ރާއްޖޭގައި އެކި އެކި ފަންނީ ދާއިރާތަކުގެ އެކްރެޑިޓޭޝަން ކައުންސިލްތައް ނެތުމުން އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް، އެފަދަ ކައުންސިލްތައް ރާއްޖެއަށް ބޭނުންވާ ކަމަށް ވިލާ ކޮލެޖުން ބުނެފި އެވެ.
މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ އަލީ ނަޖީބު ވިދާޅުވީ ރާއްޖޭގެ ކިޔަވާ ކުދިން ބޭރަށް ކިޔަވަން ދިޔުން ހުއްޓުވަން، ބޭރު ގައުމުތަކުން ކުދިން ރާއްޖެއަށް ކިޔަވަން ގެނައުމަށް އެކްރެޑިޓޭޝަންގެ މައްޗަށް ވިސްނަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ޕްރޮގްރާމްތަކަކީ ބޭރުގެ ތަންތަނުން ގަބޫލުކުރާ ޕްރޮގްރާމުތަކަށް ހެދޭނީ، އެކްރެޑިޓޭޝަން ކައުންސިލްތަކުން ގަބޫލުކުރާ ޕްރޮގްރާމްތަކަށް އެ ޕްރޮގްރާމްތައް ހެދިގެން ކަމަށާއި ޑުއަލް ޑިގްރީ ޖޮއިންޓް ޕްރޮގްރާމްތައް ބޭރު އިންޓަނޭޝަނަލް ޕާޓްނަރުންނާ މެދު މަސައްކަތް ކުރާއިރު ވެސް އެކަމަށް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ބައެއް އެކްރެޑިޓޭޝަން ކައުންސިލްތައް ވަރަށް ރަނގަޅަށް ފަންކްޝަންކުރާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ނަމަވެސް ބައެއް ކަހަލަ ޑިސިޕްލިންތަކުގައި އަޅުގަނޑުމެންނަށް އުނދަގޫ އިންޓަނޭޝަނަލް އެކްރެޑިޓޭޝަނަށް ދާން ދިވެހިރާއްޖޭގައި އިންސްޓިޓިއުޝޭނަލް މެކޭނިޒަމެއް ނެތީމަ،" ނަޖީބް ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ އިންޖިނިއަރިން ޕްރޮގްރާމްތައް ވޮޝިންޓަން އެކޯޑުގައި އެކްރެޑިޓްކުރަން މަސައްކަތް ކުރި ނަމަވެސް، ރާއްޖޭގައި އިންޖިނިއަރިން ކައުންސިލެއް ނެތުމުން އެކަމުގެ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން ވޮޝިންޓަން އެކޯޑަށް ދެވޭނެ ގޮތެއް މިވަގުތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އޭނާ ވިދާޅުވީ ރާއްޖޭގައި ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެކްރެޑިޓް، ރޭންކް ކުރެވޭނެ ގޮތާއި، ރޭޓް ކުރެވޭނެ ގޮތް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.












