ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގެ ޖޫނިއާ ކެޓަގަރީގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރިހި މެޑަލް 13 އަހަރުގެ އަމްނާ ތަޒްކިޔާ މިރުސާދު ހޯދައިފި އެވެ.
މި މުބާރާތުގައި މިހާތަނަށް ރާއްޖޭން ހޯދި ތިން މެޑަލް ގައި ވެސް ތަޒްކިޔާގެ ދައުރު އެބައޮތެވެ. އެ ގޮތުން، ތަޒްކިޔާ ފުރަތަމަ ހޯދާފައިވަނީ 100 މީޓަރު ފްރީސްޓައިލް އިވެންޓުން ލޯ މެޑަލެވެ. އަދި މި މުބާރާތުގައި 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުން ލޯ މެޑަލް ހޯދި ޓީމުގައި ވެސް ތަޒްކިޔާ ހިމެނެ އެވެ.
ތަޒްކިޔާގެ އިތުރުން ދެން ހިމެނެނީ، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ހަލީލް އެވެ.
ފަންސާސް މީޓަރު ފްރީސްޓައިލް އިވެންޓުގެ ފައިނަލުގައި ތަޒްކިޔާގެ ޓައިމިން އަކީ 00:29.67 އެވެ.
ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުން، ތަޒްކިޔާ ވަނީ ދެ ފަހަރު ގައުމީ ރެކޯވެސް މުގުރާލައިފަ އެވެ.
ތަޒްކިޔާ، 100 މީޓަރު ފްރީސްޓައިލް އިވެންޓު، އިއްޔެ އެންމެ ފުރަތަމަ، ޕްރިލިމިނަރީ ހީޓުގައި ނިންމާފައިވަނީ 01:05.53 ޓައިމިން އަކުންނެވެ. ތަޒްކިޔާގެ މި ޓައިމިން އަކީ، މިއީ ގައުމީ ރެކޯޑެކެވެ. މި ރެކޯޑް އެންމެ ފަހުން އާ ކުރެވިފައިވަނީ މީގެ އަށް އަހަރު ކުރިންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އާމިނަތު ޝަޖަން އެވެ. އެއީ 2016 ވަނަ އަހަރު ބޭއްވުނު ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި 01:05.71 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އެހެންކަމުން، ތަޒްކިޔާ މި އާ ކޮށްފައިވަނީ، ގިނަ އަހަރުތަކެއް ވަންދެން އާ ނުކުރެވި އޮތް ރެކޯޑެކެވެ.
އެކަމަކު، ތަޒްކިޔާ ވަނީ، އޭނާގެ އަމިއްލަ ރެކޯޑް ޓައިމިން އަށް މާ ލަސްތަކެއް ނުވެ ކުރިއެރުން ހޯދައިފަ އެވެ. އެ ގޮތުން، އެ އިވެންޓްގެ ފައިނަލްގައި ވާދަކޮށް، ތަޒްކިޔާ، އެއިވެންޓުގެ ފައިނަލްގައި ވާދަކޮށް 01:05.03 އިން، ނިންމައި، ގައުމީ ރެކޯޑަކާ އެކު، ލޯ މެޑަލް ހޯދީ އެވެ.












