މޫސުން ގޯސްވުމާ ގުޅިގެން މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ބާއްވާ ހާއްސަ ޕެރޭޑު އެހެން ދުވަހަކަށް ފަސްކުރަން ނިންމައިފި އެވެ.
އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ މަގުތަކުގައި ބާއްވަން މިއަދު ހަމަޖެއްސި ހިނގާލުން އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށެވެ.
މިނިވަންދުވަހުގެ ޕެރޭޑަކީ ސިފައިންނާއި ކެޑޭޓުން ކޮންމެ އަހަރެއްގެ ޖުލައި 26، ގެ ހަވީރު ކުރިއަށް ގެންދާ ރަސްމީ ހަރަކާތެކެވެ. މި ހަރަކާތް ބައްލަވާލައްވަން އޭރަކު ހުންނަވާ ރައީސާއި އަނބިކަނބަލުން ވަޑައިގަންނަވަ އެވެ.
ހިނގާލުމާ ގުޅިގެން ހަވީރު މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުންވެސް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އެ ނިންމުން ބަދަލުކުރިކަން އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެ އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ގޯހެވެ. އެގޮތުން ފުވައްމުލަކާއި އައްޑޫ ފިޔަވާ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ވައިޓް އެލާޓު ނެރެފަ އެވެ.

މެޓުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި 40 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވެ އެވެ.












