ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށަށް ފެނަކަ ކޯޕަރޭޝަން ގެނައުމަށް ޕްލޭނެއް އެކުލަވާލަން އިއްޔެ ނިންމައިފި އެވެ.
އެސްޓީއޯއިން ނެރުނު އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ބޯޑުން ބޭއްވި ބައްދަލުވުމެއްގައި އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ފެނަކަ އެ ކުންފުނީގެ ދަށަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ޕްލޭން އެކުލަވާލަނީ ފެނަކަ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކަމަށެވެ.
"ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލުމަށް ހަމަޖެހިފައި ވަނީ އެސްޓީއޯ، ފިނޭންސް މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ތަމްސީލްކުރައްވާ ފަރާތްތައް ހިމެނޭ ގޮތަށް،" އެސްޓީއޯއިން ބުންޏެވެ.
އެ ޕްލޭންގެ ދަށުން މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށް ފެނަކައިގެ ހާލަތު ދެނެގަތުމަށް އެ ކުންފުނީގައި މާލީ އަދި ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ހެދުމަށާއި, ކުންފުނީގެ މިލްކިއްޔާތުގެ ދަށުގައި ހުރި މުދަލުގެ އަގު ހޯދާނެ އެވެ.
ފެނަކައިގެ މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށާއި ކުންފުނި ކުޑަކޮށް އެ ކުންފުނި ހިންގުން ހަރުދަނާ ކުރުމަށް ފިނޭންސްއާއެކު ކުރަން ޖެހޭ މަސައްކަތް ކުރުމަށް އެސްޓީއޯގެ ބޯޑުުން ވަނީ އިރުޝާދު ދީފަ އެވެ.

އެސްޓީއޯގެ ދަށަށް ފެނަކަ މުޅިން ބަދަލުވުމާއެކު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ދެން އެކުލަވާލާނީ އެސްޓީއޯގެ ގަވާނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަންކުރާ އުސޫލާ އެއްގޮތަށް ކަމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެއިތުރުން ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާ ކަމަށްވާއިރު އެސްޓީއޯއިން ވަނީ އެ ފައިސާ އެ ކުންފުންޏަށް ލިބޭނެ ގޮތުގެ ޕްލޭނެއް ހެދި އެއާ އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކޮށް، ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.













