މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ބައެއް ފެނު އަޑިއަށް ހިނގައްޖެ އެވެ.
މި ހަފްތާގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.
އެގޮތުން, މިއަދު މެންދުރު މާލެއަށް ވެހެން ފެށި ވާރޭ އަދިވެސް މެދުކެނޑިފައި ނުވާއިރު މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅެން ދަތިވާ ވަރަށް ވަނީ ފެން ބޮޑުވެފަ އެވެ. ބައެއް ގެތަކަށާއި ފިހާރަތަކަށް ފެން ވަނުމުގެ ސަބަބުން ގެއްލުންތަކެއް ވެސް ވަނީ ލިބިފަ އެވެ.
"ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ ކުރަމުން," އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ވަނީ ފެން ހިންދުމުގެ އިތުރުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ސިފައިން މަގުމައްޗަށް ނެރެފައިވާ ކަމަށް ވިދާޅުވެފަ އެވެ.













