މޭޔަރު ކަމާ ހަވާލުވިފަހުން މާލެ ސިޓީ ކައުންސިލްގެ އޮފީހެއް މިހާރު ހިންގަމުންދާ އިމާރާތެއް ހުސްކުރަން އަންގައި ފަސް ސިޓީއެއް މިހައިތަނަށް ފޮނުވާފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ރައްޔިތުންނާ ބައްދަލު ކުރުމަށް ރޭ ލޮނުޒިޔާރަތް ޕާކުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ހިދުމަތްތައް އެއްތަނަކުން ދެވޭނެ ގޮތެއް ނެތުމަކީ ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އެކަން އެހެން އޮއްވައި މިހާރު ވެސް މާލެ ސިޓީ ކައުންސިލުގެ އޮފީހެއް ހިންގަމުން އަންނަ އިމާރާތަކުން ނުކުތުމަށް އަންގައި ސިޓީ ފޮނުވާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މިއަދުވެސް އަޅުގަނޑުމެން ތިބި ތަނުން ނުކުންނަން އެބަ އާދޭ ސިޓީތައް، ވަކި ވަންނާނެ ތަނެއް ނެތީމާ މިތިބީ، ފަސް ސިޓީ މިހާރު އައިސްފި އަޅުގަނޑު ހަވާލުވިފަހުން ވެސް، އެއްތަނަކުން ނުކުންނަން، ރައްޔިތުންނަށް އެނގެންޖެހޭ އަޅުގަނޑުމެން އުޅޭ ހާލު، މި ހާލުގައި ހިދުމަތް ދެމުން މިދަނީ،" އާޒިމް ވިދާޅުވި އެވެ.
"އަދަދު" އަށް އެނގިފައި ވާގޮތުގައި ހުސްކުރަން އަންގާފައި ވަނީ މާލެ ސިޓީ ކައުންސިލުގެ ލޭންޑު ޔޫޒް ޑިޕާޓުމެންޓު ހިންގަމުންދާ އޮފީހެވެ. އެ އޮފީސް ހިންގަމުން ދަނީ ހައުސިން މިނިސްޓަރީ ވެސް ހިންގަމުންދާ އިމާރާތުގަ އެވެ. އެ އިމާރާތަކީ ސަރުކާރުގެ އިމާރާތެކެވެ.
ރޭގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލް މިހާރު އޮތީ މާލޭގެ އެކި ތަންތަނަށް އުކާލާއިފައި ކަމަށާއި ހާލަތު އޮތް ގޮތުން ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް، ހިދުމަތް ހޯދަން ދާންވީ ކޮންތަނަކަށް ކަމެއް ނޭނގޭ ކަމަށެވެ.

"މިހާރު މާލެ ސިޓީ ކައުންސިލު މިވަނީ މުޅި މާލެ ތެރެއަށް އުކައިލެވިފައި، ހަތް ތަނަކުން އަށް ތަނަކުން ހިދުމަތް އެބަދެވޭ، ހިދުމަތް ލިބިގަންނަން ދާނެ ތަނެއް ނޭނގޭ ހިސާބުގައި އަޅުގަނޑުމެންގެ ކައުންސިލު މިހާރު މިއޮތީ، މި މަސައްކަތް ހައްލު ކުރުމަށްޓަކައި މުޅި ކައުންސިލުގެ އެހީތެރިކަމާއި ސަރުކާރުގެ އެހީތެރިކަމާއި އެއްކޮށް އަޅުގަނޑުމެންނަށް މިކަންތައް ހައްލު ކުރެވެން މިއަންނަނީ،" އާޒިމް ވިދާޅުވި އެވެ.
ރެޖިސްޓްރޭޝަންގެ ހިދުމަތްތައް ފިޔަވައި ސިޓީ ކައުންސިލުގެ ހުރިހާ ހިދުމަތެއް ދެމުންދިޔައީ ބިއްލޫރިޖެހިގޭގަ އެވެ. އެ އިމާރާތުން މާލެ ސިޓީ ކައުންސިލުގެ އިދާރާ ނެރުނީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު އެވެ.
އޭރު ސިޓީ ކައުންސިލުގެ ހިދުމަތްތައް ދިނުމަށް ހާއްސަ ކުރީ މާފަންނު މުނިސިޕަލްޓީ ކުރިން ހިންގި އިމާރާތެވެ. މާލޭގެ އެކި ތަންތަނުގައި މާލެ ސިޓީ ކައުންސިލުގެ އޮފީސްތަކެއް ހިންގަން ފެށީ އެއަށްފަހު އެވެ.













