ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް އާބަން ޑިވެލޮޕްމަންޓު ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.
ސަރުކާރުން ތައްޔާރުކޮށް، ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ސްޕޮންސަ ކުރި މި ބިލް ދިރާސާކުރުން ކުރިއަށް ގެންދަނީ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ގުޅިގެން އުފައްދާފައިވާ ކޮމިޓީއަކުންނެވެ.
މި ބިލަށް އެއްވެސް ހިޔާލެއް، ކޮމެންޓެއް އޮތް ނަމަ މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް އީމެއިލް ކުރަން މަޖިލީހުގެ އިދާރާއިން އެދެ އެވެ. އީމައިލް ކުރާނީ committee@majlis.gov.mv އަށެވެ.
އާބަން ޑިވެލޮޕްމަންޓްގެ ބިލްގެ ބޭނުމަކީ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކޮށް ހިންގުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރުމަށްޓަކައި، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ބިމުގެ ބޭނުން ހިފޭނެ މޭރުމުން ބިނާވެށި ޕްލޭންކޮށް ހިންގުމާއި އެ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިން ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި ތަރައްގީގެ މަސައްކަތްތައް މޮނިޓަކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާން ކުރުމެވެ.












