ރާއްޖެއަށް ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ތައާރަފުކުރަން ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު އިކޮނޮމިކް މިނިސްޓްރީން އެމްއޯޔޫއެއްގައި ރޭ ސޮއިކޮށްފި އެވެ.
އެ އެމްއޯޔޫގައި ސޮއިކުރެވިގެން ދިޔައީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.
"ރާއްޖެއަށް ޔޫޕީއައި ސިސްޓަމް ތައާރަފްކުރުމުގެ ފުރަތަމަ ފިޔަވަޅު އެޅިގެން މިދިޔައީ. މިކަން އެއްކޮށް ފުރިހަމަވެ ރާއްޖެއަށް ހިދުމަތް ކުރިއަށް އޮތް ތަނުގައި ތައާރަފުކުރެވޭނެ ކަމަށް އުންމީދުކުރަން. އެ ހިދުމަތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ފައިދާވާނެ،" ޖައިޝަންކަރު ވިދާޅުވި އެވެ.
އިކޮނޮޮމިކް މިނިސްޓްރީން ބުނީ އެ އެމްއޯޔޫއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ކްރިއޭޓާ އިކޮނޮމީގެ ފުރުސަތުތައް ދިވެހިންނަށް ހޯދައި، އީ-ކޮމާސްގެ ދާއިރާ ތަރައްގީކޮށް، މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން މާލީ ބާޒާރު އިތުރަށް ފުޅާކުރުމަށް ކަމަށެވެ.
ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އިގްތިސާދުގެ ހަކަތަ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގައި މިއީ އާދެވުނު މުހިންމު މަންޒިލެއްކަން ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީން ބުނީ މަގްސަދަކީ އެ ހިދުމަތުގެ ސަބަބުން ދިވެހިންނަށް ފައިދާ ލިބުން ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާގެ ސަބަބުން އިންޑިއާއަށް އިންގިލާބީ ބަދަލެއް އައިސްފައިވާއިރު، އެންމެ ދުރު ރަށްރަށުގެ އެންމެ ކުދި ވިޔަފާރިކުރާ ފަރާތްތަކުން ޔޫޕީއައި މެދުވެރިކޮށް މުއާމަލާތްކޮށް ޑިޖިޓަލް ޕޭމަންޓުތައް ހަމަޖައްސަ އެވެ.
ޔޫޕީއައިގެ މުއާމަލާތްތަކުގެ ފަސޭހަކަމާއި ސްޕީޑަށް ބަލާއިރު 2023 ވަނަ އަހަރު ޔޫޕީއައި މެދުވެރިކޮށް 100 ބިލިއަނަށް ވުރެ ގިނަ މުއާމަލާތްތަކުން 24 ބިލިއަން ޑޮލަރުގެ ޓްރާންސެކްޝަން ހަދާފައި ވެއެވެ.
އެންމެ ފަހުން ޔޫޕީއައިގެ ހިދުމަތް ފަށާފައި މި އަހަރުގެ ފެބްރުއަރީގައި ސްރީލަންކާ އަދި މޮރިޝަސްގަ އެވެ. އެންޕީސީއައިގެ އެންމެ މައިގަނޑު ޕްރޮޑަކްޓަކީ ރޫޕޭ ކާޑެވެ.














