ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 26 އާ ހަމައަށް ދިގުދަންމާލަން ފާސްކޮށްފި އެވެ.
މިއަދުގެ ޖަލްސާގައި ދައުރު ދިގުދަންމާލަން ހުށަހެޅުއްވީ ރިޔާސަތުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މި ހިނގާ ދައުރު ނިމޭނެ ކަމަށް ކުރިން އޮތީ އޮގަސްޓު 15، އަށެވެ.
"އެހެން ނަމަވެސް މަޖިލީހުގައި މިވަގުތު ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރުމާއެކު އަޅުގަނޑު ގަސްތުކުރަނީ މި ދައުރު އޮގަސްޓު، 26 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރުކުރަން. އެހެންކަމުން ދައުރު އިތުރުކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަން ވޯޓަށް އެހުން މިއަދުގެ ވޯޓުގަޑީގައި އޮންނާނެ،" ޖަލްސާ ފަށްޓަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
ދައުރު އިތުރުކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ އިއްތިފާގުންނެވެ. އެކަމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އެޕްރީލް 21، ގައި އިންތިހާބުވެ މެއި 28، ގައި މަސައްކަތް ފެށި މި މަޖިލީހުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ޖުމްލަ 37 ބިލެއް ހުށަހަަޅަން ބަންޑާރަނައިބުގެ އޮފީހުން ނިންމި އެވެ. ނަމަވެސް އެ ހުރިހާ ބިލެއް ހުށައަޅާފައެއް ނުވެ އެވެ.

މަޖިލީހުގެ ޖުމްލަ 79 މެންބަރުންނާއެކު ސަރުކާރަށް ފުރިހަމަ ތާއީދު އޮތްއިރު، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ޖުމްލަ 200 ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.













