ރެއިން ފެށިގެން މައްސަލަ ޖެހުނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް އެޕްލިކޭޝަން އާއި އިންޓަނެޓް ބޭންކިންގެ އިތުރުން އެ ބޭންކުގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިންތަކާއި އޭޓީއެމްތަކުގެ ހިދުމަތްތަކަށް ވެސް ބުރޫއަރައިފި އެވެ.
ބޭންކުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ބޭންކުގެ ގިނަ ހިދުމަތްތަކަށް ބުރޫއަރާފައިވަނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. ނަމަވެސް ބީއެމްއެލް ގެ ކްރެޑިޓް އަދި ޑެބިޓު ކާޑުތަކާއި އެހެން ބޭންކުތަކުގެ ކާޑުތަކުން ޕީއޯއެސް ނެޓްވޯކު ބޭނުންކުރެވޭނެ ކަމަށްވެސް އެ ޕޯސްޓުގައި ބުންޏެވެ.
ބީއެމްއެލް އިން ރޭ 10:00 ޖެހިއިރު އެންމެ ފުރަތަމަ ބުނީ އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ ފަވަރަ ސިސްޓަމް މެއިންޓެއިން ކުރަން އެ ހިދުމަތް މެދުކަނޑާލާ ވާހަކަ އެވެ. ނަމަވެސް ގާތްގަނޑަކަށް އެ ވަގުތު ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިންގެ ހިދުމަތް ވެސް ވަނީ ކެނޑިފަ އެވެ.
އޭގެ ފަހުން މިއަދު ހެނދުނު ބީއެމްއެލް އިން ބުނެފައި ވަނީ މޮބައިލް އަދި އިންޓަނެޓް ބޭންކިންގެ ހިދުމަތް ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން ބުނެފައެއް ނުވެ އެވެ.
ބީއެމްއެލްގެ ހިދުމަތްތަކަށް ފަހަކަށް އައިސް މައްސަލަތައް އަންނަނީ ދިމާވަމުންނެވެ. އެގޮތުން އެ ބޭންކުގެ ކާޑުން ދޭ ހިދުމަތްތަކަށް ވެސް ދާދި ފަހުން ބުރޫ އެރި އެވެ.

މީގެ އިތުރުން ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓަށް އޮޅިގެން ބިލިއަނުން ފައިސާ ޖަމާ ކުރެވުނު ފަހުން އެ ބޭންކުން ވަނީ ޕޭރޯލް އާއި ބަލްކް ޓްރާންސްފާ އިންޓަނެޓް ބޭންކިން އާއި ފަވަރަ މެދުވެރިކޮށް މުސާރަ ފޮނުވުމުގެ ހިދުމަތް ވެސް ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.












