ރައްުޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތިން ބިލެއް ބަލައިގަނެ އިގުތިސޯދީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
އެންމެ ފުރަތަމަ މިއަދު މަޖިލީހަށް ބަލައިގަތީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހުށަހެޅުއްވި ފޮރިން އިންވެސްޓްމަންޓުގެ ބިލެވެ. އެ ބިލު ބަލައިގަތީ 81 މެންބަރުންގެ ވޯޓާއެކު އެވެ.
މަޖިލީހަށް ދެން ބަލައިގަތީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. އެ ބިލު ބަލައިގަތީ 80 މެންބަރުންގެ ވޯޓާއެކު އެވެ.
ތިންވަނައަށް މިއަދު މަޖިލީހަށް ބަލައިގަތީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު ހުށަހެޅުއްވި މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. އެ ބިލު ބަލައިގަތީ 82 މެންބަރުންގެ ވޯޓާއެކު އެވެ.
މި ތިން ބިލު ވެސް ދިރާސާކުރާނީ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީންނެވެ. ކޮމިޓީ މަރުހަލާގައި އެ ބިލުތަކަށް ބަދަލު ގެނައުމުގެ ފުރުސަތު އޮންނާނެ އެވެ. ކޮމިޓީން ބިލު ނިންމައި މަޖިލީހަށް ފޮނުވުމުން ތަޅުމުގައި ވޯޓަށް އަހާނެ އެވެ.














