ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްލަން ވަރަށް މަސައްކަތް ކުރާނެ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ޕީއެންސީގެ މެންބަރުން ހޮވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ހިމާޔަތް ކުރުމަށް ކަމަށެވެ.
"ރައްޔިތުންގެ އިއްޒަތްތެރި މެންބަރުން ހައްލަން އެކި ގޮތްގޮތަށް ވަރަށް މަސައްކަތް ކުރާނެ، މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ވަގުތެއް. ތިބޭފުޅުން ގަބޫލުކުރައްވަންވާނެ، ރައްޔިތުން ތިބޭފުޅުން އިންތިހާބު ކުރީ ރައީސް މުއިއްޒުގެ ވެރިކަން ދިފާއުކުރަން،" ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގައި ތިބި ޕީއެންސީގެ 75 މެންބަރުން މަސައްކަތް ކުރައްވަން ވާނީ ރައީސް މުއިއްޒަށް އެހީތެރިވެދީ ރައްޔިތުންނަށް ތަރައްގީއާ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް މަގުފަހި ކުރަންކަމަށެވެ.
"ތިބޭފުޅުންގެ ޒިންމާއަކަށް ވާންވާނީ ގައުމާއި ރައްޔިތުންނަށް ލާބަޔާއި މަންފާ ހުރި މަގުން ކުރިއަށް ދިޔުން، އެމަގުން ކުރިއަށް ދެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ އެކީގައި ސާބިތުވެ ތިބެގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

މިމޭރުމުން އަބްދުއްރަހީމް ވާހަކަ ދެއްކެވީ ޕީއެންސީގެ ބިޔަ ޕީޖީ ގްރޫޕުގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވަމުންދާ ދަނޑިވަޅެއްގަ އެވެ.
ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ ގޮތުގައި ހުންނެވި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ދާދި ފަހުން ވަނީ އެ މަގާމުން އިސްތިއުފާދެއްވައިފަ އެވެ.












