ގާނޫނު އަސާސީ ރިވިއު ކުރުމުގެ މަސައްކަތް ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ އައިޝަތު އާޒިމާ ޝަކޫރާއި ފާތިމަތު ދިޔާނާ ސައީދު އިސްވެ، ގާނޫނު އަސާސީ ރިވިއުކުރުުގެ މަސައްކަތް ފައްޓަވައިފި އެވެ.
މޯލްޑިވްސް ސެންޓަ ފޯ ޕޮލިސީ ސްޓަޑީޒް (ޕޮލިސީ އެމްވީ) ގެ ނަމުގައި ތިންކުޓޭންކެއް ހަދައިގެން، އާޒިމާ އާއި ދިޔާނާ ގުޅިގެން ކުރައްވާ މި މަސައްކަތުގައި އެ ދެ ބޭކަނބަލުންނާ އެކީ ބައިވެރިވަނީ ބޭރުގެ ފަސް ތަޖުރިބާކާރުންނެވެ.
މި މަސައްކަތާ ގުޅޭ ގޮތުން އާޒިމާ ވިދާޅުވީ، ގާނޫނު އަސާސީއަށް 16 އަހަރު ވެގެންދިޔައިރު ރަނގަޅަށް ރިވިއު ނުކުރެވި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި 10 ވަނަ އަހަރު ކުރެވުނު ޑެސްކް ރިވިއުގެ ހުށަހެޅުންތައް ވެސް ތަންފީޒު ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރީ ދިވެހިރާއްޖެ މިއޮތް ހާލަތުގައި އަދި ގާނޫނު އަސާސީ ތަސްދީގު ކުރެވިގެން 16 އަހަރު މި ފުރެނީ ތިން ދުވަސް ފަހުން. ފުރޭ އިރުގައި އަޅުގަނޑުމެންނަށް ގާނޫނު އަސާސީ ތަސްދީގު ކުރި އިރުގައާއި ގާނޫނު އަސާސީ އެކުލަވާލިއިރު މަސައްކަތް ކުރި ދެމީހުން،" އާޒިމާ ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަ ބައްޓަންކުރައްވަމުން ދިޔާނާ ވެސް ވިދާޅުވީ ގާނޫނު އަސާސީ ފަރުމާކުރިއިރު އެ ގާނޫނު އަސާސީގެ ދަށުން ލިބި ގަތުމަށް އެދުނު ދައުލަތް ލިބިފައި ނުވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށާއި ގައުމު ގިނަ ދާއިރާތަކުގައި ސޮއްސާލާފައިވާ ކަމަށެވެ.

އޭގެ އިތުރުން ދިޔާނާ ވިދާޅުވީ މުޖުތަމައުގެ އިތުބާރު ދައުލަތާމެދު ގެއްލި މާޔޫސްވީމަ އެކަމަށް ފަރުވާއެއް ހޯދަން މަޖުބޫރުވާ ކަމަށާއި ގާނޫނު އަސާސީ ރިވިއު ކުރުމުގެ އެންމެ ބޮޑު އަމާޒަކީ ވެސް އެއީ ކަމަށެވެ.
"ގާނޫނު އަސާސީ މުރާޖާ ކުރުން މުނާސަބުވަނީ ވެލިއުސްގެ މައްޗަށް ކަންކަން ނުހިނގާކަމަށް މުޖުތަމައުގެ ގިނަ ބަޔަކު ދެކެން ފެށުމުން. އަޅުގަނޑުމެންނަށް މިއަދު ޖާއިޒް ސުވާލެއް ގާނޫނު އަސާސީއެއް ރިވިއު ކުރުން ޖާއިޒްވެއްޖެތޯ މި ސުވާލަކީ. އަޅުގަނޑު ގަބޫލުކުރަނީ މިއީ މުނާސަބު ވަގުތެއް ކަމަށް. އެކަން ޖާއިޒް ވެއްޖެ ކަމަށް،" ދިޔާނާ ވިދާޅުވި އެވެ.
ޕޮލިސީއެމްވީން ހަދާ ރިވިއުގައި ގާނޫނު އަސާސީގެ މަފްހޫމްތަކުގެ 16 އޮނިގަނޑަކަށް ރިވިއު ހެދުމަށް ނިންމާފައިވާއިރު އެ ރިވިއު ހެދުމަށްފަހު ދައުލަތަށާއި އާންމުންނަށް އެ ރިޕޯޓް ހުށަހަޅާނެ އެވެ.













