރު 2020 ގައި ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ދަށްކުރި އެވެ.

އޭގެ ފަހުން 2021, 2022, އަދި 2023 ގައި ވެސް ރޭޓިން ހުރީ "ބީ ނެގެޓިވް" ގަ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވެސް ރޭޓިން ހުރީ އެވަރުގަ އެވެ.
ރާއްޖޭގެ ރޭޓިންއަކީ މިވަގުތު މާލީ ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ބައެއް ގައުމުތަކާ އެއްވަރު އަދި ބައެއް ގައުމުތަކަށް ވުރެ ދަށް ރޭޓިންއެކެވެ.
ފިޗުން ރޭޓިން ދަށްކުރި ސަބަބުތަކުގެ ކުރިން ފަހަރެކޭ އެއް ފަދައިން ރާއްޖޭގެ ރިޒާވުތައް އިންތިހާއަށް ދަށްވުމާއި ބޭރުގެ ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފާހަގަކޮށްފައިވެ އެވެ.
ފިޗުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ބޭރު ފައިސާގެ ދަތިކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ދެމިއޮންނާނެ އެވެ. މީގެ މަައިގަނޑު ސަބަބެއްގެ ގޮތުގައި ޕަބްލިކް އިންވެސްޓްމަންޓް އިތުރުވުމާއި ރާއްޖޭން އިމްޕޯޓަށް ކުރާ ހަރަދުތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދަން ޖެހޭތީ އެވެ.












