ރާއްޖެ އާއި އިންޑިއާއިން މި ފަހަރު ކުރި މަޝްވަރާތަކުގެ ސަބަބުން ކުރިއަށް ވުރެ ބޮޑެތި އަދި ރަނގަޅު ކަންތައްތަކެއް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެ ގައުމުގެ އެކްސްޓާނަލް މިނިސްޓަރު ޖައިޝަންކަރު ރޭ ވިދާޅުވެއްޖެ އެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގެން، މިނިސްޓަރު މޫސާ ޒަމީރާ އެކު ރޭ ދެއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ ރާއްޖެއަށް އަނެއްކާ ވެސް ވަޑައިގެންނެވުނީތީ ދެ ގައުމުގެ ގުޅުމުގެ މޭވާ ފެންނަން ފެށުމަކީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އެކަންތައްތައް ހަގީގަތަކަށް ވަމުން އަންނަނީ ވަރަށް އާރުލާ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުގެ މި ދަތުރާއި، މި ދަރުގައި މިނިސްޓަަރާ އެކު ބާއްވާ މަޝްވަރާތަކުން، ދެގައުމު ގުޅިގެން، ކުރިއަށް އޮތް ދުވަސްތަކުގައި މިހާރަށް ވުރެ ބޮޑެތި އަދި ރަނގަޅު ކަންތައްތަކެއްގެ ބިންގާ އެޅިގެންދާނެ ކަމަށް،" ޖައިޝަންކަރު ވިދާޅުވި އެވެ.
ޖައިޝަންކަރު ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ގެއްލުމުން އަރައިގަންނަމުންދާ މި ދަނޑިވަޅުގައި ހަމަޖެނުޖެހުންތަކުގެ ސަބަބުން އާ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ނުތަވަސްކަމުގައި އިންޑިއާ އަކީ އެގައުމުގެ އަވަށްޓެރިންނާއި އެކުވެރިން އަދި ބައިވެރިންނަށް، "ހަމަޖެހުމުގެ ނަގިއްޔެއް" ގެ ގޮތުގައި މަސައްކަތް ކުރާ ގައުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަކިން ހާއްސަ ގޮތެއްގައި ދިވެހިރާއްޖެއަށް، އަޅުގަނޑުމެން ވަނީ އިގުތިސާދީ މައްސަލަތައް ހައްލުކުރަން އެހީތެރިކަން ދީފައި، މާލީ އެހީތެރިކަމާއި ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި،" ޖައިޝަންކަރު ވިދާޅުވި އެވެ.

އެގޮތުން، މެދުކެނޑުމެއް ނާންނާނެ ގޮތަށް އަސާސީ ބާވަތްތައް ފޯރުކޮށްދިނުމަކީ ވެސް މިފަދަ ކަމެއްގެ ގޮތުގައި ޖައިޝަންކަރު ފާހަގަކުރެއްވި އެވެ. އަދި އިންޑިއާއިން ރާއްޖެއަށް އެހީތެރިވަނީ އެ ގައުމުން ގެންގުޅޭ "ސަބްކާ ސާތު ސަބްކާ ވިކާސް (ކުރިއަރައި ދާނީ ގުޅިގެން)" ފަލްސަފާގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖައިޝަންކަރާ އެކު ދެއްވި ގުޅިފައިވާ ބަޔާނުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެެކުވެރިޔާ އަދި ތަަރައްގީގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށެވެ. ދެގައުމުގެ ގުޅުން ބިނާ ވެފައި އޮތީ އެއްގައުމުން އަނެއް ގައުމަށް ކުރާ އިތުބާރުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.












