އަންނަ ސެޕްޓެމްބަރު މަހު ވިލާ ކޮލެޖުން ފަށާ އާ ދެ ޑިގްރީ ޕްރޮގްރާމު، ޕޮލިޓިކަލް ސައިންސް އަދި ކުއަންޓިޓީ ސާވޭ ޕްރޮގްރާމު އިފްތިތާހުކޮށްފި އެވެ.
އެ ދެ ކޯސް އިފްތިތާހުކޮށް ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ވަނީ، ދިވެހި ދަރިވަރުންނަށް އުފާވެރި މާދަމާއެއް ހޯދައި ދިނުމަށް ވިލާ ކޮލެޖުން ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައިފަ އެވެ.
އަލަށް ފަށާ ޕޮލިޓިކަލް ސައިންސް ޑިގްރީ ޕްރޮގްރާމުގައި މަތީ ސާނަވީ ތައުލީމު ހާސިލު ކުރުން ނުވަތަ ކޯހާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް އޮތް ނަމަ ބައިވެރިވެވޭނެ އެވެ. އޭގެ ބަދަލުގައި ކޯހާއި ގުޅުމެއް ނެތްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފާސްކޮށްފައިވާ ޔުނިވާސިޓީ ޕްރޮގްރާމެއް ހާސިލްކޮށްފައިވާ ދަރިވަރުންނާއި، 20 އަހަރު ފުރިހަމަވެފައި، ސެކަންޑްރީ ސްކޫލް ނިންމާފައި، ކޯހާއި ގުޅުންހުރި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވް ކޮށްފައިވާ "ޕްރެޕެރޭޝަން ކޯސް" ހަދާފައިވާ ފަރާތްތަކަށް ވެސް ކޯހުގައި ބައިވެރިވެވޭނެ އެވެ.

ވިލާއިން ޕޮލިޓިކަލް ސައިންސްގެ އާ ޕްރޮގްރާމްތަކެއް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު
ޕޮލިޓިކަލް ސައިންސް ޕްރޮގްރާމު ފޭސް-ޓު-ފޭސް އަދި އީ-ލާނިންގެ މެދުވެރިކޮށް ކިޔަވައިދޭނެ ކަމަށާއި ނަމަވެސް ކުއަންޓިޓީ ސާވޭ ޕްރޮގްރާމް އޮންލައިންކޮށް ކިޔަވައި ނުދޭނެ ކަމަށް ވިލާ ކޮލެޖުން ވިދާޅުވި އެވެ. އެ ޕްރޮގްރާމުގައި ދަރިވަރުން ޖެހޭނީ ކޮލެޖަށް ހާޒިރުވާށެވެ.

ޕޮލިޓިކަލް ސައިންސް ޕްރޮގްރާމުގައި މުވާސަލާތް ކުރުމާއި ދިރާސާ ކުރުމުގެ އިތުރުން ގްރެޖުއޭޓްވާ ދަރިވަރުންނަށް ސިޔާސަތު ކަނޑައެޅުމާއި ބައިނަލްއަގުވާމީ މުއާމަލާތްކުރުން ދަސްވެ، ޕްރޮގްރާމުގެ ސްޓްރެޓެޖިކް ޕްލޭންއާއި ޑިޕްލޮމަސީއަށް ހާއްސަ ކަމެއް ދީގެން އުނގައިންނައިދޭނެ އެވެ.
ބެޗްލާ އޮފް ކުއަންޓިޓީ ސާވޭ ކޯހުގައި އިމާރާތްކުރުމުގެ މާހައުލުގައި މާލީ އަދި ޕްރޮކިއުމަންޓް ޕްރޮސެސްތައް ބެލެހެއްޓުމާއި ގާނޫނީ ކަންކަން އުނގަންނައި ދިނުމުގެ އިތުރުން ހަރަދު އަންދާޒާ ކުރުމާއި ޓެންޑާ ތައްޔާރު ކުރުންފަދަ ހުނަރުތައް ދަސްކޮށްދޭނެ އެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށް، އިންޑަސްޓްރިއަލް ޕްރޮޖެކްޓްތަކާއި އަދި ސިމިއުލޭޝާން ޓޫލްސް ބޭނުން ކުރާނެ އެވެ.













