ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ބޭއްވި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އާ ހަވާލުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މި ފައިސާ އދ. ގެ އެޖެންސީއާ ހަވާލުނުކުރާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ދިން މައުލޫމާތު އިއްޔެ މި ނޫހުން ވާނީ ރިޕޯޓުކޮށްފަ އެވެ.
އެ ހަބަރަށްފަހު ފޮރިން މިނިސްޓްރީން ނޫސްތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޓެލެތޯނުގައި އެކި ފަރާތްތަކުން ހަދިޔާކުރި 19،309،468.02ރ. ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
ޖަމާކުރި ދުވަހެއް އެ މެސެޖުގައި ބުނެފާ ނެތް ނަމަވެސް، އަންރުވާއަށް ފައިސާ ޖަމާކުރީ އިއްޔެ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ޓެލެތޯނުން ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަންރުއާ މެދުވެރިކޮށް ސަރުކާރުން ދޭން ނިންމީ ޕީއެސްއެމް އިން ޖުލައި 3، ގައި ފޮރިން މިނިސްޓްރީއާ ފައިސާ ހަވާލުކުރުމުންނެވެ.

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ޖޫން 12، ގައި ކުރިއަށް ގެންދިޔަ ޓެލެތޯން ފަންޑަށް ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކާއި ސްކޫލުތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް ޓެލެތޯނުގައި ހުޅުވާލި ފަންޑަށް ފައިސާ ހަދިޔާކުރި އެވެ. އޭގެ ތެރޭގައި ރައީސްގެ ދެކަނބަލުންނާއި ގިނަ ވަޒީރުން ވެސް ހިމެނެ އެވެ.
ސަރުކާރުން އިސް ނަގައިގެން މިފަދަ ޓެލެތޯނެއް ބާއްވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ނިންމީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ ނަސްލުހޭދުކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެންނެވެ.
މިދިޔަ އޮކްޓޯބަރު މަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކާއެކު ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 40،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް، ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.












