ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ޖިހާދުކުރާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމުން ރާއްޖޭން ނެރުނު ބަޔާނުގައި އިޒްރޭލު ކުށްވެރިކޮށްފައި ނުވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ރޭ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހަނިއްޔާ އަވަހާރަކޮށްލި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލައިފައެއް ނުވެ އެވެ. ނަމަވެސް އެއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށް ހަމާސްއިން ވަނީ ތުހުމަތުކޮށްފަ އެވެ. އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަވަނިކޮށް އޭނާ އަވަހާރަކޮށްލީ އިޒްރޭލުން ކަމަށް އީރާނުން ވެސް ތުހުމަތުކުރެ އެވެ.
އެހެން ނަމަވެސް ރާއްޖޭން ނެރުނު ބަޔާނުގައި އިޒްރޭލާ ދެކޮޅަށް އެއްވެސް ބަހެއް ނުބުނި އިރު ގާޒާގައި އިޒްރޭލުން ހިންގަމުން ގެންދާ ޖެނޮސައިޑް ވެސް ސިފަކޮށްފައި އޮތީ "ކްރައިސިސް"އެއް ގެ ގޮތުގަ އެވެ.
ޕީއެންއެފުން އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީނު ވިދާޅުވީ ހަނިއްޔާ ޝަހީދުކޮށްލީ އިޒްރޭލުންނޭ ބުނަން ރާއްޖެއަށް ނުކެރުނު ކަމަށެވެ. އެގޮތަށް ބުނަން ނުކެރުމުން ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މިނިވަންކަމާ މެދު އެމަނިކުފާނު ސުވާލު ވެސް އުފެއްދެވި އެވެ.
"މި ދައުލަތަކަށް ނުކެރުނޭ، ހަނިއްޔާ މަރައިލީ ނޫނީ ޝަހީދުކޮށްލީ އިޒްރޭލޭ ބުނާކަށް ވެސް، އިޒްރޭލު ކުށްވެރިކޮށްލާކަށް ވެސް ނުކެރުނު، ދެން ކޮބާ ހާރިޖީ ސިޔާސަތު މިނިވަން ވެފައި؟ ކޯއްޗެއް މިނިވަން ވެގެން އުޅޭ ވާހަކައެއް ޖުލައި ސައްބީހުގެ، މިނިވަން ދުވަހުގެ ހިތޯބުގައި ރައީސް އެ ވިދާޅުވީ؟" ޔާމީނު ވިދާޅުވި އެވެ.

ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ޖެނޮސައިޑް ހިންގާތީ އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާކުރަން އާއްމުން ގެންދަނީ ގޮވައިލަމުންނެވެ. އެހެންވެ، އިޒްރޭލު ޕާސްޕޯޓްގައި އެއްވެސް މީހަކު ރާއްޖެއަށް އައުން މަނާކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.
ސަރުކާރުން ބުނި ގޮތަށް އެކަން ކޮށްފައި ނުވާތީ އެ ކަމަށް ވެސް ޔާމީނު ރޭ ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ދަނޑިވަޅުގައި އެމެރިކާއަށް ވަޑައިގެންނެވީ ވެސް އެމެރިކާއިން އަންގައިގެންނެވެ.













