19 އޮގަސްޓު 2024 - 17:04 2
އަހުމަދު އާއިދު
ރައީސް މުއިއްޒުގެ ދެ ކަނބަލުން ޓެލެތޯނުގައި ހުޅުވާލި ފަންޑަށް ފައިސާ ހަދިޔާކުރައްވަނީ: ފަލަސްތީނު ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ އަދިވެސް އަންރުއާއާ ހަވާލުނުކުރޭ --- ފޮޓޯ: ރައީސް އޮފީސް
19 އޮގަސްޓު 2024 - 17:04 2
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ބޭއްވި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ އަދިވެސް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އާ ހަވާލުނުކުރާކަން އެނގިއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭއްވި މި ޓެލެތޯން ކުރިއަށް ގެންދިޔައީ ޖޫން 12، ގެ ހެދުނު 8:00 އިން އެ ރޭ ދަންވަރު 12:00 އާ ހަމައަށެވެ. ޕީއެސްއެމްގެ އިތުރުން މި ޓެލެތޯނުގައި ރާއްޖޭގެ އެކި މީޑިއާތަކުން ބައިވެރިވިއިރު ދައުލަތުގެ ގިނަ އިދާރާތައް ހިމެނޭހެން ގިނަ ބަޔަކު އެ ދުވަހު ހުޅުވާލި ފަންޑަށް ފައިސާ ޖަމާކުރި އެވެ.
އެގޮތުން، އެދުވަހު ޓެލެތޯނުން ޖުމްލަ 18،418،922ރ. އާއި 49،800 ޑޮލަރު ލިބުނެވެ. މި ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަންރުއާ މެދުވެރިކޮށް ސަރުކާރުން ދޭން ނިންމީ ޕީއެސްއެމް އިން ޖުލައި 3، ގައި ފޮރިން މިނިސްޓްރީއާ ފައިސާ ހަވާލުކުރުމުންނެވެ.
މިކަން ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވަނީ އދ. ގެ މައި މަރުކަޒުގައި ޖުލައި 12، ގައި ކުރިއަށްދިޔަ "އަންރުވާ ޕްލެޖިން ކޮންފަރެންސް" ގައި ވެސް ވިދާޅުވެފަ އެވެ. އޭނާ އެ ދުވަހު ދެއްކެވި ވާހަކައިގެ ތަފުސީލު ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރެވިފައިވެ އެވެ.
ނަމަވެސް، "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި މިހާތަނަށް މި ފައިސާ އަންރުއާއާ ހަވާލެއް ނުކުރެ އެވެ. ފައިސާ ހަވާލުކުރުން ލަސްވާ ސަބަބު ހޯދުމަށް ފޮރިން މިނިސްޓްރީގައި ތަކުރާރުކޮށް އެހުމުން ވެސް މިނިސްޓްރީން ޖަވާބެއް ނުދެ އެވެ.
"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯން ފަންޑަށް ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކާއި ސްކޫލުތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް ޓެލެތޯނުގައި ހުޅުވާލި ފަންޑަށް ފައިސާ ހަދިޔާކުރި އެވެ. އޭގެ ތެރޭގައި ރައީސްގެ ދެކަނބަލުންނާއި ގިނަ ވަޒީރުން ވެސް ހިމެނެ އެވެ.
ސަރުކާރުން އިސް ނަގައިގެން މިފަދަ ޓެލެތޯނެއް ބާއްވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ނިންމީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެންނެވެ.
މިދިޔަ އޮކްޓޯބަރު މަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކާއެކު ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 40،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް، ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment