އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
އިންޑިއާގެ ވިއޯން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާނީ މި ފެށޭ އޮގަސްޓު މަހު އެވެ. ދެތިން ދުވަހުގެ މި ދަތުރުގައި އޭނާ ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އޮގަސްޓު 9 ގައި ކަމަށް ވެސް ވިއޯންއިން ބުނެފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން އިންޑިއާ އަދި ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާގެ އިސް އޮފިޝަލަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވީ އިންޑިއާގެ އޭރުގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖުޖޫ އެވެ.
ޖައިޝަންކަރު ރާއްޖެއަށް ދަތުރެއް ކުރައްްވަން ނިންމަވާފައި މިވަނީ ޕީއެންސީގެ ވެރިކަމުގެ ކުރީކޮޅު ދެ ގައުމުގެ ދެމެދު އޮތް ހާރިޖީ ނުތަވަނަސްކަމަށް ފަހު ގުޅުން ބަދަހި ކުރަން ފަށާފައިވާ ދުވަސްވަރެއްގަ އެވެ.

ޖައިޝަންކަރު އެންމެ ފަހުން ރާއްޖެ ވަޑައިގަތީ އިންޑިއާ ސަރުކާރުގެ އެހީގައި ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް ރަނގަޅު ކަންކަން ވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖޫން 11، ގައި ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު އެހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.
މީގެއިތުރުން ރައީސް ވަނީ މި ދަތުރުގެ ތެރެއިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު އަދި، ދަތުރަށްފަހު އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާ ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި މަޝްރޫއުތަކުގެ ސްޕީޑު އަވަސްކޮށް، އެހީތެރިކަން އިތުރު ކުރުމަށް މަޝްވަރާކުރައްވާފަ އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވަނީ އިންޑިއާގެ އެހީތަކަށް ތަކުރާރުކޮށް ޝުކުރު އަދާކުރައްވާފަ އެވެ. ރައީސް ވަނީ ރާއްޖޭގައި އޮންނަ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓުން ބަލި މީހުން އުފުލުން ހުއްޓާލާފައި އޮތުމަށް ފަހު، އެރޭ އެ ބޯޓު ބޭނުންކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާއާއެކު ގުޅުން ވަރުގަދަ ކުރަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާއިރު، އެ މަނިކުފާނު ކުރިން މަސައްކަތް ކުރެއްވީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭން ބޭރުކޮށް، އިންޑިއާ އަށް ބަރޯސާވުން ކުޑަކުރުމަށެވެ.














