ސިޔާސީ މަގުސަދުގައި ފޮރިން އިންވެސްޓްމަންޓުތައް ބޭރުކުރުމަކީ ރާއްޖޭގައި ހިނގާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ފޮރިން އިންވެސްޓްމަންޓުތައް ރާއްޖެއަށް ނާންނާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ފޮރިން އިންވެސްޓްމަންޓާ ގުޅޭ ބިލެއް ސަރުކާރުން ހުށަހަޅާފައިވާއިރު އެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޓޭ ވިދާޅުވީ ފެންނަމުންދަނީ ރާއްޖޭގައި ފޮރިން އިންވެސްޓަރުން ބިރު ގެންނެވުމުގެ މަގުސަދުގައި ކަންކަން ކުރަމުންދާ މަންޒަރު ކަމަށެވެ.
"އެއިރެއްގައި އޮންނަ ސަރުކާރަކާ މެދު ހިތްހަމަނުޖެހިގެން ފޮރިން އިންވެސްޓަރުން އަދި ބޭރު ގައުމުތަކާ ދެކޮޅަށް ކެމްޕޭންތައް ހިންގާ ރާވައި ހިންގައި, އޭގެ ނަތީޖާ ވެގެންމިދަނީ ރާއްޖެއަށް ފޮރިން އިންވެސްޓްމަންޓުތައް އައުމަށް އޮތް ހުރަހަކަށް. މާދަމާ ނުކުމެ އިންޑިއާ އައުޓް, ޗައިނާ އައުޓް, އެމެރިކާ އައުޓް, މިހެން ގޮވާންވެއްޖެ ކަމަށް ވަންޏާ އެ ގައުމުތަކުގެ ފޮރިން އިންވެސްޓަރުން ރާއްޖެ އައުމާ މެދު ކަންބޮޑުވާނެ," އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރުމުން އެ ކުންފުނި ބޭރު ކުރުމަށް އޮޑިފަހަރުގައި ނުކުތް ނުކުތުމާމެދު މިއަދު ވިސްނަން ޖެހޭ ކަމަށް ވެސް މަޓޭ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ދައުލަތުގެ ބޮޑު ބަދަލެއް ދޭން ޖެހުނުކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ސިޔާސީ ނުތަނަވަސް ކަމުގެ ބޭނުން ހިފައި ބޭރުގެ ފޮރިން އިންވެސްޓްމަންޓުތައް ބޭރުކޮށްލުމުގެ މަގުސަދުގައި ރައްޔިތުން ނުކުމެ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށްޓަކައި މިފަދަ ސަކަރާތް ޖެހީމައި ފޮރިން އިންވެސްޓްމަންޓެއް ނުލިބޭނެ," މަޓޭ ވިދާޅުވި އެވެ.

އޭނާގެ އިތުރުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވެސް ވަނީ ޖީއެމްއާރު ބޭރުކުރުމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ވިދާޅުވެފަ އެވެ.
"އޭގެ ސަބަބުން އާހިރު ނަތީޖާއަކީ ކުދި ރަށްތަކުގެ ތަރައްގީއަށް ހަރަދު ކުރާނެ ފައިސާ ދައުލަތުގައި ނެތުން. އުފެދުނު އިރުގައި ވެސް ބާތިލު އެގްރީމެންޓެއް ނަމަ ކީއްވެގެންތޯ އިގުތިސޯދު އިނދަޖެހިގެން ދިޔައީ, ބަދަލު ދޭން ޖެހުނީ," އަމީން ވިދާޅުވި އެވެ.
"އިންޑިއާ އައުޓް ޖެއްސީމައި އިންޑިއާ އެކަންޏެއް ނޫން އައުޓްވަނީ. މިތަނަށް އިންވެސްޓު ކުރަން ފާރަލައިގެން ތިބި އެތައް ގައުމެއްގެ ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިޔައީ."
އެ ބިލުގެ އިބްތިދާއީ ބަހުސް ނިމި މިއަދު މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އަހާނެ އެވެ.













